ބަޔާންއިން ކުއާޓާގެ ފުރުސަތު ބޮޑުކޮށްފި

ބަޔާންއިން ރޭގެ މެޗު 5-0 އިން ކާމިޔާބުކޮށްފައިވާއިރު ކުއާޓާގެ ފުރުސަތު ވަރަށް ބޮޑު --- ފޮޓޯ/ އޭޕީ

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ތަފާތު ބޮޑުކޮށް ތުރުކީގެ ބެސްކިޓާސް ބަލިކޮށް ޖަރުމަންގެ ގަދަ ބާރު، ބަޔާން މިއުނިކުން ކުއާޓާ ފައިނަލްގެ އުންމީދު ބޮޑުކޮށްފިއެވެ.

ބަޔާންގެ އެލިއޭންޒް އެރީނާގައި ރޭ ކުޅުނު މެޗުން ބަޔާން މޮޅުވީ 5-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ދެ ގޯލް ޖެހި މުލާ --- ފޮޓޯ/ އޭޕީ

މެޗުގެ ކުރީ ކޮޅުގައި ބެސްކިޓާސްގެ ޑިފެންޑަރު ޑޮމަގޯޖު ވީޑާއަށް ދެއްކި ރަތް ކާޑާއެކު މެޗުގެ ބާކީބައި އެޓީމުން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ބެސްކިޓާސްއިން އެއް ކުޅުންތެރިއަކު މަދުން ކުޅުމުގެ ފައިދާ ނަގައި ބަޔާންއިން މެޗު ޑޮމިނޭޓް ކުރިއެވެ. ނަތީޖާއަކަށްވީ ހާފް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ބަޔާން ލީޑު ނެގުމެވެ. އެޓީމަށް ލީޑު ނަގައިދިނީ ޖަރުމަނު ފޯވަޑް ތޯމަސް މުލާއެވެ.

ބަޔާންއަށް ދެވަނަ ގޯލް ކާމިޔާބުކޮށްދިން ކިންގްސްލީ ކޯމަން --- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަ ހާފް 1-0 ގެ ނަތީޖާއަކުން ބަޔާން ކުރީގައި އޮވެ ނިންމާލިއިރު، ދެވަނަ ހާފްވެސް ވަރުގަދަކޮށް ފެށީ ބަޔާންއިންނެވެ. އެގޮތުން މެޗުގެ 53 ވަނަ މިނެޓުގައި ކިންގްސްލީ ކޯމަންގެ ގޯލާއެކު ބަޔާންއިން ލީޑު ފުޅާކުރިއެވެ. އަދި 66 ވަނަ މިނެޓުގައި މުލާގެ ދެވަނަ ގޯލާއެކު އޭނާ ހެޓްރިކަށް ފުރުސަތު ބޮޑުކުރިއެވެ.

ބަޔާންއިން މެޗުގެ ނަތީޖާ ފުޅާކުރީ 79 ވަނަ މިނެޓުގައެވެ. އެ ގޯލް ކާމިޔާބުކޮށްދިނީ ރޮބާޓް ލެވަންޑޮސްކީއެވެ. އޭނާވަނީ 88 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި މެޗުގެ ނަތީޖާ 5-0 އަކަށް ބަދަލުކޮށްލައިފައެވެ.

ލެވަންޑޮސްކީގެ ގޯލަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ތުރުކީގައި މި ދެޓީމު ވާދަކުރާ ދެވަނަ ލެގު އަންނަ މަހު 14ގައި އޮންނައިރު، ބަޔާންއިން މިވަނީ އުންމީދު ބޮޑުކޮށްފައެވެ.

comment ކޮމެންޓް