ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޖުލައި މަހު ހުޅުވާލަން ނިންމައިފި

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް (ކ) އަދި ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އަންނަ ޖުލައި މަހު ހުޅުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް މިއަދު "ސަން" އަށް ވިދާޅުވީ އޯގަސްޓް މަހުގެ ފަހުކޮޅު ނުވަތަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އިންތިޚާބުގެ ފުރަތަމަ ބުރު އޮންނާނެ ކަމަށެވެ.

އަކުރަމް ވިދާޅުވީ ރިޔާސީ އިންތިޚާބު ބާއްވާނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމަށާއި މިނިވަން އިންސާފުވެރި އިންތިޚާބެއް އޮންނާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ކަމާ ގުޅުންހުރި މުއައްސަސާތަކާ ބައްދަލުކުރަމުން އަންނަ ކަމަށާއި އިންތިޚާބު އިއުލާންކުރާނީ ހުރިހާ މުއައްސަސާތަކާ މަޝްވަރާ ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ވަރަށް އަވަހަށް މީޑިއާތަކަށް މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

ގާނޫނު އަސާސީގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ހިނގަމުންދާ ރިޔާސީ ދައުރު ހަމަވުމުގެ 120 ދުވަހާއި 30 ދުވަހާ ދެމެދު ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނެ އެވެ.

ރިޔާސީ އިންތިޚާބުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ގޮތުގައި ހިނގަމުންދާ ރިޔާސީ ދައުރުގެ މުއްދަތު ހަމަވާން 120 ދުވަހަށް ވުމާ އެކު ގިނަވެގެން 10 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި އެކަން އާންމުކޮށް އިއުލާން ކުރަންޖެހޭނެ އެވެ.

ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ އެޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކަމަށް ވަނީ ނިންމާފަ އެވެ. އެމަނިކުފާނާ ވާދަވެރި އިދިކޮޅު ކޯލިޝަނުން އިންތިޚާބުގައި ވާދަކުރައްވާނެ ބޭފުޅަކު އަދި ކަނޑައަޅާފައެއްނުވެ އެވެ.

comment ކޮމެންޓް