ބެންގަލޫރު އަތުން ބަލިވެ ޓީސީގެ އޭއެފްސީ ކަޕު ދަތުރަށް ނިމުމެއް

އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ ފުރަތަމަ ލެގު މެޗުގެ ތެރެއިން ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

އޭއެފްސީ ކަޕު ކޮލިފައިން ދެވަނަ ލެގުގައިވެސް އިންޑިއާގެ ބެންގަލޫރު އެފްސީ އަތުން ބަލިވެ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުގެ އޭއެފްސީ ދަތުރު ނިންމާލަން ޖެހިއްޖެއެވެ.

ބެންގަލޫރު އެފްސީ އަދި ޓީސީ ވާދަކުރި ފުރަތަމަ ލެގުގެ މެޗު މާލޭގައި ކުޅެ ބެންގަލޫރު އެފްސީން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗު ބަންގަލޫރުގައި ކުޅެ އެޓީމުން ކާމިޔާބުކުރީ 5-0ގެ ނަތީޖާއަކުންނެވެ. ޓީސީ ޕްލޭއޯފްއިން ކަޓައިފައިވަނީ އެގްރިގޭޓް 8-2 ގެ ނަތީޖާއަކުން ބަލިވެގެންނެވެ.

މިރޭގެ މެޗުގައި ބެންގަލޫރު އެފްސީގެ ސްޕެއިން މިޑްފީލްޑަރު ޓޯނީ ޑޮވާލޭ ވަނީ ހެޓްރިކް ހަދައިފައެވެ.

މެޗުގެ ފުރަތަމަ ދިހަ މިނެޓުގައި ދެޓީމުގެ ފަރާތުން ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެޓީމުގެ ފަރާތުންވެސް ނުރައްކާތެރި ހަމަލާއެއް ފެނިފައެއް ނުވެއެވެ. ބެންގަލޫރު އެފްސީން މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކުރީ 12 ވަނަ މިނެޓައެވެ. ޓީސީގެ އޭރިއާ ބޭރުން ބެންގަލޫރު އެފްސީގެ މިޑްފީލްޑަރު ޓޯނީ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ސީދާ ގޯލްގެ ކަނަށެވެ.

އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ ފުރަތަމަ ލެގު މެޗުގެ ތެރެއިން ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ބެންގަލޫރު އެފްސީގެ ގޯލަށްފަހު ޓީސީން ކުޅުން ރަނގަޅު ކުރިއެވެ. އެގޮތުން ބެންގަލޫރު އެފްސީގެ އޭރިއާ ބޭރުން ޓީސީގެ ޑިފެންޑަރު މުރުތަލާ އަދުނާން ފޮނުވާލި ހަމަލާގެ އިތުރުން އިޝާން އިބުރާހީމް (ސައްޓު)އަށް ލިބުނު ހުސް ފުރުސަތު ފާހަގަކޮށްލެވުނެވެ. ބެންގަލޫރު އެފްސީ އޭރިއާ ތެރެއިން ސައްޓުއަށް ލިބުނު ހުސް ފުރުސަތު އޭނާ ފޮނުވާލި ނަމަވެސް ބެންގަލޫރު އެފްސީގެ ކީޕަރު މާވިއާ ރާލްޓޭވަނީ ބޯޅައަށް ނުކުމެ ދިފާއުކޮށްފައެވެ.

މެޗުގެ 31 ވަނަ މިނެޓުގައިވެސް ޓީސީއަށްވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ބެންގަލޫރު އެފްސީގެ އޭރިއާ ތެރެއަށް ވަދެ ނަގައިދިން ހުރަސް އެޓީމުގެ ޑިފެންޑަރު ވަނީ ދިފާއުކޮށްފައެވެ.

އޭއެފްސީ ކަޕް ޕްލޭ އޯފްގެ ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ ފުރަތަމަ ލެގު މެޗުގެ ތެރެއިން ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ބެންގަލޫރު އެފްސީން މެޗުގެ ލީޑު ފުޅާކުރީ 34 ވަނަ މިނެޓުގައެވެ. ޓީސީ އޭރިއާ ތެރޭގައި ހުސްކޮށް ހުރެ އެ ގޯލްވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ޓޯނީއެވެ. އޭގެ މިނެޓެއްފަހުން ބެންގަލޫރު އެފްސީން ލީޑު ފުޅާކުރިއެވެ. އެ ގޯލަކީ ބެންގަލޫރު އެފްސީއަށް ކުޅެމުންދިޔަ އޮސްޓްރޭލިއާ މިޑްފީލްޑަރު އެރިކް ޕާޓަލޫ ކާމިޔާބުކުރި ރީތި ގޯލެކެވެ.

