10 ކިލޯމީޓަރު ރެކޯޑް ފަޒީލް އާކޮށްފި

އިއްޔެގެ ދުވުމަށްފަހު ފަޒީލް ގައުމީ ދިދައާއެކު --- ފޮޓޯ/ ފަޒީލް ފޭސްބުކް

އެތުލެޓިކްސްގެ 10 ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑު ހުސައިން ފަޒީލް ހާރޫން އާކޮށްފިއެވެ.

ފަޒީލް އޭނާގެ ރެކޯޑު އާކޮށްފައިވަނީ މޮރޮކޯގެ މެކްނެސްގައި އިއްޔެ ކުރިއަށްދިޔަ ސެމީ މެރަތަން އިންޓަނޭޝަނަލް މެކްނެސް 2018 ގައި ދުވެ، 31 މިނެޓް 48 ސިކުންތުން ދުވުން ފުރިހަމަކޮށްގެންނެވެ. އެއީ ފަޒީލް ކުރިން ހަދައިފައިވާ ރެކޯޑަށްވުރެ އެއް މިނެޓް 59 ސިކުންތު އަވަސް ވަގުތެކެވެ.

ދިހަ ކިލޯމީޓަރުގެ ރެކޯޑު ފަޒީލް ހަދައިފައިވަނީ މިދިޔަ އަހަރުގެ މާޗު މަސްތެރޭގައި މޮރޮކޯގެ އުޖްޑާ އިންޓަނޭޝަނަލްގައި ދުވެއެވެ. އޭގެ ކުރިން ރެކޯޑު އޮތީ ޒައިދު ޝަރީފް އަތުގައެވެ. ފަޒީލް ޒައިދުގެ ރެކޯޑު މުގުރާލީ، ޒައިދު ރެކޯޑު ހެދިތާ ދެމަސްވެސް ނުވަނީހެވެ.

ފަޒީލްގެ ކުރިން 10 ކިލޯމީޓަރު ރެކޯޑު އޮންނަ ޒައިދު، ރެކޯޑު ހަދާފައިވަނީ މިދިޔަ އަހަރު ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ދުބާއީ މެރަތަންގައި ދުވެ 34 މިނެޓާއި 40 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭރު ޒައިދު މުގުރާލާފައިވަނީ 1999 ވަނަ އަހަރު ބޭއްވި މާލޭ މެރަތަންގައި ނަސީރު އިސްމާއިލް ހެދި ރެކޯޑެވެ.

މިހާރު 10 ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑް އޮންނަ ފަޒީލަކީ ފަސް ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑު ވެސް އޮންނަ ދުވުންތެރިޔާއެވެ. ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) ހަދާފައިވާ އެ ރެކޯޑު 2016 ވަނަ އަހަރު ދިރާގު ރޯޑް ރޭހުގައި ދުވެ، ފަޒީލް މުގުރާލީ 16 މިނެޓް 31 ސިކުންތުން ދުވުން ފުރިހަމަކޮށްގެންނެވެ.

comment ކޮމެންޓް