ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭގޮތުން ހުރިހާ ކަމެއް ވެސް ކުރީ ގާނޫނު އަސާސީއާ ޚިލާފަށް: އިބޫ

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މި މަހުގެ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުން ފެށިގެން ހުރިހާ ކަމެއް ވެސް ކޮށްފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 30 ދުވަހަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިބޫ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް އިދިކޮޅު ކޯލިޝަނުން ގެންދިޔައީ އަބަދުވެސް ބުނަމުން ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ބުނަމުން މިގެންދަނީ ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ސްޓޭޓް އޮފް އެމަޖެންސީ އަކީ ގާނޫނު އަސާސީއާ ޚިލާފަށް ނެރުއްވާފައިވާ ސްޓޭޓް އޮފް އެމަޖެންސީއެކޭ. އެއީ ގާނޫނު އަސާސީގެ 253 ވަނަ މާއްދާ އާއި 254 ވަނަ މާއްދާ އާ ޚިލާފަށް ނެރުއްވާފައިވާ ސްޓޭޓް އޮފް އެމަޖެންސީއެއް،" އިބޫ ވިދާޅުވިއެވެ.

ހިންނަވަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އިބޫ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު އެއަށް މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅަންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި އެކަން ވެސް ކޮށްފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށެވެ.

"އެއީ ގާނޫނު އަސާސީގައި އެކަން އޮތް ގޮތް އެކަން ވެސް ކުރައްވާފައި މިއޮތީ ގާނޫނު އަސާސީއާ ޚިލާފަށް. އެނގިވަޑައިގަންނަވާނެ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ފެބްރުއަރީ ފުރަތަމަ ދުވަހު މިވަނީ ފެށިފައި. އެހެންކަމަށްވަންޏާ 48 ގަޑިއިރުގެ ތެރޭގައި މަޖިލީހަށް ފޮނުވަންޖެހޭނެ. އެކަމެއް ނުކުރައްވާ. 14 ދުވަހަށްފަހު މަޖިލީހުގެ ތަޅުމަށް މި އައީ،" އިބޫ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގާނޫނު އަސާސީގެ 87 ވަނަ މާއްދާގައި ބުނާގޮތުން ރައްޔިތުން އެ މައްޗަށް އަމަލުކުރަންޖެހޭ ކަމަކާ ގުޅޭ ވޯޓެއް މަޖިލީހުން ނަގަންޖެހޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރަން މަޖިލީހުން ފާސްކުރީ ގާނޫނު އަސާސީގައި ބުނާ އަދަދަށް ވޯޓު ލިބިގެން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދުގެ ޖަލްސާ ބޭއްވި ވޯޓަށް އެހިގެން އެދިޔައީ ގާނޫނު އަސާސީގައި އެބުނާ އަދަދު ހަމަނުވެ. އެހެންވީމާ ރައްޔިތުން މަޖިލީހުން މިއަދު ފާސްކުރި ފާސްކުރުމަކީ ގާނޫނު އަސާސީގެ 87 ވަނަ މާއްދާއާ ޚިލާފަށް ފާސްކުރެވިފައި އޮތް ފާސްކުރުމެއް. އެހެންވީމަ އެއަކީ އަޅުގަނޑުމެން އެއަށް އަމަލުކުރަންޖެހޭ އެއްޗެއް ކަމަށް އަޅުގަނޑުމެން ނުދެކެން،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރަން މަޖިލީހުން ފާސްވީ ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ގަބޫލުނުކުރާ ކަމަށެވެ.

