ސީރިއާ ސަރުކާރުން ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 250 އަށް އަރައިފި

ސީރިއާގެ އިރުމަތީ ގޯތާގެ ހޮސްޕިޓަލްތަކަށް ބައެއް ހަމަލާތައް ވަނީ އަމާޒުކޮށްފައި -- ފޮޓޯ: އޭއެފްޕީ

ދިމިޝްގު (ފެބްރުއަރީ 21): ސީރިއާގައި އިދިކޮޅު ފަރާތްތަކުން ހިފާފައިވާ އިރުމަތީ ގޯތާއަށް ސަރުކާރުގެ ފައުޖުތަކުން ފާއިތުވި ދެ ދުވަސް ތެރޭ ދިން ހަމަލާތަކުގައި މަރުވި އާއްމުންގެ އަދަދު 250 އަށް އަރައިފި އެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނި ގޮތުގައި އެއީ 2013އިގެ ފަހުން، ދެ ދުވަސް ތެރޭ އެހާ ވަރަށް މީހުން މަރުވި ފުރަތަމަ ފަހަރެވެ. އެގޮތުން އިއްޔެ ދިން ހަމަލާތަކުގައި އެކަނި ވެސް 106 މީހަކު މަރުވެފައިވާ ކަމަށާއި 1،200 މީހުން ޒަހަމްވެފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓަރީން ބުންޏެވެ.

އަދި ފާއިތުވި ދެ ދުވަހު ސީރިއާގެ ސަރުކާރުން ދިން ހަމަލާތައް ހަ ހޮސްޕިޓަލަކަށް އަމާޒުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ތިން ހޮސްޕިޓަލެއް ބޭނުން ނުކުރެވޭ ވަރުވެފައިވާ ކަމަށް އދ.އިން ބުންޏެވެ.

ގޯތާއަކީ އިދިކޮޅު ފަރާތްތަކުން ހިފާފައިވާ ސަރަހައްދެއް ނަމަވެސް 2013 ވަނަ އަހަރުން ފެށިގެން އެ ސަރަހައްދު އޮތީ ސީރިއާ ސަރުކާރުން ހިސާރުކޮށްފަ އެވެ. އަދި ސަރުކާރުގެ ބާރުގެ ދަށަށް ގޯތާ ގެނައުމަށް ޓަކައި އަސްކަރީ ފައުޖުތަކުން ދަނީ އެސަރަހައްދަށް އެއްގަމު މަގުން ހަމަލާދޭން ތައްޔާރުވަމުން ކަމަށް ސީރިއަން އޮބްޒަވޭޓަރީން ބުންޏެވެ. (އަލްޖަޒީރާ)

comment ކޮމެންޓް