ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރުކުރަން ފާސްކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ކުއްލި ނުރައްކަލުގެ ހާލަތަށް 30 ދުވަސް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ހުށަހެޅުއްވުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެ ހުށަހެޅުން މަޖިލީހުން ފަސްކުރީ ސަރުކާރަށް ތާއިދުކުރާ 38 މެންބަރެއްގެ ވޯޓުންނެވެ. ޖަލްސާގައި އިދިކޮޅު އެއްވެސް މެންބަރަކު ބައިވެރިވަޑައިގެންފައެއް ނުވެއެވެ.

މިއަދު ހަވީރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގޮތުން ގައުމީ ސަލާމަތާ ބެހޭ ކޮމެޓީން ނިންމި ނިންމުމަށް ވަކިވަކިން ވޯޓަށް އަހާފައެވެ. އެގޮތުން ގާނޫނު އަސާސީގެ 100 ވަނަ މާއްދާ، 101 ވަނަ މާއްދާ، 113 ވަނަ މާއްދާ އަދި 228 ވަނަ މާއްދާ އުނިކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަކަށް އިތުރު ކުރުމެވެ.

  • 100 ވަނަ މާއްދާ: ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުން
  • 101 ވަނަ މާއްދާ: ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން
  • 113 ވަނަ މާއްދާ: ސުޕްރީމް ކޯޓުން ނިންމާނީ އެންމެ ފަހުގެ ނިންމުން
  • 228 ވަނަ މާއްދާ: ޕްރޮސެކިއުޓަރ ޖެނަރަލް މަގާމުން ވަކިކުރުން

ވޯޓަށް އެހުމުގެ ކުރިން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވީ ރައްޔިތުން އޭގެ މައްޗަށް ލާޒިމްކުރާ ކަންކަން ބަޔާންކޮށް، މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާގައި ހިމެނޭ ކަންކަމުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތު ނުހިމެނޭ ކަމަށާއި އެހެންކަމުން ވޯޓަށް އައްސަވަނީ މަޖިލީހުގެ އާންމު އުސޫލުން ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރާ ގަރާރުގެ ނުވަތަ އެ ގަރާރުން ބައެއްގެ ސައްހަ ކަމާމެދު ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ހަދާ ގާނޫނަކާ މެދު ނުވަތަ ނެރޭ އަމުރަކާ މެދު ސުވާލު އުފެދިއްޖެ ހާލަތެއްގައި އެ ކަމާމެދު ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނުއަސާސީގެ 258 ވަނަ މާއްދާގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ޣައިރު ޤާނޫނީ އަމުރަކަށް ތަބާނުވުމުގެ ހައްގެއް ނުހިފެހެއްޓޭނެކަމަށް ގާނޫނުއަސާސީގައި ބުނެފައިވެއެވެ.

comment ކޮމެންޓް