ރެހެންދި އެވޯޑަށް 20 ކަނބަލެއް ކުރިމަތިލި، އެވޯޑް ދިނުން މާޗް އަށެއްގައި

ސިޔާސީ އަދި އާންމު ހިދުމަތުގެ ދާއިރާއިން މިދިޔަ އަހަރު ރެހެންދި އެވޯޑް ހާސިލްކުރި ނަޒީރާ އިބްރާހިމް މަނިކަށް ރައީސް ޔާމީން އެވޯޑް ހަވާލުކޮށްދެއްވަނީ --- ފައިލް ފޮޓޯ/ ފޭސްބުކް

މުޖުތަމައުއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަނބަލުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުންދޭ ރެހެންދި އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 20 ކަނބަލަކު ކުރިމަތިލާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ރެހެންދި އެވޯޑަކީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެއްފަހަރު ޖެންޑާ މިނިސްޓްރީންދޭ އަންހެނުންނަށް ދޭ ހާއްސަ އެވޯޑެކެވެ.

އެ އެވޯޑަށް ކުރިމަތިލާން ޖެންޑާ މިނިސްޓްރީން އެންމެ ފުރަތަމަ ފުރުސަތު ހުޅުވާލީ ނިމިދިޔަ ޖަނަވަރީ މަހުގެ ކުރީކޮޅު އެވެ. ނަމަވެސް މުއްދަތު ހަމަވުމުން ފަހުން އިތުރު ހަތަރު ދުވަހަށް މުއްދަތު އިތުރުކުރި އެވެ.

މިއަހަރުގެ ރެހެންދި އެވޯޑަށް ޖެންޑާ މިނިސްޓްރީން ވަނީ ދެ ކެޓަގަރީއަކުން ހަ ދާއިރާއަކަށް އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފައެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ، މުއްދަތު ހަމަވިއިރު ޖުމްލަ 20 ފަރާތަކުން އެވޯޑަށް ކުރިމަތި ލާފައިވާ ކަމަށެވެ. އަދި ކުރިމަތިލި ފަރާތްތަކާ އިންޓަވިއުކޮށް އެވަލުއޭޓް ކުރުމުގެ މަސައްކަތް، އެކަމަށް ހާއްސަ ކޮށްފައިވާ ހާއްސަ ކޮމިޓީއަކުން ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ރެހެންދި އެވޯޑް ތައާރަފްކުރި ފަހުން އެ އެވޯޑް މިހާތަނަށް 18 ކަނބަލަކަށް ދީފައިވެއެވެ.

comment ކޮމެންޓް