"އަޅުގަނޑު ނުދެކެން އެ ފާސްވި ކަމަށް. އެ ފާސްނުވުމާ ގުޅިގެން، އެއާ ގުޅިގެން ހިނގާފަ ހުރި ހުރިހާ ކަމެއް ނިމުމަކަށް އަންނަންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އިބޫ ވިދާޅުވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތަކީ ރައްޔިތުން އެ މައްޗަށް އަމަލުކުރަންޖެހޭ އެއްޗެއް ނޫންކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެފައިވާ ކަމަށާއި އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރިޔަސް ރައްޔިތުން އެއަށް އަމަލުކުރަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން އަނެއްކަމަކަށް މަޖިލީހުގެ ރައީސް އެއަށް ހުއްޖަތް ދައްކަވަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ މާއްދާތަކެއް މީގެތެރެއަކު ނުހިމެނެއޭ. އެއީ ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމް ކަމެއްގެ ގޮތުގައި ތިމަންނަ ނުދެކެމޭ. އެހެންކަމަށް ވެއްޖެއްޔާ މި ސްޓޭޓް އޮފް އެމަޖެންސީއަށް ރައްޔިތުން އަމަލުކުރާކަށް ނުޖެހޭ،" އިބޫ ވިދާޅުވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 30 ދުވަހަށް އިތުރުކުރަން ފާސްކުރުމަށްފަހު އެ ފާސްކުރުން ސައްހަތޯ ބެލުމަށް ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދުމަށް ފާސްކުރި ކުރުމާ ގުޅޭގޮތުން ވެސް އިދިކޮޅު ކޯލިޝަނުން ދެކޭގޮތް އިބޫ ހިއްސާކުރެއްވިއެވެ.

"...އެ ނުރައްކާތެރި ހާލަތު މެދުވެރިވާން މި ދިމާވީ ސުޕްރީމް ކޯޓުގެ 1 ފެބްރުއަރީގެ ހުކުމުގެ ސަބަބުންނޭ. އެނގިވަޑައިގަންނަވާނެ ސުޕްރީމް ކޯޓުގެ 1 ފެބްރުއަރީގެ ހުކުމަކީ ފަސް ފަނޑިޔާރުން އިއްތިފާގުވެފަ އޮތް ކަމެއް. އެހެންކަމަށް ވަންޏާ ރައްޔިތުންގެ މަޖިލީހުން މިއަދު އެ ފާސްކުރީ ސުޕްރީމް ކޯޓުން އެ ނިންމި ނިންމުމުގެ ސަބަބުން ރާއްޖެ ނުރައްކާތެރި ހާލަތަކަށް ހިނގައްޖެއޭ. އެވަރުކަމެއް ސުޕްރީމް ކޯޓުން ކުރައްވަފާނެތޯ ނުވަތަ ނޫންތޯ. ފަސް ފަނޑިޔާރުންގެ އިއްތިފާގުން ފާސްވެގެން ދިޔައީ،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖެއަށް މެދުވެރިވީ ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގެ ސަބަބުން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވާ ކަމަށެވެ. އެހެންމަކުން މިއަދު މަޖިލީހުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފިނަމަ، ގައުމަށް މި ހާލަތު އައީ މިހާރު ސުޕްރީމް ކޯޓުގައި ތިއްނެވި ތިން ފަނޑިޔާރުންގެ ސަބަބުން ކަމަށް އެފަނޑިޔާރުން އަމިއްލަފުޅަށް ގަބޫލުކުރެއްވީ ކަމަށް އޭނާ ވިދާޅުވިއެވެ.

"...އެހެންވީމަ މިކަމާ ދޭތެރޭގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދިގެން އެ ފަނޑިޔާރުން މިއަށް ތާއީދުކޮށްފިއްޔާ އެ ފަނޑިޔާރުން އެ ގަބޫލުކުރަނީއޭ ތިމަންނަމެން ކުރި ކަމެއްގެ ސަބަބުން ރާއްޖެ މިއޮތީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތަކަށް ވެއްޓިފައޭ. އެހެންވީމަ އެތައް އެތައް ކަމެއް މީގެ ސަބަބުން ގާނޫނު އަސާސީއާ ޚިލާފުވެގެން މިދިޔައީ،" އިބޫ ވިދާޅުވިއެވެ.

comment ކޮމެންޓް