އިސްރާއީލުން މިސްރަށް ގޭސް އިމްޕޯޓް ކުރުމަށް 15 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް

އިސްރާއިލުގައި ގޭސް ނަގާތަނެއް--ފޮޓޯ: ރޮއިޓާސް

ތެލްއަވީވް (20 ފެބްރުއަރި): އިސްރާއިލުން މިސްރަށް ގޭސް އެކްސްޕޯޓް ކުރުމަށް 15 ބިލިއަން ޑޮލަރުގެ އެއްބަސްވުމެެއްގައި ސޮއިކޮށްފި އެވެ.

އިސްރާއިލްގެ ހަކަތަޔާ ބެހޭ ވަޒީރު ޔުވާލް ސްޓެއިނިޓިޒް ވިދާޅުވީ އިސްރާއިލުގެ ޑެލެކް ގްރޫޕުން މިސްރުގެ ޑޮލްފިނަސް ހޯލްޑިންގްސް އަށް 64 ބިލިއަން ކިއުބިކް މީޓަރުގެ ގޭސް ފޯރުކޮށްދިނުމަށް އެއްބަސްވުމުގެ ދަށުން ހަމަޖެހިފައިވާ ކަމަށެވެ.

ޔުވާލް ވިދާޅުވީ އެ އެއްބަސްވުމަކީ، 1979 މިސްރާއި އިސްރާއިލާ ދެމެދު ވެވުނު ސުލްހައިގެ އެއްބަސްވުމުގެ ފަހުން މިހާތަނަށް ވެވެނު އެންމެ ތާރީހީ އެއްބަސްވުން ކަމަށެެވެ.

އިސްރާއިލުގެ ބޮޑުވަީރު ބެންޖަމިން ނަތަންޔާޙޫ ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން އިސްރާއިލަށް އެތަކެއް ބިލިއަން ޑޮލަރެއް ވަންނާނެ ކަމަށާއި އަދި މިއީ ވަރަށް އުފާވެރިކަމުގެ ދުވަހެއް ކަމަށެވެ.

މިސްރުގައި ގޭސް އުފައްދާ ފެސިލީޓީސް ހުރި ނަމަވެސް، 2011 ވަނަ އަހަރު މިސްރުގެ ވެރިކަން ބަދަލުވުމުން އުފެދުނު ހަމަނުޖެހުންތަކުގެ ސަބަބުން އެތަންތަނުން ގޭސް އުފެއްދުން ވަނީ މަޑުޖެހިފަ އެވެ. މިސްރުގައި ކަރަންޓް ދިނުމަށް 70 ޕަސެންޓް ބޭނުންކުރަނީ ގޭހެވެ.

މިސްރުގެ ވެރިކަމަށް އަބްދުލް ފައްތާހު އަލް ސީސީ ވަޑައިގަތް ފަހުން އެގައުމާ، އިސްރާއިލާ ދެމެދު ގުޅުންތައް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އަދި މިސްރުގެ ސައިނާއީގައި ހަރަކާތްތެރިވާ ހައްދުފަހަނަ އަޅައިފައިވާ ގްރޫޕްތަކާ ދެކޮޅަށް އިސްރާއިލާ މިސްރުން ދަނީ ގުޅިގެން ހަމަލާތައް ދީ ހަދަމުންނެވެ.

މަސްދަރު: ފައިނޭންޝިއަލް ޓައިމްސް

comment ކޮމެންޓް