ގްރީންއަށް އުޒުބަކިސްތާންގެ ކީޕަރަކާއި ޔުކުރެއިންގެ ފޯވަޑެއް

ގްރީންއާ އަލަށް ގުޅުނު ކުޅުންތެރިން އެ ކްލަބުގެ ރައީސް އަހުމަދު ޝަޒީންއާއެކު ---

މި ސީޒަނަށް ތައްޔާރުވަމުން އަންނަ ކްލަބު ގްރީން ސްޓްރީޓްސްއަށް އުޒުބަކިސްތާން ކީޕަރަކާއި ޔުކުރެއިންގެ ފޯވަޑެއް ގުޅިއްޖެއެވެ.

މި ދެކުޅުންތެރިންވެސް ގްރީންގެ ފަރިތަކުރުންތަކާ މިއަދު ގުޅިފައިވާ ކަމަށް ކްލަބުން މައުލޫމާތު ދީފައިވެއެވެ.

ގްރީންއަށް ގެނައި އުޒުބަކިސްތާން ކީޕަރަކީ އުމުރުން 24 އަހަރުގެ ސާގީ މޮރޮޑީންއެވެ. 2011 ވަނަ އަހަރުން ފެށިގެން ޔުކުރެއިންގެ ޒުވާން ގައުމީ ޓީމުތަކުގައި ހިމެނެމުން އަންނަ ސާގީވަނީ އެގައުމުގެ 17 އަހަރުން ދަށް، 19 އަހަރުން ދަށާއި 21 އަހަރުން ދަށް އަދި 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ސްކޮޑުގައިވެސް ހިމެނިފައެވެ.

ގްރީންއަށް ގެނައި އުޒުބަކިސްތާން ކީޕަރު ސާގީ މޮރޮޑީން ---

ސާގީގެ ކްލަބު ކެރިއަރަށް ބަލާއިރު އޭނާވަނީ އުޒުބަކިސްތާންގެ ފުރަތަމަ ޑިވިޝަން ކްލަބުތައް ކަމަށްވާ އެފްކޭ އަންޑިޔާން އަދި ނެފްޓްޗީ ފެރްގާނާއަށްވެސް ކުޅެފައެވެ. ސާގީ އެންމެ ފަހުން ކުޅެފައިވަނީ ޔުކުރެއިންގެ ފުރަތަމަ ޑިވިޝަން ކްލަބު، ކޮރޮމޮރެސް އޮޑީއްސާއަށެވެ.

ގްރީންއަށް ގެނައި ފޯވަޑަކީ އުމުރުން 27 އަހަރުގެ ޔުކުރެއިން ފޯވަޑް ރޮލަންޑް ރަސުލް ބިލާލާއެވެ. 2011 ވަނަ އަހަރުގެ ސީޒަންގައި ރޮލަންޑް ކުޅެފައިވަނީ މޯލްޑޯވާގެ ފުރަތަމަ ޑިވިޝަން ޓީމު، ޓްރަސް ޕޯލްއަށެވެ.

އޭގެ ފަހުން މިދިޔަ ސީޒަނާ ހަމައަށް ރޮލަންޑް ހޭދަކުރީ އަމިއްލަ ގައުމު، ޔުކުރެއިންގެ ފުރަތަމަ ޑިވިޝަން ޓީމު ތަކުގައެވެ. އެގޮތުން އޭނާވަނީ ޔުކުރެއިންގެ ފުރަތަމަ ޑިވިޝަން ކްލަބުތައް ކަމަށްވާ ޔުކުރޭހްރޮކޮމާއި ބުކޮވީނާގެ އިތުރުން ސްކާލާ ސްޓްރިއީ އަދި ޓާނޮޕިލްއަށްވެސް ކުޅެފައެވެ. މިދިޔަ ސީޒަންގައި ރޮލަންޑް ކުޅުނީ ލިތުއޭނިއާގެ ފުރަތަމަ ޑިވިޝަން ކަލްބު، ޕަނެވެޒީސަށެވެ.

ރޮލަންޑްވަނީ 2006 ވަނަ އަހަރު ޔުކުރެއިންގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ސްކޮޑުގައިވެސް ހިމެނިފައެވެ.

މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ގްރީންއިންވަނީ މިދިޔަ ސީޒަންގައިވެސް އެޓީމަށް ކުޅުނު ބިދޭސީ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސޮބުލް އިލިއާވެސް ގެނެސްފައެވެ. އަދި މީގެ އިތުރުންވެސް ޔޫކްރޭނުގެ ޒުވާން ޑިފެންޑަރެއް ކަމަށްވާ އޯލިގް އެފިމްޗަކްވެސް ވަނީ ގްރީންއާ ގުޅިފައެވެ.

comment ކޮމެންޓް