އިންތިޚާބުގެ ކަންކަން ހަރުދަނާ ކުރުމަށް އދ.އާއި ވިލާތުގެ އިއްތިހާދާއާއެކު މަޝްވަރާކޮށްފި

އިންތިޚާބުގެ ކަންކަން ހަރުދަނާ ކުރުމަށް އދ ގެ ވަފުދާއި އިލެކްޝަން ކޮމިޝަނުން ބައްދަލުކުރެއްވުން -- ފޮޓޯ/ އިލެކްޝަން ކޮމިޝަން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ވަމުންދާ ތައްޔާރީތަކަށް މަޝްވަރާކުރުމަށްޓަކައި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހުގެ ވަފުދުގެ ބޭފުޅުންނާއި ވިލާތުގެ އިއްތިހާދުން އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރައްވައިފިއެވެ.

ވަކިވަކިން ބޭއްވުނު މި ދެ ބައްދަލުވުމުގައި އދ.ގެ ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފައި ވަނީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮފް ދަ ހައި ކޮމިޝަން ފޮރ ހިއުމަން ރައިޓްސްގެ ރޫލް އޮފް ލޯ، އީކުއަލިޓީ އެންޑް ނޮން ޑިސްކްރިމިނޭޝަން ބްރާންޗްގެ ޗީފް، މިސް މޯނާ ރޭޝްވާމީ އާއި އދ.ގެ ރެސިޑެންޓް ކޯރޑިނޭޓަރު ޝޮކޯ ނޮޑާއެވެ.

ވިލާތުގެ އިއްތިހާދުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ވިލާތުގެ އިއްތިހާދުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޓުންގ-ލައި މާގިއޫއެވެ.

އިންތިޚާބުގެ ކަންކަން ހަރުދަނާ ކުރުމަށް ވިލާތުގެ އިއްތިހާދުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޓުންގ-ލައި މާގިއޫ އާ އިލެކްޝަން ކޮމިޝަނުން ބައްދަލުކުރެއްވުން -- ފޮޓޯ/ އިލެކްޝަން ކޮމިޝަން

އެ މަޝްވަރާ ބައްދަލުވުންތަކުގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ނާއިބް ރައީސް އަމްޖަދު މުސްތަފާ، ކޮމިޝަނުގެ މެންބަރު އަހްމަދު އަކްރަމް، ކޮމިޝަނުގެ މެންބަރު އިސްމާއިލް ހަބީބް އަބްދުއްރަހީމް އަދި ކޮމިޝަންގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލް އަބްދުއްރަހްމާން ސަލާހް ރަޝީދުއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ، އެ ބައްދަލުވުންތަކުގައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު 2018އަށް ކޮމިޝަނުން ވަމުންދާ ތައްޔާރީތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި މިހާތަނަށް ކޮމިޝަނުން އިންތިޚާބަށް ކޮށްފައިވާ މަސައްކަތްތަކުގެ ފުރިހަމަކަމަށް އދ. އާއި ވިލާތުގެ އިއްތިހާދުގެ ބޭފުޅުން ތައުރީފް ކުރައްވާފައިވާކަމަށްވެސް ކޮމިޝަނުން ބުންނެވެ.

އެ ބައްދަލުވުމުގައި އިންތިޚާބުގެ މަސައްކަތްތައް އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކުގެ ލަފާ އިލެކްޝަން ކޮމިޝަނަށް އެބޭފުޅުން އަރުވާފައިވާކަމަށްވެސް ކޮމިޝަނުން ބުންޏެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބު 2017 އަކީ މިނިވަން، އިންސާފުވެރި އަދި ދެފުށް ފެންނަގޮތަށް ކުރިއަށް ގެންގޮސްފައިވާ އިންތިޚާބެއް ކަމުގައި ސިޔާސީ ޕާޓީތަކާއި، އިންޓަރނޭޝަނަލް އޮބްޒާވަރުން ފާހަގަކޮށްފައިވާ އިންތިޚާބަކަށްވީތީ އިލެކްޝަންސް ކޮމިޝަނަށް އެ ބޭފުޅުން މަރުހަބާކިޔާފައި ވާކަމަށެވެ.

އެ ބައްދަލުވުމުގައި، ކުރިއަށްއޮތް ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އަދި ދެފުށް ފެންނަ އިންތިޚާބަކަށް ވާނެކަމުގެ ޔަގީންކަން ކޮމިޝަނުންވަނީ އެބޭފުޅުންނަށް އަރުވާފައެވެ.

comment ކޮމެންޓް