ބީއެމްއެލްއިން އައްޑޫގައި އިތުރު 2 އޭޓީއެމް ގާއިމްކޮށްފި

ބީއެމްއެލް އިން އައްޑޫގައި އިތުރު 2 އޭޓީއެމް ގާއިމްކުރުން -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައްޑޫގައި ކުރަމުންދާ އިންވެސްޓްމަންޓް ފުޅާކޮށް އިތުރު 2 އޭޓީއެމް ގާއިމްކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ އެ އޭޓީއެމްތައް ގާއިމްކޮށްފައިވަނީ މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން ކުރިއަށް ގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ކަމަށެވެ.

ބީއެމްއެލް ގަން ބްރާންޗްގެ މުވައްޒަފުން -- ފޮޓޯ/ ބީއެމްއެލް

އައްޑޫގައި މިއަދު ގާއިމް ކުރެވުނު ދެ އޭޓީއެމް ގާއިމްކޮށްފައިވަނީ އެއަރޕޯޓާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައެވެ. އައްޑޫ ސިޓީގެ ގިނަ ރައްޔިތުންތަކެއް ބޭނުންކުރާ ސަރަހައްދުތަކަށް ވުމުން، އެ އޭޓީއެމްތައް މެދުވެރިކޮށް ފަސޭހަކަމާއެކު ފައިސާ ނެގުމުގެ ޚިދުމަތް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލް ހިތަދޫ ބްރާންޗްގެ މުވައްޒަފުން -- ފޮޓޯ/ ބީއެމްއެލް

އައްޑޫގައި އިތުރަށް ހުޅުވި ދެ އޭޓީއެމްއާ ބެހޭގޮތުން ބީއެމްއެލް ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، އައްޑޫގައި އިތުރު ދެ އޭޓީއެމްގެ ޚިދުމަތް މިއަދު ފެށިގެން ދިޔަކަމީ، ލިބޭ އުފަލެއް ކަމަށެވެ.

"އެއަރޕޯޓާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ގާއިމްކޮށްފައިވާ މި އެޓީއެމްތަކުން ދަތުރުވެރިންނަށާއި ހިތަދޫ ހޮސްޕިޓަލަށް ޒިޔާރަތްކުރާ ގިިނަ ފަރުދުންނަށާއި އާއިލާތަކަށް އިތުރުފަސޭހަކަމެއް ލިބިގެންދާނެ،" ޝަރީފް ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 34 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 95 އޭޓީއެމް، 4900 ޕީއޯއެސް މަރޗަންޓުން، 230 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ފޯރުކޯށްދެމުންނެވެ.

comment ކޮމެންޓް