މިދިޔަ މަހު ފަތުރުވެރިން އައި އަދަދު އިތުރުވެއްޖެ، އެންމެ ގިނައީ ޗައިނާ ފަތުރުވެރިން

މި އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް އެމްއެމްޕީއާރުސީ އިން ހޫނު މަރުހަބާއެއް ކިޔުން --ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހުސްވި ޖެނުއަރީ މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު 13.6 ޕަސެންޓު އިތުރުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 142351 ފަތުރުވެރިންނެވެ.

މިދިޔަ މަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޔޫރަޕުގެ ގައުމުތަކުންނެވެ. އެއީ ޖުމުލަ ފަތުރުވެރިންގެ 53.8 ޕަސެންޓެވެ. ޔޫރަޕުން ޖުމުލަ 76603 ފަތުރުވެރިން މިދިޔަ މަހު ޒިޔާރަތްކޮށްފައިވާއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އޭޝިއާ ޕެސިފިކްގެ ގައުމުތަކުންނެވެ. އެއީ 52525 ފަތުރުވެރިންނެވެ.

އެމެރިކާ ސަރަހައްދުން ވަނީ 6581 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެއީ ޖުމުލަ ފަތުރުވެރިންގެ 3.9 ޕަސެންޓެވެ. މެދުއިރުމަތީގެ ގައުމުތަކުން މިދިޔަމަހު 5567 ފަތުުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ ޖުމުލަ ފަތުރުވެރިންގެ 3.9 ޕަސެންޓެވެ.

ވަކިވަކި މާކެޓުތަކަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާ އިންނެވެ. އެއީ ޖުމުލަ ފަތުރުވެރިންގެ 18.1 ޕަސެންޓެވެ. މީގެ އިތުރުން އިޓަލީ ވިލާތާއި ރަޝިއާ، އިނގިރޭސިވިލާތް، އިންޑިއާ އަދި ޖަރުމަނު ހިމެނެނީ މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ތެރޭގައެވެ.

comment ކޮމެންޓް