އިސްރާއިލުން ޔާހޫދީ އާބާދީތައް ހެދުން ހުއްޓާލުމަށް އދ. އިން ގޮވާލައިފި

އިސްރާއިލުން، ހުޅަނގު އައްސޭރީގައި ހަދާފައިވާ ޔަހޫދީ އާބާދީއެއް--ފޮޓޯ_ އޭއެފްޕީ

ތެލްއަވީވް (21 ފެބްރުއަރީ): އިސްރާއިލުން، ފަަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހަދަމުންދާ ޔަހޫދީ އާބާދީތައް ހުއްޓާލުމަށް އދ. އިން ގޮވައިލައިފި އެވެ.

އދ. އިން މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ނިކޮލޭ މުލެޑިނޯވް ވަނީ އިސްރާއިލުން ޔާހޫދީ އާބާދީތައް ތަރައްގީކުރާތީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

"މީގެ ކުރިން ވެސް އދ. އިން ވަނީ ޔަހޫދީ އާބަދީތައް ހުޅަނގު އައްސޭރީގައި ހެދުމަކީ މަނާކަމެއް ކަމަށް ބުނެފައި. މިއީ ބަނިލަގްވާމީ ގާނޫނުތަކާ ވެސް ހިލާފުކަމެއް. މިއީ ސުލްހައަށް ވެސް އޮތް ހުރަހެއް. އަޅުގަނޑު ގޮވާލަން އިސްރާއިލުން އެކަން ވަގުތުން ހުއްޓާލުމަށް،" ނިކޮލޭ ވިދާޅުވި އެވެ.

އިސްރާއިލުން 1967 ވަނަ ކުރި ހަނގުރާމައިގައި ހުޅަނގު އައްސޭރި ހިފިފަހުން، ގަވައިދާ ހިލާފަށް އެ ސަރަހައްދުގައި ވަނީ 230 ޔަހޫދީ އާބާދީތައް ހަދައިފަ އެވެ. އެ އާބާދީތަކުގައި މިހާރު ވެސް 600،000 ޔަހޫދީން ދަނީ ދިރިއުޅެމުންނެވެ.

އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕް އިންތިހާބުވެ ވަޑައިގެންފަހުން އިސްރާއިލުގައި ޔަހޫދީ އާބާދީތައް ހެދުން ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. އދ. އަދި އީޔޫ އިން ވެސް ވަނީ އިސްރާއިލުގެ އެ އަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

ނިކޮލޭ ވަނީ ފަލަސްތީނުގެ ރަށްފުށުގައި ދިރިއުޅޭ ބަދަވީން އެމީހުންގެ ދަރިންނަށް ކިޔަވައިދިނުމަށް ހަދާފައިވާ ސްކޫލުތައްް އިސްރާއިލުން ހަލާކުކޮށްލާތީ އެކަން ވެސް ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. ނިކޮލޭ ވިދާޅުވީ، ފަަލަސްތީނުގައި މިހާރު ވެސް ހުރި 44 ސްކޫލް އިސްރާއިލުން ހަލާކުކޮށްލުމުގެ ބިރު އެބަ އޮތް ކަމަށެވެ.

ނިކޮލޭ ވަނީ އިސްރާއިލުން ހިސާރުކޮށްފައިވާ ގައްޒާގެ ހާލަތާ ދޭތެރޭ ވެސް ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މަސްދަރު: ޕްރެސްޓީވީ

comment ކޮމެންޓް