އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާއްޖެއާ ގުޅޭގޮތުން ނަޝީދާ މަޝްވަރާއެއް ނުކުރޭ!

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިންޑިއާގެ ޑިފެންސް މިނިސްޓަރު ނިރްމަލާ ސިތާރަމަން ---

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިންޑިއާގެ ޑިފެންސް މިނިސްޓަރު ނިރްމަލާ ސިތާރަމަން ބައްދަލުކުރަށްވައި ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއްކަން ހާމަވެއްޖެއެވެ.

އިންޑިއާގެ ނޫހެއްކަމަށްވާ އިންޑިއާ ޓުޑޭއިން ބުނީ ރައީސް ނަޝީދާއި ނިރުމަލާ ބައްދަލުކުރެއްވީ ބެންގަލޫރުގެ މީޑިއާއަކުން އިންތިޒާމުކުރި ސެމިނާރެއްގެ ހަވާސާގައި ކަމަށެވެ.

ނިރްމަލާ އާއެކު ނަންގަވާފައިވާ ފޮޓޯއެއް ޓްވީޓުކުރައްވައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނިރުމަލާއާއި ބައްދަލުކުރައްވައި ރާއްޖޭގެ މަސްރަހާ ގުޅޭ މައުލޫމާތު ހިއްސާކުރެއްވި ކަމަށެވެ.

ނަމަވެސް އިންޑިއާގެ ޑިފެންސް މިނިސްޓްރީ އާއި ހަވާލާދީ އިންޑިއާ ޓުޑޭއިން ބުނީ ނިރްމަލާއާއި ނަޝީދުގެ ބައްދަލުވުމަކީ އެއްވެސް ކަހަލަ ޝެޑިއުލަކާ ނުލައި ބޭއްވި ބައްދަލުވުމެއް ކަމަށާއި އެއީ ސެމިނާރެއްގެ ހަވާސާއެއްގައި ދެބޭފުޅުން ބައްދަލު ކުރެއްވި ބައްދަލުވުމެއް ކަމަށެވެ. ރާއްޖޭގެ މަސްރަހާ ގުޅޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިނުވާ ކަމަށް ވެސް އިންޑިއާގެ ޑިފެންސް މިނިސްޓްރީ އާއި ހަވާލާދީ އެ ނޫހުން ބުނެއެވެ.

"ސެމިނާގައި ވާހަކަ ދެއްކެވުމަށްފަހު މިނިސްޓަރު އިންނެވީ ޖެހިގެން ހުރި ކޮޓަރީގައި ސައިފޮދު ބައްލަވަން. އެތަނުގައި އިންނަވަނިކޮށް ރައީސް ނަޝީދު ވަޑައިގަތީ. ނަޝީދަކީ އެ ހަފްލާއަށް ދައުވަތު އެރުވިގެން ވަޑައިގެންނެވި ބޭފުޅެއް. އެ ދެބޭފުޅުންގެ ބައްދަލުވުމުގައި ނަޝީދާއެކު ރާއްޖެއާ ގުޅޭ މަޝްވަރާތަކެއް ނުކުރޭ. ކުޑަކޮށް ވާހަކަ ދައްކަވައިލެއްވުމަށްފަހު މިނިސްޓަރު ވަޑައިގެންނެވީ އެއާޕޯޓަށް،" ނަޝީދުގެ ޓްވީޓުގައި ވިދާޅުވެފައިވާ ވާހަކަ ދޮގުކުރައްވައި އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވެފައިވެއެވެ.

އިންޑިއާއިން ރާއްޖެއަށް އަސްކަރީ ބާރު ފޯރުވަން، ނަޝީދު އިންޑިއާއަށް ގޮވާލެއްވި ކަމަށާއި ނަމަވެސް ރާއްޖެއާއި ގުޅޭގޮތުން ނަޝީދާއެކު، ނިރްމަލާ ދައްކަވަންޖެހޭ ވާހަކައެއް ނެތް ކަމަށްވެސް އެގައުމުގެ އޮފިޝަލުންނާ ހަވާލާދީ އިންޑިއާ ޓުޑޭއިން ބުނެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން އިންޑިއާއިން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި މިހާރު އޮތް ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ނުކުރާނެ ކަމަށް އުންމީދު ކުރާކަމަށާއި ވީ އެންމެ އަވަހަކަށް ރާއްޖެ، ދިމިގްރާތީ ވެރިކަމަކަށް އައުން މުހިންމު ކަމަށާއި މީގެ ސަބަބުން ގައުމުގެ ރައްޔިތުންނާއި ބައިނަލްއަގްވާމީ މުޖްތަމައުގައި ރައްޖެއާ މެދު އުފެދުފައިވާ ނުތަނަވަސްކަން ފިލާދާނެ ކަމަށެވެ.

comment ކޮމެންޓް