އާ އަހަރުގެ ޝޯގައި އިޖްތިމާއީ މިންގަނޑާ ޚިލާފު މަންޒަރު ދެއްކީތީ މައާފަށް އެދެން ޓީވީއެމްއަށް އަންގައިފި

ޕީއެސްއެމްގެ އެމްޑީ އިބްރާހިމް ޙަލީލް އަދި ބްރޯޑް ކޮމްގެ ރައީސް މުހައްމަދު ޝަހީބު ---

އާ އަހަރު ފާހަގަ ކުރުމަށް ޓުއަރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އިން ގުޅިގެން ބޭއްވި ޝޯ ބްރޯޑްކާސްޓްކުރި އިރު، އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު މަންޒަރުތައް ދައުލަތުގެ މީޑިއާ ޓީވީއެމުން ދައްކާފައި ވާތީ މައާފަަށް އެދުމަށް ބްރޯޑްކާސްޓިންގް ކޮމިޝަނުން ޓީވީއެމްއަށް އަންގައިފިއެވެ.

ބްރޯޑްކޮމްއަށް އާންމު ފަރާތަކުން ހުށަހެޅި މައްސަލައެއް ނިންމައި މިއަދު އާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ އެމައްސަލައިގައި ޓީވީއެމުން ޖަވާބުދާރީވުމަށް ފުރުސަތު ދީފައިވާނެ ކަމަށެވެ. ނަމަވެސް ޖަވާބުދާރީވާން ދިން މުއްދަތުގައި ޓީވީއެމުން ޖަވާބުދާރީވެފައި ނުވާ ކަމަށް ބުނެފައިވެއެވެ.

އަދި ބްރޯޑްކޮމްއިން އެމައްސަލަ ބެލި އިރު 31 ޑީސެމްބަރު 2017 ވަނަ ދުވަހުގެ ރޭ އާ އަހަރުގެ ޝޯ ޓީވީއެމުން ލައިވް ކުރަމުން ދިޔަ އިރު މުޖުތަމައުގެ އާންމު މިންގަނޑާ ހިލާފު މަންޒަރުތައް ދައްކާފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށް ވަނީ ބުނެފައެވެ.

"މިފަދަ މަންޒަރުތައް ހިމެނޭ ކޮންޓެންޓް ފޮނުވުމުގައި މުޖުތަމަޢުގެ އަދަބު އަހުލާގުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ގަބޫލުކުރާ މިންގަނޑުތަކަށް ފެތޭގޮތަށް ކޮންޓެންޓް ބައްޓަން ކުރުމަށް ޕަބްލިކް ސާވިސް މީޑިއާއަށް އަންގަން،" މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައިވެއެވެ.

އަދި ފެށޭ މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން އެއްރޭ ރޭގަނޑު 8:00 އާ 10:00 އާ ދެމެދު މައާފަށް އެދެން ބްރޯޑްކޮމްއިން ވަނީ ޓީވީއެމް ހިންގާ ޕަބްލިކް ސާވިސް މީޑިއާއަށް އަންގާފައެވެ.

މޯލްޑިވްސް އިންޓަގްރޭޑެޓް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އާ އަހަރު ފާހަގަކުރުމަށް ބޭއްވި ޝޯގައި ފަންނާނުން ބޭނުންކުރި ހެދުމަކީ، އެފަދަ ހަރަކާތެއްގައި ބޭނުންކުރަން އެންމެ އެކަށީގެންނުވާ ހެދުމެއްކަމަށް ގަބޫލުކުރާ ކަމަށް ބުނެ، އެ ކުންފުނިންވެސް ވަނީ މީގެ ކުރިން މައާފަށް އެދިފައެވެ.

comment ކޮމެންޓް