ފަލަސްތީނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރާ މަސައްކަތަށް ޢައްބާސް ރައްދު ދެއްވައިފި

އައްބާސް ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަނީ

ނިޔުޔޯކް (ފެބްރުއަރީ 21) : އެމެރިކާ އާއި ދުނިޔޭގެ ބޮޑެތި އެހެން ބާރުތައް ވެސް ހިމެނޭ ގޮތަށް އދ.ގެ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނުގެ މައްޗަށް ބިނާވެފައިވާ ސުލްޙައިގެ ވާހަކަތަކެއް އދ.ގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދިޔުމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އދ. އަށް ގޮވާލައްވައިފި އެވެ.

އިސްރާއީލާއި ފަލަސްތީނުގެ ސުލްހައާބެހޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ ފަލަސްތީނު މައްސަލަ ވުޖޫދުން ފުހެލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށާއި ނަމަވެސް ބައިނަލްއަގްވާމީ ޒަމީރު އެކަން ގަބޫލު ނުކުރާނެ ކަމުގަ އެވެ.

ފަލަސްތީނުގެ މައްސަލަ ހައްލުކޮށް އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްޙަ ގާއިމް ކުރެވޭނީ ފަލަސްތީނުގެ ބިމުގައި އިސްރާއީލަށް ދައުލަތެއް އުފައްދާފައިވާ ގޮތަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ވެސް އުފައްދައިގެން ކަމަށާއި އެ ދައުލަތުގެ ވެރިރަށް ކަމަށް ވާންޖެހޭނީ ގުދްސުގެ އިރުމަތީ ފަޅިކަމުގަ އެވެ.

ވަޒަނުން ބޭރުކޮށްލާފައިވާ ފަލަސްތީނުގެ ރެފިއުޖީންނަށް ފަލަސްތީނުގެ އެދައުލަތަށް އެނބުރި އައުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ. އަދި ސުލްޙައިގެ މަސައްކަތަކަށް މިހާރު އެޅިފައިވާ ހުރަހަކީ ގުދްސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އިސްރާއީލު ނިންމާފައިވާ ޣައިރު ގާނޫނީ ނިންމުން އެމެރިކާ ގަބޫލުކުރުމާ ގުޅިގެން އެޅިފައިވާ ހުރަސްތަކެއްކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

އައްބާސް އދ. އަށް ގޮވާލެއްވީ މެދުއިރުމަތީގެ ސުލްޙައާ ބެހޭ ބައިނަލްއަގްވާމީ ކޮންފަރެންސެއް މި އަހަރުގެ މެދެއްހާ ހިސާބު އދ.ގެ ބެލުމުގެ ދަށުން ބޭއްވުމަށެވެ. ހަމައެކަނި އެމެރިކާ މެދުވެރިއަކަށް ވެގެން ބާއްވާ ސުލްހައިގެ ވާހަކަތަކެއްގައި ފަލަސްތީނުން ބައިވެރި ނުވާނެކަމަށް ވިދާޅުވެ އައްބާސް ވަނީ އިސްރާއީލުގެ އިތުރުން އެމެރިކާއަށް ވެސް ބަހުގެ ޙަމަލާތައް ރައްދުކުރައްވާފަ އެވެ.

