ނިހާންގެ ބަހުގެ ހޫނު ހަމަލާތަކެއް ނަޝީދަށް: "ނަޝީދަކީ އަފިން ދަންޑަހެލެއް"!

7 ޖެނުއަރީ 2018: މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ޕީޕީއެން އިން "ރުމާލް 2" ޖަގަހާގައި ބޭއްވި ޖަލްސާއެއްގެ ތެރޭން---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ" އަފިން ދަންޑަހެލެއް" ކަމަށާއި އެމަނިކުފާނަކީ ނުކުރެވޭ ކަންކަން ކުރެވޭކަން ދައްކަން އުޅޭ ބޭފުޅެއްކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިންމަނިކު، ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

މިރޭ "ރުމާލު 2"ގައި ކުރިއަށް ދިޔަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ، ބޭރު ގައުމު ތަކުގައި މަޝްހޫރު މީހުންނާ އެއްވަައްތަރަށް ތައްޔާރުކޮށްފައި ހުންނަ ވެކްސް ބުދު ހުންނަ ކަމަށާއި އެފަދަ ބުދުތައް ކައިރީގައި މީހުން ގޮސް "ސެލްފީ"ނެގުމަކީ އާންމު ކަމެއްކަމަށެވެ. ރައީސް ނަޝީދުވެސް އެކިއެކި މީހުންނާ ބައްދަލުކޮށް ފޮޓޯ ނަންގަވަނީ އެފަދައިން ކަމަށް ވިދާޅުވެ ނިހާން ވިދާޅުވީ އެމަނިކުފާނަކީ "އަފިން ދަންޑެހެލެއް"ކަމަށެވެ.

" އެބުދުތައް ކައިރީގައި ވަރަށް ގިނައިން މީހުން ފޮޓޯ ނަގާނެ. ހިތަށް އަރުވަނީ ދެންމިއީ އެމީހާއޭ. މީގެ ދިވެހި ވާޝަންގައި ކިޔާއުޅެނީ އަފިން ދަންޑަހެލު. އެއީ ތިމާ މިއީ ދަންޑަހެލޭ މަށޭ މަށޭ ކިޔައިގެން އުޅޭ މީހަކު މި ގައުމުގައި އުޅޭނެ. މިއީ ޒަމާނުންސުރެ މީނާ އުޅޭގޮތް ކަން އަދި މާސާފުކޮށް މިހާރު އެނގިއްޖެ،" ނިހާން ވިދާޅުވިއެވެ.

ވިލިމާލެ ދާއިރާގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ނިހާން ވިދާޅުވީ، މިފަހަރު ރައީސް ނަޝީދު އެފަދައިން ކުރެއްވި ކަންތައް ހުތުރު ގޮތަކަށް ފަޅާ އަރައިފި ކަމަށާއި އެކަން ފަޅާ އެރީ ދާދި ފަހުން އެމަނިކުފާނު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ކަމަށެވެ.

ނިހާން ވިދާޅުވީ، އިންޑީއާގެ ޑިފެންސް މިނިސްޓަރު ނިރްމަލާ ސިތާރަމަންއާ ރައީސް ނަޝީދު ބައްދަލު ކުރަށްވައި ރާއްޖޭގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ޓްވީޓް ކުރެއްވި ކުރެއްވުމަކީ އޮޅުވާލެއްވުމެއް ކަމަށެވެ.

" އިންޑިޔާގެ ނޫސް ތަކުގައި ބުނެފައި މިއޮތީ ނަޝީދާއި ޑިފެންސް މިނިސްޓަރު އެއްވެސް ކަމަކާ މަޝްވަރާ ނުކުރައްވާ ކަމަށް. އެކަމަނާ ސައި ބައްލަވަން އިންދާ ގޮސް ފޮޓޯއެއް ނެންގެވީ. އިތުރު އެއްވެސް މަޝްވަރާއެއް ނުކުރައްވާ،" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، ހަގީގަތަކީ މުހައްމަދު ނަޝީދަކީ އިންޑިޔާގެ އެއްވެސް މީހަކު ދަންނަ މީހެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނަކީ މުޅިންވެސް މަކަރު ހަދައިގެން އުޅުއްވާ ބޭފުޅެއް ކަމަށެވެ.

ނިހާން ވިދާޅުވީ، ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުންނަށް ދިވެހި ގައުމަކީ އެއްވެސް އެއްޗަކަށް ނުވި ނަަމަވެސް ދިވެހީންނަށް މި ގައުމަކީ ވަރަށް މުހިންމު އެއްޗެއްކަމަށެވެ.

"މޭ ވަޒަނުން ފުރާލިޔަސް ގައުމުގެ ހައްގުގައި ހުންނާނެ ކަމަށް" ނިހާން ވިދާޅުވިއެވެ.

comment ކޮމެންޓް