ސިފައިންނާއި ފުލުހުން އެ ކުރާ މަސައްކަތްތަކުން ދިވެހި ތާރީޚުގައި އާ ސަފުހާއެއް ލިޔެވިގެންދާނެ: ޒަމީރު

މިރޭ ރުމާލު 2 ޖަގަހައިގައި ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބް ރައީސް މޫސާ ޒަމީރު ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ސިފައިންނާއި ފުލުހުން މިހާރު އެ ކުރަމުންދާ މަސައްކަތްތަކަކީ ދިވެހި ތާރީހުން އާ ސޮފުހާއެއް ލިޔެވިގެންދާނެ މަސައްކަތްތަކެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބް ރައީސް މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ރުމާލު 2 ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓައި ގާނޫނު އަސާސީ ތަންފީޒު ކުރުމުގައި ސިފައިންނާއި ފުލުހުން ކޮށްފައިވާ މަސައްކަތްތަކަކީ ތާރީީޚުގައި އައު ސަފުހާތަކުގައި ލިޔެވިގެންދާނެ ކަންތައް ކަމަށެވެ.

ރުމާލު2 ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު ޒަމީރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެކެއް ފެބްރުއަރީގެ ފަހުން މިދިޔަ ދުވަސްތަކުގައި އަޅުގަނޑުމެން އެންމެންގެ ހައްގުތައް ސަލާމަތް ކޮށްދިނުމަށާއި ގާނޫނާއި އަމުރު ތަންފީޒު ކުރުމުގައި ދިވެހި ސިފައިންނާއި ފުލުހުން ކޮށްދީފައިވާ މަސައްކަތްތަކަކީ އަޅުގަނޑުމެން ދިވެހި ރާއްޖޭގެ ތާރީހުގެ އައު ސަފުހާތަކުގައި ލިޔެވިގެންދާނެ ދުވަސްތަކެއް،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ ޕާލަމެންޓަރީ ގްރޫޕުގެ ބަދަހިކަން މިއަދުގެ ވޯޓުން ވެސް ހާމަވެގެން ހިނގައްޖެ ކަމަށާއި އެ މެމްބަރުން ކުރައްވާފައިވާ މަސައްކަތަކީ ރާއްޖޭގެ ތާރީހުގައިވެސް ދިވެހި ރައްޔިތުންނަށްޓަކައި ކޮށްފައިނުވާހާ މުހިންމު މަސައްކަތްތަކެއް ކަމަށެވެ.

ރޭ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ މަޖިލީހުން ބޭރުގަޔާއި ސައި ހޮޓާތަކުގައި ތިބެގެން ވާހަކަ ދައްކާ މީހުން ބޭނުންވި ގޮތަށް ކަންކަން ނިންމަން ބޭނުންނަމަ ޖެހޭނީ މަޖިލިސް އެތެރޭގައި ތިބެގެން ވާހަކަ ދައްކަން ކަމަށެވެ.

ޕީޕީއެމް އިން "ރުމާލު 2" ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިއަދު ވެސް އިސްލާމް ދީނާއި ގައުމުގެ މިނިވަންކަން ދިފާއުކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ތިބެގެން ކުރާނަން. މިއީ ރައްޔިތުން އަޅުގަނޑުމެން އިންތިހާބު ކުރި ސަބަބަކީ،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ހަލާކުކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ކަންތައްތަކަށް އެބޭފުޅުން ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އިދިކޮޅު ފަރާތްތަކުން ރޭވި ބަޣާވާތް ނާކާމިޔާބު ކޮށްލުމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ސަލާމަތީ ބާރުތަކުން ކުރެއްވީ އަގުހުރި މަސައްކަތަކެއް ކަމަށާއި އެކަމަށް ޝުކުރު އަދާކުރަން ޖެހޭ ކަމަށެވެ.

comment ކޮމެންޓް