ކޮރަޕްޝަނުގެ މައްސަލައެއްގައި ނަތަންޔާހުއާ ގާތް ދެ މީހަކު ހައްޔަރުކޮށްފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ -- ފޮޓޯ: ގެޓީ

ގުދުސް (ފެބްރުއަރީ 20): އިސްރާއީލުގެ ފުލުހުން ތަހުގީގު ކުރަމުންދާ ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ގާތް ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ކޭސް 4000ގެ ނަން ދީފައިވާ އެމައްސަލައަކީ އޮންލައިން ނޫހެއް ކަމަށްވާ ވައްލާގައި ނަތަންޔާހޫގެ ސަރުކާރާ އެއްކޮޅަށް ހަބަރު ގެނެސްދިނުމުގެ ބަދަލެއްގެ ގޮތުން، އެނޫހުގެ ވެރިޔާއަށް ފައިދާވާ ފަދަ ގަވާއިދުތަކަކަށް ސަރުކާރުން ތާއިދު ކުރި ކަމަށް ބުނާ މައްސަލައެކެވެ.

އެމައްސަލައިގެ ތަހުގީގަށް ހައްޔަރު ކޮށްފައިވާ ހަތް މީހުން ތެރޭގައި ނަތަންޔާހޫގެ ކުރީގެ ތަރުޖަމާނު ނީރު ހެފެތަޒް އާއި އެގައުމުގެ ކޮމިއުނިކޭޝަން މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ޝްލޮމޯ ފިލްބާ ހިމެނޭ ކަމަށް އިސްރާއީލް ފުލުހުން ވަނީ ބުނެފަ އެވެ.

އަދި އެތަހުގީގާ ގުޅުން ހުރި ތުހުމަތުތަކެއް ނަތަންޔާހޫގެ މައްޗަށް ކޮށްފައި ނުވި ނަމަވެސް އެމައްސަލާގައި އޭނާއާ ސުވާލު ކުރާނެ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ބުނެ އެވެ.

ނަތަންޔާހޫގެ އަރިސް ފަރާތްތަކެއް ހައްޔަރު ކޮށްފައި ވަނީ ކޮރަޕްޝަނުގެ ދެ މައްސަލައަކާ ގުޅިގެން އޭނާގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް އިސްރާއީލް ފުލުހުން ބުނި ފަހުންނެވެ. (ގާޑިއަން)

comment ކޮމެންޓް