މި ގައުމު އިނދަޖައްސާކަށް ފުރުސަތެއް ނުދޭނަން: އަލީ އާރިފް

ޕީޕީއެމްގެ "ރުމާލު2" ޖަގަހައިގައި ބޭއްވި ޖަލްސާގެ ތެރެއިން---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާޙް

އިދިކޮޅު ފަރާތްތަކުން މި ގައުމު އިނދަޖައްސާލާކަށް ފުރުސަތެއް ނުދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވިއެވެ.

މިރޭ ޕީޕީއެމް އިން "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާރިފް ވިދާޅުވީ، ޤާނޫން އަސާސީ އޮޅުވާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށާއި ކުޑަ ނަމަވެސް އިހުލާސްތެރި ކަމެއް ހުރި ނަމަ ބޭރުގެ ބަޔަކު ރާއްޖެ އައުމަށް ދައުވަތެއް ނުދޭނެ ކަމަށެވެ.

"ގައުމަށް ޣައްދާރު ވެގެން ގައުމު އިނދަ ޖައްސާލާކަށް ފުރުސަތެއް ނުދޭނަން. ގައުމަށް އެއްވެސް އިހްލާސްތެރިކަމެއް ހުރި ނަމަ ބޭރުން މީހުން އަންނާކަށެއް ފުރުސަތެއް ނުދޭނެ. ހަމައެކަނި އެމީހުން އޮތީ ޒާތީ ތައައްސުބު. މިހާރު ވެރިއަކަށް ހުރި މީހާ މާ ގަދަޔަށް އަރައިގެން ދާތީ މި މީހުންނަށް އެނގިއްޖެ ދެން އަތެއް ނުވާނެ ކަން. ދެން ޖެހޭނީ ވައްޓާލާށޭ ކިޔާފަ ކުރަން އުޅުން ކަމެއް މީ،" އާރިފް ވިދާޅުވިއެވެ.

ބޭރުގެ ފިއްތުންތައް ރާއްޖެއަށް އަންނަނީ މި ގައުމުގައި އިސްލާމީ ނިޒާމްތައް ތަންފީޒްކުރަމުންދާތީ ކަމަށާއި ބޭރުގެ ފަރާތްތަކުން އެބުނާ ދީނާ ހިލާފު ކަންތަކަށް ޖާގަ ދޭންފަށައިފިނަމަ ބޭރުގެ ފަރާތްތަކަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަރުގެ ވެރިޔަކު ނުހުންނާނެކަމަށް އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ، މިއަދުގެ މަޖިލީހުގެ ވޯޓު ސަރުކާރުން ކާމިޔާބުކުރީ 100 ޕަސެންޓް އަޣުލަބިއްޔަތުން ކަމަށާއި، އިދިކޮޅު މެންބަރުން ފިނޑިކަމުން ޖަލްސާގައި ބައިވެރިވާން ވެސް ނުކެރުނު ކަމަށެވެ.

"އިދިކޮޅު މެންބަރުންނަށް ވެސް މަޖިލީހުގެ ތަޅުމަށް ވަޑައިގެން ގަރާރު ބާތިލުކުރުމުގެ ފުރުސަތު އޮތް. ނަމަވެސް އެކަން ކުރައްވަން އެ މެންބަރުންނަށް ނުކެރުނު. އެހެންކަމުން މިއަދު ވޯޓު ސަރުކާރު ކާމިޔާބު ކުރީ 100 ޕަސެންޓް އަޣުލަބިއްޔަތުން. އިދިކޮޅަށް ލިބުނީ ސުމެއް،" އާރިފް ވިދާޅުވިއެވެ.

އިދިކޮޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އާރިފް ވަނީ ގާނޫނޫ އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ގިނަ މާއްދާތަކަކަށް އަލިއަޅުވާލައި ވާހަކަ ދައްކަވައިފައެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އެންމެ މަތީ ވެރިޔަކީ، ސަރުކާރުގެ އެންމެ މަތީ ވެރިޔަކީ އަދި ސިފައިންގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހުރިއްޔާކަމަށް ދިވެހި ރާއްޖޭގެ ގާނޫން އަސާސީގެ 106 ވަނަ މާއްދާ އޮންނާނެ ކަމަށެވެ.

މިއަދު ހަވީރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގޮތުން ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން ނިންމި ނިންމުންތަކަށް ވަކިވަކިން ވޯޓަށް އަހާފައެވެ. އެގޮތުން ގާނޫނު އަސާސީގެ 100 ވަނަ މާއްދާ، 101 ވަނަ މާއްދާ، 113 ވަނަ މާއްދާ އަދި 228 ވަނަ މާއްދާ އުނިކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަކަށް އިތުރު ކުރުމަށް، ސަރުކާރަށް ތާއިދުކުރާ 38 މެންބަރެއްގެ ވޯޓުން ވަނީ ފާސްކޮށްފައެވެ.

comment ކޮމެންޓް