ޔުނައިޓެޑަށް ޗެމްޕިއަންސް ލީގު ހޯދިދާނެ: ޔަންގް

ޔުނައިޓެޑްގެ ފަހަތުން މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެޝްލީ ޔަންގް --- ފޮޓޯ/ މެންޗެސްޓާ ޔުނައިޓެޑް އޮފިޝަލް

މެންޗެސްޓާ ޔުނައިޓެޑަށް ޗެމްޕިއަންސް ލީގު ހޯދި ދާނެ ކަމަށް އިނގިރޭސި މިޑްފީލްޑާ އެޝްލީ ޔަންގް ބުނެފި އެވެ.

ޔަންގް އަންނަނީ 2011 ވަނަ އަހަރުން ފެށިގެން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންނެވެ. މިދިޔަ ދެތިން ސީޒަނެއްގައި ޔަންގްގެ ކުޅުން މާބޮޑަށް ފާހަގަ ނުކުރެވުނު ނަމަވެސް، ކޯޗު ހޯޒޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން މި ސީޒަންގައި އޭނާ އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ޔުނައިޓެޑްގައި ހޭދަކުރި ފުރަތަމަ ދުވަސް ކޮޅުގައި އަރިމަތިން ކުރިއަށް ކުޅުނު ޔަންގް މިހާރު ކުޅެނީ ވާތް ފަޅިން ފަހަތަށެވެ.

ޗެމްޕިއަންސް ލީގު ގަދަ 16ގެ ފުރަތަމަ ލެގުގައި މާދަމާ ރޭ ރަށުން ބޭރުގައި ސަވިއްޔާއާ ދެކޮޅަށް ޔުނައިޓެޑުން ނުކުންނަ އިރު މިއީ 2014 ވަނަ އަހަރަށް ފަހު ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ގަދަ 16 ކުޅޭ ފުރަތަމަ ފަހަރެވެ.

މި ސީޒަންގެ ޗެމްޕިއަންސް ލީގާ ގުޅިގެން ވާހަކަ ދައްކަމުން އެޝްލީ ޔަންގް ބުނީ، ޔުނައިޓެޑަށް ޗެމްޕިއަންސް ލީގު ހޯދި ދާނެ ކަމަށާއި ވިސްނާނީ ހަރުފަތަކަށް ފަހު ހަރުފަތެއް ކުރިއަށް ދިއުމަށް ކަމަށެވެ. ޔަންގް ބުނީ ކޮންމެ މުބާރާތަކަށް ވެސް ޔުނައިޓެޑް ނުކުންނާނީ ކާމިޔާބު ކުރުމަށް ކަމަށާއި ޗެމްޕިއަންސް ލީގު ހޯދުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށެވެ.

ޔަންގް ބުނީ ސެވިއްޔާއަށް އަވޭގައި ކުޅުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އެކަމަކު ޕްރިމިއާ ލީގު އަވޭ މެޗުތަކަށްވުރެ ވަކި އުނދަގޫ ނުވާނެ ކަމަށާއި އަވޭ މެޗުތަކުގައި ސަޕޯޓަރުންނަށް ވުރެ ބޮޑަށް ދަނޑު މަތީގައި ކުޅޭ ކުޅުން ރަނގަޅު ކުރަން އިސްކަން ދޭ ކަމަށެވެ.

ޔަންގް ބުނީ އެލެކްސިސް ސަންޗޭޒް ޓީމާ ގުޅުމާ އެކު ފޯވަޑް ރޮމެލޫ ލުކާކޫއަށް ވަރަށް ބޮޑު ހިއްވަރެއް ލިބިއްޖެ ކަމަށާއި، ކުރިއަށް ކުޅޭ ކުޅުންތެރިންގެ ގުޅުން މިހާރު ވަރަށް ރަނގަޅު ކަމަށެވެ.

އެންމެ ކާމިޔާބު އިނގިރޭސި ކްލަބ،ު ޔުނައިޓެޑުންވަނީ ތިން ފަހަރު ޗެމްޕިއަންސް ލީގު އުފުލާލައިފަ އެވެ.

comment ކޮމެންޓް