ވޯލްޑް ކަޕް ބޭއްވުމަށް ރަޝިޔާ އޮތީ 99 ޕަސެންޓް ތައްޔާރަށް: ފީފާ

ރަޝިޔާ ވޯލްޑް ކަޕުގެ ފުރަތަމަ މެޗާއި ފައިނަލް މެޗުވެސް ކުޅޭނެ ލުޒްނީކީ ސްޓޭޑިއަމް ---ފޮޓޯ/ ފީފާ

މިއަހަރު ޖޫން މަހު ރަޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕަށް މުބާރާތް ބާއްވާ ގައުމު އޮތީ 99 ޕަސެންޓް ތައްޔާރަށް ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.

މިހާރު ނައިޖީރިއާގައި ކުރިއަށްދާ ފީފާ ސަމިޓުގައި އިންފަންޓީނޯ މިހެން ވިދާޅުވެފައިވަނީ ބައެއް މީޑިއާތަކުން ރަޝިޔާގެ ސްޓޭޑިއަމްތައް ފީފާގެ މިންގަނޑުތަަކަށް ނުފެތޭ ކަމަށް މީޑިއާގައި އަޑު ފެތުރިފައިވަނިކޮށެވެ.

އިންފަންޓީނޯ ބުނީ މިއަހަރުގެ ވޯލްޑް ކަޕަށް ރަޝިއާ ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި، މިހާރު ކުރަމުންދާ މަސައްކަތަކީ ހުރިހާ ކަމެއްގެވެސް 'ފިނިޝިން' މަސައްކަތް ކަމަށެވެ. އަދި ވޯލްޑް ކަޕަށް ރަޝިޔާއަށް ދާ ހުރިހާ އެންމެނަށްވެސް ފުރިހަމަ ވޯލްޑް ކަޕެއް ފެންނާނެ ކަމުގެ ފުރިހަމަ ޔަގީންކަންވެސް އިންފަންޓީނޯވަނީ ދީފައެވެ.

ނައިޖީރިއާގައި މިހާރު ކުރިއަށްދާ ފީފާގެ ސަމިޓަކީ ފީފާއިން ޒުވާން އުމުރުފުރާތަކަށް އަމާޒުކޮށް ކުރިއަށްގެންދާ މުބާރާތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދިިއުމަށް ބާއްވާ ސަމިޓެކެވެ. މި ސަމިޓްގައި ވާހަކަ ދައްކަވަމުން އިންފެންޓީނޯވަނީ 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ޗެމްޕިއަން ފަސް ފަހަރަށް ހޯދާފައިވާ ނައިޖީރިއާގެ ކުރިއެރުމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔައިފައެވެ.

މިއަހަރުގެ ޖޫން މަހު ރަޝިޔާގައި ފަށާ ވޯލްޑްކަޕު ކުޅުމަށް ހަމަޖެހިފައިވަނީ 11 ސިޓީއެއްގެ 12 ސްޓޭޑިއަމްގައެވެ. ރަޝިޔާގެ ތައްޔާރީތައް މިނެކިރާލުމަށްޓަކައި މިއަހަރު ފީފާއިންވަނީ، ކޮންފެޑެރޭޝަން ކަޕު އެގައުމުގައި ބާއްވައިފައެވެ. ކޮންފެޑަރޭޝަންސް ކަޕަކީ ވޯލްޑް ކަޕު ބާއްވާ ގައުމުގެ ތައްޔާރީތައް ބެލުމަށް، ވޯލްޑް ކަޕު ބާއްވާ އަހަރުގެ ކުރީ އަހަރު ފީފާއިން ކުރިއަށް ގެންދާ މުބާރާތެކެވެ.

comment ކޮމެންޓް