ޗެމްޕިއަންސް ލީގު ފެވަރިޓުންނަކީ ރެއާލް، ބާސާ އަދި ޕީއެސްޖީ!

ބަޔާންގެ ކޯޗު ޖުޕް ޔަންކޭޒް --- ފޮޓޯ/ އޭޕީ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފެވަރިޓުންނަކީ ސްޕެއިންގެ ބާސެލޯނާއާއި ރެއާލް މެޑްރިޑްގެ އިތުރުން ފްރާންސްގެ ޕީއެސްޖީ ކަމަށް ބަޔާން މިއުނިކްގެ ކޯޗު ޖުޕް ޔަންކޭޒް ބުނެފިއެވެ.

ބަޔާން މިއުނިކާއެކު 2012 ވަނަ އަހަރު ސީޒަންގައި ޓްރެބަލް ހޯދި ކޯޗު ޔަންކޭޒް އަލުން ޓީމާ ހަވާލުވެފައިވަނީ މިދިޔަ އަހަރު ފަހު ކޮޅުގައެވެ. ބަޔާންއާ ޔަންކޭޒް ހަވާލުވިފަހުން އެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެންނަމުންދާއިރު، ޗެމްޕިއަންސް ލީގު ގަދަ 16ގައި މިރޭ ބަޔާން ނުކުންނާނީ ތުރުކީގެ ބެސްކީޓާސްއާ ދެކޮޅަށެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ޔަންކޭޒް ބުނީ ބަޔާންއަކީ މިހާރު ޗެމްޕިއަންސް ލީގުގެ ފެވަރިޓުން ނޫން ކަމަށެވެ.

"ކުރިޔާލާ ބުނަން އުނދަގޫވާނެ ކޮންޓީމެއްކަން ޗެމްޕިއަންސް ލީގު ގެންދާނީ. ތާރީހީ ބޮޑެތި ކްލަބުތައް އެބަ އޮތް ޗެމްޕިއަންސް ލީގުގައި. އިނގިރޭސި ފަސް ޓީމުވެސް އޮތީ ވަރަށް ވަރުގަދަކޮށް. ހާއްސަކޮށް އޭގައި ހިމެނޭ ޓްރާންސްފާ ސީޒަންގައި ބޮޑު ހަރަދެއް ކުރި ޓީމެއް. އެހެން ނަމަވެސް ފެވަރިޓުންނަކީ ބާސާ، ރެއާލް އަދި ޕީއެސްޖީ،" ޔަންކޭޒް ބުންޏެވެ.

ޔަންކޭޒް ބުނީ ބަޔާންއަކީ ޔޫރަޕުގައި ކާމިޔާބު ކްލަބެއް ނަމަވެސް ޗެމްޕިއަންސް ލީގަކީ ހަމަ ބޭނުންވާއިރަށް ލިބޭ ކަހަލަ ފަސޭހަ މުބާރާތެއް ނޫން ކަމަށެވެ.

"ބަޔާން އަކީ ޔޫރަޕުގައި ކާމިޔާބު ޓީމެއް. އެހެންވިޔަސް ޗެމްޕިއަންސް ލީގަކީ ހަމަ ބޭނުންވާއިރަށް ލިބޭނެ އެއްޗެއް ނޫން. އެކަމަށް ވަރަށް ބުރަކޮށް މަސައްކަތް ކޮށް، މުޅި ޓީމު ފިޓްވާން ޖެހޭނެ. ކުޑަ ޓީމެއް ނޯންނާނެ ޗެމްޕިއަންސް ލީގުގައި،" ޔަންކޭޒް ފާހަގަކުރިއެވެ.

އުމުރުން 75 އަހަރުގެ ޔަންކޭޒްއަކީ ކުޅުންތެރިއެއްގެ ގޮތުންވެސް ޗެމްޕިއަންސް ލީގު ހޯދައިފައިވާ ކޯޗެކެވެ. ބަޔާންގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ކޯޗު އަދި ކުޅުންތެރިޔާ ޔަންކޭޒްއަކީ ބަޔާން ސަޕޯޓަރުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކޯޗެކެވެ.

comment ކޮމެންޓް