ރާއްޖޭގެ މަސްރަހު ފިނިކުރަން އިނގިރޭސި ވަފުދެއް ފޮނުވަން މަޝްވަރާކޮށްފި

ހޫގޯ ސްވަޔާ---

ރާއްޖޭގެ ސިޔާސީ މަސްރަހު ފިނިކުރުމަށް މަޝްވަރާކުރުމަށް އިނގިރޭސިވިލާތުގެ ވަފުދެއް ރާއްޖެ ފޮނުވަން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި މަޝްވަރާކޮށްފި އެވެ.

އިއްޔެ ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާގައި ރާއްޖޭގެ މަސްރަހާ ގުޅޭގޮން ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަ ދެއްކެވީ އިނގިރޭސި ވިލާތުގެ ފޮރިން މިނިސްޓްރީގެ ކުރީގެ މިނިސްޓަރު ހޫގޯ ސްވަޔާ އެވެ. ސްވަޔާ އަކީ މިހާރު ކޮންޒަވޭޓިވް ޕާޓީގެ މެެންބަރެކެވެ.

ސްވަޔާ ވަނީ ރާއްޖޭގެ މަޝްރަހު މިހާރު އޮތް ގޮތުން މަޝްވަރާކުރުމަށް އިނގިރޭސި ވަފުދެއް ފޮނުވަން ނުވަތަ ޔޫއެން އިން ވަފުދެއް ފޮނުވަން ބާރުއަޅަން ސެކްރެޓަރީ އޮފް ސްޓޭޓް އެއްބަސްތޯ ސުވާލުކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބުދެއްވާ އިނގިރޭސިވިލާތުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް މާކް ފީލްޑް ވިދާޅުވީ ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީން އާ ވާހަކަ ދައްކަވާނެ ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމަށް ގޮވާލައްވާ ކަމަށެވެ. އަދި ސްވަޔާގެ ހުށަހެޅުމާ މެދު ވަރަށް ބޮޑަށް ވިސްނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްވަޔާ މި ސުވާލު ކުރެއްވީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް ދަންމައިލުމަށް އިއްޔެ މަޖިލީހުން ނިންމުމާއެކު އެވެ. އަދި އިނގިރޭސި ވިލާތުގެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރާ މަންޒިލަކަށް ރާއްޖެ ވެފައި ރާއްޖޭގެ މަސްރަހު އޮތް ގޮތުން އިންޑިއާ އާއި ޗައިނާ އާ ދެމެދު އޮންނަ ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ހިނގައިދާނެތީ އެވެ.

comment ކޮމެންޓް