އެމެރިކާއަށް ބަހުގެ ޙަމަލާތައް ރައްދު ކުރައްވަމުން އައްބާސް ވިދާޅުވީ އިސްރާއީލުން އދ.ގެ ގަރާރުތަކާ ދެކޮޅަށް ނިންމާ ޣައިރު ގާނޫނީ ނިންމުންތަކަށް ސަލާމަތީ މަޖިލީހުގައި ހިމެނޭ ދާއިމީ މެންބަރެއްކަމަށްވާ އެމެރިކާ ތާއީދުކުރުމަކީ ސުލްޙައިގެ ކަންތައްތަކުގައި އެމެރިކާއަށް ކުރަމުން އައި އިތުބާރު ގެއްލި ސުލްހައިގެ ވާހަކަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ ފުރްސަތު އެމެރިކާއަށް ގެއްލުނު ސަބަބު ކަމުގަ އެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން އައްބާސް އދ. އަށް ގޮވާލެއްވީ ފަލަސްތީނުގެ އާބާދީގައި ހިމެނޭ 13 މިލިޔަން ރައްޔިތުން ހިމާޔަތް ކުރުމަށާއި ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް އިސްރާއީލު ހިންގާ ޣައިރު ގާނޫނީ މަޝްރޫއު ހުއްޓުވުމަށާއި ވަޒަނުން ބޭރުކޮށްލާފައިވާ ފަލަސްތީނުގެ ރެފިއުޖީންނަށް އެނބުރި ވަޒަނަށް އައުމުގެ ހައްގު ދިނުމަށެވެ. އަދި ފަލަސްތީނާ ބެހޭ ގޮތުން އދ. އިން ފާސްކޮށްފައިވާ ގަރާރުތަކަށް އިސްރާއީލުން އަމަލުކުރުމަށް ވެސް އައްބާސް ގޮވާލެއްވި އެވެ.

މިޖަލްސާގައި ތަގްގީރު ކުރެއްވުމަށް ފަހު ޖަލްސާ ދޫކުރައްވައި އައްބާސް ބޭރަށް ނުކުމެ ވަޑައިގެންނެވި އެވެ. އެއަށް ފަހު ވާހަކަ ދެއްކެވީ އިސްރާއީލުގެ މަންދޫބު ޑެނީ ޑެނޮން އެވެ. އޭނާ ވަނީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ މައްސަލަ އެއްފަރާތް ކުރެއްވުމަށް ފަހު ސީދާ ރައީސް އައްބާސް އަށް ބަހުގެ ޙަމަލާތައް ދެއްވާފައެވެ. މިގޮތުން އައްބާސް އަކީ މައްސަލައެއްކަމާ އައްބާސް ސުލްޙައަށް ހުރަސްއަޅުއްވާ ކަމަށް އިސްރާއީލުގެ މަންދޫބު ތުހުމަތު ކުރެއްވި އެވެ.

އެއަށް ފަހު ވާހަކަ ދެއްކެވީ އެމެރިކާގެ މަންދޫބު ނިއްކީ ހޭލީ އެވެ. ހަރުކަށި ވިސްނުމުގެ ބޭފުޅެއްކަމަށްވާ ހޭލީވަނީ ގުދްސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާ ބަލައިގަތް ބަލައިގަތުން ދުވަހަކު ވެސް ދެން ބަދަލުނުކުރާނެ ކަމަށް ވިދާޅުވެ އދ. ގެ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނާ އަދި ފަލަސްތީނުގެ ހައްގުތަކަށް ގޮންޖައްސަވައި ވާހަކަ ދައްކަވާފަ އެވެ. އަދި ފަލަސްތީނުގެ ހައްގުތަށް ހޯދުމަށާއި ބިންތައް މިނިވަންކުރުމަށް ފަލަސްތީނުގެ ރައްޔިތުން ކުރާ މަސައްކަތްތަކަކީ ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށް ވެސް އެމެރިކާގެ މަންދޫބު ސިފަކުރެއްވި އެވެ.

އެފަދަ އަމަލުތައް ހިންގައިގެން ފަލަސްތީނުގެ ރައްޔިތުންނަށް ދުވަހަކު ވެސް އެއްޗެއް ނުލިބޭނެ ކަމަށާ އެކަމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން ހަލާކުވެ ފަނާވުން ނޫންކަމެއް ނުވާނެކަމަށް ވެސް އެމެރިކާގެ މަންދޫބު ވިދާޅުވި އެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ހަމައެކަނި ހައްލަކީ އިސްރާއީލު އެދޭ ގޮތަށް ފަލަސްތީނުގެ މައްސަލަ ހައްލުކުރަން އެއްބަސްވުން ކަމަށް ވެސް އެމެރިކާގެ މަންދޫބު ނިއްކީ ހޭލީ ވިދާޅުވި އެވެ.

މިޖަލްސާގައި ވާހަކަ ދެއްކެވި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓަރެސް ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ފަލަސްތީނުގެ ބިމުގައި އުފެދެން ޖެހޭނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް