އީގަލްސްއަށް ބްރެޒިލް ފޯވަޑެއް

ލުއިޒް އެޑްވާޑޯ ޕުރްސީނޯ ތައިލެންޑްގެ ޕޮލިސް ޔުނައިޓެޑް ޖާޒީގައި --- ފޮޓޯ/ މީސް މީޑިއާ

މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބްރެޒިލްގެ ފޯވަޑެއް ކްލަބު އީގަލްސްއިން ގެނެސްފިއެވެ.

އުމުރުން 29 އަހަރުގެ ބްރެޒިލް ފޯވަޑް ލުއިޒް އެޑްވާޑޯ ޕުރްސީނޯ އީގަލްސްއަށް ސޮއިކުރިކަން އެ ކަލްބުންވަނީ 'ސަން ސްޕޯޓްސް' އަށް ޔަގީންކޮށްދީފައެވެ.

ޕުރްސީނޯއަކީ ތައިލެންޑާ މެލޭޝިއާގެ އެކި ޓީމުތަކަށް ކުޅެ ގިނަ ގޯލްތަކެއް ޖަހައިފައިވާ ކުޅުންތެރިއެކެވެ. ޕުރްސީނޯގެ އޭޝިއާ ކެރިއަރު ފެށައިފައިވަނީ 2010 ވަނަ އަހަރު ތައިލެންޑްގެ ބިއުރިރާމް ޕީއީއޭއިންނެވެ. ޕުރްސީނޯވަނީ އެ ކްލަބާއެކު ކުޅުނު 21 މެޗުން 10 ގޯލް ޖަހައިފައެވެ. ބިއުރިރާމްއަކީ އޭރު ތައިލެންޑްގެ ދެވަނަ ޑިވިޝަންގައި ކުޅުނު ޓީމެކެވެ. އެޓީމު މިހާރު އޮތީ ތައިލެންޑްގެ ފުރަތަމަ ޑިވިޝަންގައެވެ.

ޕުރްސީނޯއާ(މ)އެކު ބައެއް ކުޅުންތެރިން މެލޭޝިއާގެ ދެވަނަ ޑިވިޝަން ކްލަބެއް ކަމަށްވާ މިސްކް މީފާއަށް ސޮއިކުރުމުގެ ތެރެއިން --- ފޮޓޯ/ މީސް މީޑިއާ

ޕުރްސީނޯގެ އެންމެ ކާމިޔާބު ސީޒަނެއްގެ ގޮތުގައި ފާހަގަ ކުރެވުނީ ތައިލެންޑްގެ ފުރަތަމަ ޑިވިޝަންގެ ޖަމްޕަސްރީ ޔުނައިޓެޑާއެކު އޭނާ ހޭދަކުރި ސީޒަނެވެ. 2012 ވަނަ އަހަރު ތައިލެންޑް ފުރަތަމަ ޑިވިޝަންގައި ޖަމްޕަސްރީއާއެކު ކުޅުނު 22 މެޗުން 12 ގޯލް ޕުރްސީނިއޯ ކާމިޔާބުކޮށްފައިވާއިރު، އެ ސީޒަންގައި ޖަމްޕަސްރީއަށްވަނީ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ޕްލޭއޯފްއިން ޖާގަ ލިބިފައެވެ.

ދެހާސް ތޭރަ ވަނަ އަހަރުވެސް ޕުރްސީނޯ ކުޅެފައިވަނީ ތައިލެންޑްގެ އެއްވަނަ ޑިވިޝަން ޓީމެއް ކަމަށްވާ ޕުކެޓް އެފްސީއަށެވެ. ސީޒަންގައި ކުޅުނު 20 މެޗުން ހަތް ގޯލް ޖަހައި ޕުރްސީނޯ ސީޒަން ނިންމާލީ އެ ސީޒަންގައި ކްލަބަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ގޮތުގައެވެ.

ޕުރްސީނޯވަނީ ތައިލެންޑްގެ ފުރަތަމަ ޑިވިޝަންގެ ޕޮލިސް ޔުނައިޓެޑަށްވެސް 2014 ވަނަ އަހަރު ކުޅެފައެވެ. އެސީޒަންގައި ޕޮލިސް ޔުނައިޓެޑް ފުރަތަމަ ޑިވިޝަނުން ރެލިގޭޓް ވި ނަމަވެސް ދެން ޖެހިގެން އައި ސީޒަންގައި އެ ކްލަބުވަނީ ދެވަނަ ޑިވިޝަންގެ ތަށި އުފުލާލައިފައެވެ. އެ އަހަރު ޕުރްސީނޯ ކުޅެފައިވަނީ ތައިލެންޑްގެ ހަތަރުވަނަ ޑިވިޝަންގެ ޕަންގް ތޮންގް އެފްސީއަށެވެ.

ޕުރްސީނޯ މިދިޔަ ސީޒަންގައި ކުޅެފައިވަނީ މެލޭޝިއާގެ ދެވަނަ ޑިވިޝަން ކްލަބެއް ކަމަށްވާ މިސްކް މީފާއަށެވެ. އެ ކްލަބަށް ކުޅުނު އަށް މެޗުން އޭނަވަނީ ހަތަރު ގޯލް ޖަހައިފައެވެ.

ޕުރްސީނޯ އީގަލްސްގެ ފަރިތަކުރުންތަކުގައި ---

މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުން އީގަލްސްއިން ފަރިތަކުރަމުންދާއިރު ޕުރްސީނޯވެސް ވަނީ ފަރިތަކުރުންތަކަށް ނުކުމެފައެވެ.

comment ކޮމެންޓް