ޚާއްސާ ޖަލްސާ މިއަދު ހަތަރެއް ޖަހާ އިރު، ޕީޕީއެމުން ތްރީލައިން ވިޕެއް ނެރެފި

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުން އިއްޔެ ބޭއްވި ޖަލްސާގެ ތެރެއިން: މަޖިލީހަށް ބަލައި ގަތުމަށް ބޭއްވި ޖަލްސާ އިދިކޮޅު ފަރާތްތަކުން ވަނީ ބޮއިކޮޓް ކޮށްފައި --- ފޮޓޯ/ މަޖިލިސް

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ރައިސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ގަރާރަށް ވޯޓަށް އެހުމަށް މިއަދު ހަވީރު 4:00 ގައި ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

އެ ޖަލްސާގައި ނަގާ ވޯޓް ކާމިޔާބު ކުރާނެ ކަމަށް ބުނެ، އެ ޕާޓީ އިން ވަނީ ތްރީލައިން ވިޕެއް ނެރެފައެވެ.

ޕީޕީއެމް އަދި އެމްޑީއޭގެ ޕާލިމެންޓްރީ ގްރޫޕުން އެ ގޮތަށް ނިންމީ މިއަދު ބޭއްވި އެ ޕާޓީތަކުގެ ޕީޖީ ގްރޫޕް ބައްދަލުވުމުގަ އެވެ.

އިއްޔެ ބޭއްވި މަޖިލީހުގެ ޚާއްސަ ޖަލްސާގައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އިއުލާނު ކުރެއްވި 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރުކުރުމުގެ މައްސަލަ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ފޮނުވައި ކޮމެޓީން ފާސްކޮށްފައެވެ.

އިއްޔެގެ ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ. ކޮމިޓީން ފާސްކޮށްފައި ވަނީ 30 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރުމަށް ތާއީދުކޮށެވެ.

ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ރައްޔިތުން އަމަލު ކުރަންޖެހޭ ކަމެއް މަޖިލީހުން ނިންމާނަމަ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކޮށްފައި އެއްބަޔަށް ވުރެ ގިނަ މެމްބަރުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ތިބެން ޖެހޭނެ ކަމަށެވެ.

ގާނޫނުއަސާސީގައި ވާގޮތުން ގަރާރު ފާސްކުރަން ބާއްވާ ޖަލްސާއަށް 43 މެމްބަރުން ހާޒިރު ނުވެއްޖެ ނަމަ ގަރާރު ފާސްކުރަން ވޯޓަކަށް ނޭހޭނެ ކަމަށް އިދިކޮޅު މެންބަރުން އަންނަނީ ބުނެމުންނެވެ. އެއީ ކުއްލި ހާލަތުގެ ގަރާރަކީ ރައްޔިތުން އަމަލު ކުރަން ޖެހޭ ގަރާރަކަށް ވާތީ އެވެ.

އިއްޔެގެ ޖަލްސާ އިދިކޮޅު މެންބަރުން ބޮއިކަޓް ކުރުމުން ގަރާރު މަޖިލީހަށް ބަލައިގަނެފައިވަނީ ސަރުކާރަށް ތާއިދުކުރާ 39 މެންބަރުންގެ ވޯޓުންނެވެ. އަދި ސަރުކާރަށް 43 މެންބަރުން ހަމަ ނުކުރެވޭނެ ކަމަށް ބުނެ އިދިކޮޅު މެންބަރުން އަންނަނީ ގަރާރު ފާސް ނުކުރެވޭނެ ކަމަށް ވިދާޅުވަމުންނެވެ.

ނަމަވެސް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރަކު 'ސަން' އަށް ވިދާޅުވީ ގަރާރަށް ވޯޓަށް އެހުމާ ގުޅޭ ގޮތުން އެ ޕާޓީން ގާނޫނީ ލަފާ ހޯދާފައިވާ ކަމަށާއި 43 މެންބަރުން މަޖިލީހަށް ހާޒިރުވުން ލާޒިމް ނޫން ކަމަށް ގާނޫނީ ލަފާ ލިބިފައިވާ ކަމަށެވެ.

މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި ވެސް އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ބައިވެރިވަޑައިގަންނާވާނެ ކަމެއް އަދި ނޫން ކަމެއް ވެސް ވަނީ ކަށަވަރުވާ ގޮތް ނުވެފައެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިތުރުނުކުރުމަށް އެ މެންބަރުން އަންނަނީ ގޮވާލަމުންނެވެ.

comment ކޮމެންޓް