ދެވަނަ ހާފްގައި ކުޅެން ނުކުމެ 48 ވަނަ މިނެޓުގައި ޓޯނީވަނީ އޭނާގެ ހެޓްރިކް ކާމިޔާބުކޮށް ނަތީޖަގެ ފަރަގު އިތުރަށް ބޮޑުކޮށްފައެވެ. މެޗުގައި ޓީސީއަށް އިތުރު ހިތްދަތިކަމެއް ގެނުވީ 61 ވަނަ މިނެޓުގައި މިސްރުގެ ޑިފެންޑަރު އަލާއަލް މަގުރަބީއަށް، ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ.

ޓީސީން ކުޅުންތެރިއަކު މަދުން ކުޅެން ޖެހުމުން މެޗު ޑޮމިނޭޓްކޮށްގެ ކުޅުނު ބެންގަލޫރު އެފްސީން ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިއިރު ޓީސީންވަނީ ޑިފެންސިވް ކުޅުމެއް ކުޅެ ގިނަ ހަމަލާތަކެއް ހުއްޓުވާފައެވެ. ބެންގަލޫރު އެފްސީން ލީޑު ނެގީ މެޗުގެ 90 ވަނަ މިނެޓުގައެވެ. ލިބުނު ކޯނަރަކުން މެޗުގެ ނަތީޖާ 5-0 އަކަށް ބަދަލުކޮށްލީ ޑިފެންޑަރު ރާހުލް ބެކޭއެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ޓީސީ އައީ 2015 ވަނަ އަހަރުގައެވެ. މިދިޔަ ތިން އަހަރު ތެރޭގައި ޓީސީ ފާހަގަކޮށްލެވުނީ ބޮޑެތި ކުރިއެރުންތަކެއް ހޯދި ޓީމެއްގެ ގޮތުގައެވެ. މިދިޔަ ސީޒަންގެ ހުރިހާ މުބާރާތަކުންވެސް ދެވަނަ ހޯދި ޓީސީން މިއަހަރު ނުކުތީ އެޓީމުގެ ފުރަތަމަ އޭއެފްސީ ކަޕުގެ ތަޖުރިބާއަށެވެ.

އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ ފުރަތަމަ ލެގު މެޗުގެ ތެރެއިން ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ޕްލިރިމިނަރީ ބުރުގައި ބަންގުލަދޭޝްގެ ސައިފް ސްޕޯޓިންގެ މައްޗަށް ދެ ލެގުގައިވެސް ކުރި ހޯދައި، ޓީސީން ކޮލިފިކޭޝަނަށް ދިޔަ ނަމަވެސް އިންޑިއާގެ ވަރުގަދަ ބެންގަލޫރު އެފްސީއާ ކުޅުނު ދެމެޗުންވެސް ބަލިވެ ޓީސީގެ އޭއެފްސީ ކަޕުގެ ދަތުރު މިވަނީ ނިމިފައެވެ. ފުރަތަމަ ލެގު އަދި މިރޭ ކުޅުނު ދެވަނަ ލެގުގައިވެސް ޓީސީގެ ހިތްވަރު ފާހަގަކޮށްލެވުނެވެ.

ދެ ލެގުން މޮޅުވެ ބެންގަލޫރު އެފްސީ ވަނީ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފައެވެ. އޭއެފްސީ ކަޕުގެ ގްރޫޕްއީގައި ހިމެނެނީ އިންޑިއާގެ އައިޒައުލް އެފްސީއާއި ބެންގަލޫރު އެފްސީގެ އިތުރުން ރާއްޖޭގެ ޗެމްޕިއަން ނިއުއާއި ބަންގުލަދޭޝްގެ ޗެމްޕިއަން ޑާކާ އަބަހާނީއެވެ.

comment ކޮމެންޓް