މެސީ އެންމެ ފަހުން ޗެލްސީ ކޮޅަށް ގޯލް ޖަހައިފި، ބާސާ އުންމީދު ބޮޑުކޮށްފި

މެސީ: ރޭގެ މެޗުގައި ޗެލްސީ ކޮޅަށް ޖެހި ގޯލައަކީ އޭނާގެ ކެރިއަރުގައި ޗެލްސީ ކޮޅަށް ޖެހި ފުރަތަމަ ގޯލް --- ފޮޓޯ/ އޭޕީ

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16ގެ ފުރަތަމަ ލެގުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު އަވޭ މެޗު 1-1ގެ ނަތީޖާއަކުން އެއްވަރުކޮށް ބާސެލޯނާއިން ކުއާޓާގެ އުންމީދު ބޮޑުކޮށްފި އެވެ.

ރޭގެ މެޗު 1-1 އިން އެއްވަރުވި އިރު، މެޗުގައި ލިއޮނަލް މެސީ ޖެހި ގޯލައަކީ އޭނާ ކެރިއަރުގައި ޗެލްސީ ކޮޅަށް ޖެހި ފުރަތަމަ ގޯލެވެ.

ރޭގެ މެޗުގައި ޗެލްސީންވަނީ މެސީ ހިފެހެއްޓުމުގައި ރަނގަޅު ކުޅުމެއް ދައްކައިފައި --- ފޮޓޯ/ އޭޕީ

މެޗުގެ ފުރަތަމަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ބާސާއިންނެވެ. އެހެން ނަމަވެސް ކައުންޓާ އެޓޭކްގައި ޗެލްސީ ފެނިގެންދިޔައީ ނުރައްކާތެރިކޮށެވެ. ފުރަތަމަ ހާފްގައި އެންމެ ފާހަގަކޮށްލެވުނީ ޗެލްސީގެ ބްރެޒިލް މިޑްފީލްޑަރު ވިލިއަން ފޮނުވާލި ބާރު ދެ ހަމަލާ އެވެ. ބާސާގެ އޭރިއާ ބޭރުން ފޮނުވާލި ބާރު ދެ ހަމަލާ ވެސް އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.

މީގެ އިތުރުން ވެސް ފުރަތަމަ ހާފްގައި ޗެލްސީގެ ބެލްޖިއަމް ފޯވަޑް އެޑިން ހަޒާޑާއި ބާސާގެ ތަރި، މެސީއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވުނެވެ.

ވިލިއަންގެ ގޯލަށް ފަހު އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ދެވަނަ ހާފް ފެށިގެން ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ބާސާއިންނެވެ. އެހެން ނަމަވެސް ޗެލްސީން ވަނީ މެޗުގެ 62 ވަނަ މިނެޓުގައި ލީޑު ނަގައިފަ އެވެ. ބާސާގެ އޭރިއާބޭރުން ތިރިތިރިން ވިލިއަން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ބާސާ ގޯލްގެ ތިރީ ކަނަށެވެ.

ގޯލަށް ފަހު ވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެ، ކުޅުނީ ބާސާއިންނެވެ. ނަތީޖާއަކަށްވީ މެޗުގެ 75 މިނެޓުގައި މެސީގެ ގޯލުން ބާސާ ނަތީޖާ ހަމަހަމަ ކުރުމެވެ. ޗެލްސީ ޑިފެންޑަރު މާކަސް އެލޯންސޯގެ ފަރާތުން ހެދުނު ގޯހުގެ ބޭނުން ހިފައި މެސީ ގޯލް ޖަހައިފައިވާ އިރު، މިއީ ޗެލްސީ ކޮޅަށް މެސީ ޖެހި ފުރަތަމަ ގޯލެވެ. އޭނާ ވަނީ މީގެ ކުރިން ޗެލްސީއާ ދެކޮޅަށް އަށް މެޗު ކުޅެފަ އެވެ.

ޗެލްސީގެ ޒުވާން ޑިފެންޑަރު ކްރިސްޓިއަންސަން (ކ)، ބާސާގެ ފޯވަޑް ޝުއަރޭޒް(ވ) އަތުން ބޯޅަ ހޯދަނީ --- ފޮޓޯ/ އޭޕީ

ގަދަ 16ގައި ބާސާއާއި ޗެލްސީ ވާދަކުރާ ދެވަނަ ލެގު، ބާސާ ދަނޑުގައި އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.

comment ކޮމެންޓް