ދަރިންނާ ވާހަކަ ދައްކާ އިރު ރީތި ދިވެހި ބަހުން ވާހަކަ ދެއްކުމަށް އިލްތިމާސްކުރައްވައިފި

ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މައިންބަފައިން ދަރިންނާ ވާހަކަ ދައްކާއިރު ސާރު ރީތި ދިވެހިބަހުން ވާހަކަ ދެއްކުމަށް ދިވެހިބަހުގެ އެކެޑެމީގެ ރައީސް އަޝްރަފު އަލީ އިލްތިމާސްކުރައްވައިފި އެވެ.

މިއަދު ފާހަގަ ކުރާ މާދަރީ ބަހުގެ ދުވަހާއި ގުޅުވައިގެން ސަން އަށް ދެއްވި އިންޓަވިއުއެއްގައި އަޝްރަފު ވިދާޅުވީ ކުދިންގެ އުމުރުން 12 ނޫނީ 13 އަހަރު ވަންދެން ގޭތެރޭގައި އެކުދިންނާ މުއާމަލާތު ކުރަންވީ ދިވެހި ބަހުން ކަމަށެވެ.

ކުދިން މޮޅު ބަޔަކަށް ހަދަން އިނގިރޭސިބަހުން ގޭތެރޭ ވާހަކަ ދެއްކުމަކީ މުޖުތަމައުން ފެންނަ ނުރަނގަޅު ސިފައެއް ކަމަށް އަޝްރަފު ވިދާޅުވި އެވެ.

"އެހެން ބަސްތައް ދަސްކޮށްދެން ސްކޫލުތަކުގައި މުދައްރިސުން ތިއްބަވާ. ވާހަކަ ދައްކާ އިރު ބަސް މައްސަނދި ކުރާ ނަމަވެސް ދެ ބަސް އޮޅޭނެ. އެންމެ ރަނގަޅު ގޮތަކީ ބެލެނިވެރިން ކުދިންނާ ރީތި ދިވެހި ބަހުން ވާހަކަ ދެއްކުން،"

ގިނަ ބަސްތައް ދަންނަ މީހުންނަކީ ވިސްނުން ތޫނު ބައެއްކަން ސައިންސުވެރިންނަށް ވެސް ދެނެގަނެވެފައިވާ ކަމަށާއި އެކަން އެންމެ ފުރިހަމަ ގޮތުގައި ހާސިލު ކުރެވޭނީ އަމިއްލަ މާދަރީ ބަހަށް ކުދިން މޮޅުކުރެވިގެން ކަމަށް އަޝްރަފު ވިދާޅުވި އެވެ. އެހެން ބަސްބަސް ދަސްކުރަން ފަސޭހަ ވަނީ ވެސް މާދަރީ ބަހަށް މޮޅުވެގެން ކަމަށް އަޝްރަފު ވިދާޅުވި އެވެ.

ބަހަށް ލޯބި ޖެހުމަކީ ކުދިންގެ ހިތުގައި ވަތަނީ ލޯބި ވެސް އިތުރުވާނެ ކަމެއްގެ ގޮތުގައި އަޝްރަފު ފާހަގަ ކުރެއްވި އެވެ.

ސްކޫލުތަކުގައި އުނގެނުމުގައި މައިދާނުގައި ދިވެހި ބަހުން ވާހަކަ ދެއްކުމަށް ލިބޭ ފުރުސަތުތައް ކުޑަކަން ފާހަގަ ކުރައްވައި އަޝްރަފު ވަނީ ސްކޫލުތަކުގެ އިތުރު ހަރަކާތްތަކުގެ ތެރޭގައި ބަހާ ގުޅޭ އަދަބީ ހަރަކާތްތައް އިތުރުކޮށް ކުދިންގެ ހިތްތަކުގައި ބަހަށް އޮންނަ ލޯބި އިތުރު ކުރަން ޖެހޭކަން ތަކުރާރުކުރައްވައިފަ އެވެ.

މީގެ އިތުރުން އަޝްރަފު ވަނީ ދިވެހި ބަހަށް ދިވެހިން ކުރާ އަނިޔާގެ ވާހަކަ ވެސް ފާހަގަ ކުރައްވައިފަ އެވެ. ގިނަ އަދަދެއްގެ ބިދޭސިން ރާއްޖޭގައި އުޅޭއިރު ބިދޭސިން ވާހަކަ ދައްކާ "ދިވެހި ބަހުރުވަ" އިން ދިވެހިން ބިދޭސިންނާ ވާހަކަ ދެއްކުމުގެ ބަދަލުގައި ރީތި ދިވެހިބަހުން ވަހަކަ ދެއްކުމަކީ ބަސް ކުރިއެރުވުމަށް ކުރަން ޖެހޭ ކަމެއް ކަމަށް އަޝްރަފު ވިދާޅުވި އެވެ.

"ދަނީ ދަނީ ބަހުން އަޅުގަނޑުމެން އެމީހުންނާ ވާހަކަ ދެއްކުމަކީ ބަހަށް އަނިޔާ ދިނުން. އެމީހުންނާ ވާހަކަ ދައްކާ އިރު ރީތި ދިވެހި ބަހުން ވަހަކަ ދައްކާ ނަމަ އެމީހުންނަށް ވެސް ބަސް ބޭނުންކުރަންވީ ގޮތް އެނގޭނެ." އަޝްރަފު ވިދާޅުވީ މިހާރު ފެންނަނީ އަމިއްލަ އަތުން ބަސް ސުންނާފަތި ކުރާތަން ކަމަށާއި އެކަން އިސްލާހުކުރަން ޖެހޭ ކަމަށެވެ.

ދިވެހިންގެ ދީނާއި، ދިވެހި ބަސް، އަދި ދިވެހިންގެ ތާނަ އަކުރަކީ ފަޚުރެއް ކަން ފާހަގަ ކުރައްވައި އަޝްރަފު ވިދާޅުވީ ވަތަނިއްޔަތުގެ ކަންކަން ރަނގަޅުކުރުމަށް މި ކަންކަމަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. ދިވެހިންގެ ބަސް ސަލާމަތްކުރަން އެހެން ބަޔަކު ނާންނާނެ ކަމަށް އަޝްރަފު ވިދާޅުވި އެވެ.

comment ކޮމެންޓް