ބާސާއަކީ ބަލިނުކުރެވޭނެ ޓީމެއް ނޫން: ޕެޑްރޯ

ޗެލްސީގެ ސްޕެއިން ފޯވާޑް ޕެޑްރޯ ރޮޑްރިގޭޒް --- ފޮޓޯ/ޔޫރޯ ސްޕޯޓްސް

ބާސެލޯނާއަކީ ބަލިނުކުރެވޭނެ ޓީމެއް ނޫން ކަމަށް ކުރިން އެޓީމަށް ކުޅުނު ސްޕެއިންގެ ވިންގަރ ޕެޑްރޯ ރޮޑްރިގޭޒް ބުނެފި އެވެ.

ދެހާސް އަށް ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ބާސެލޯނާއަށް ކުޅުނު ޕެޑްރޯ ޗެލްސީއަށް ބަދަލުވީ 2015 ވަނަ އަހަރު ހޫނު މޫސުމުގެ ޓްރާންސްފާގައި 21.4 މިލިއަން ޕައުންޑްގެ ފީއެއްގަ އެވެ. ޕެޑްރޯ ޗެލްސީއަށް ކުޅުނު 85 މެޗުން 20 ގޯލް ޖަހައިދީފައިވާ އިރު، މިދިޔަ ދެ ސީޒަންގައި އޭނާ ވެފައި ވަނީ ޗެލްސީއަށް މުހިއްމު ކުޅުންތެރިއަކަށެވެ.

ޗެމްޕިއަންސް ލީގު ގަދަ 16ގެ ފުރަތަމަ ލެގުގައި ޗެލްސީއާއި ބާސާ މިރޭ ކުރިމަތިލާ އިރު، މެޗާ ގުޅޭ ގޮތުން ޕެޑްރޯ ވަނީ ނޫސްވެރިންނާ ވާހަކަ ދައްކައިފަ އެވެ.

"ޗެލްސީއަށް ކުއާޓާ ފައިނަލަށް ދެވިދާނެ. އެކަމަކު މި ދައްކަނީ ބާސާގެ ވާހަކަ. ލިއޮނަލް މެސީގެ ވާހަކަ. އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ. ހަލުވި، ހުނަރުން ފުރިގެންވާ ކުޅުންތެރިއެއް މެސީއަކީ. އޭނާ ހުއްޓުވަން އުނދަގޫވާނެ. އެކަމަކު ބާސާއަކީ 'އިންވިންސިބަލްސް' އެއް ނޫން. އެހެންވީމަ ބަލިކުރެވޭނެ،" ޕެޑްރޯ ބުންޏެވެ.

ޕެޑްރޯ ބުނެފައި ވަނީ ބާސާއަކީ އޭނާއަށް ވަރަށް ހާއްސަ ކްލަބެއް ކަމަށާއި، ބާސާގައި ގިނަ ރައްޓެހިންތަކެއް އަދިވެސް އުޅޭ ކަމަށެވެ. ބާސާގައި ހޭދަކުރި ކާމިޔާބު ދުވަސްތަކުގެ ހަނދާންތައް ވަރަށް ރަނގަޅަށް ހުންނަ ކަމަށާއި، އެހެން ނަމަވެސް އެންމ ބޮޑަށް ހުންނަ އެއް ހަނދާނަކީ 2012 ވަނަ އަހަރުގެ ޗެމްޕިއަންސްލީގުގައި ޗެލްސީ އަތުން ބާސާ ކެޓި ހަނދާން ކަމަށްވެސް ޕެޑްރޯ ފާހަގަކުރި އެވެ.

"ޗެލްސީ އަތުން 2012 ވަނަ އަހަރު ބަލިވި ހަނދާން ވަރަށް ބޮޑަށް ހުރޭ. މުޅި ޓީމު ރޮއްވާލި މެޗެއް އެއީ. މެޗުގެ ކޮންޓްރޯލްގައި ބާސާ އޮތީ، އެހެން އޮއްވާ މެސީ ޕެނެލްޓީ ނާކާމިޔާބުކޮށް، ފަހު މިނެޓު ޓޮރެސް ގޯލް ޖެހި ހިސާބުން ހިތް ފަޅައިގެންދިޔަ،" ޕެޑްރޯ ބުންޏެވެ.

ޕެޑްރޯ ބުނީ ބާސާ އިން ޗެލްސީއާ ދެކޮޅަށް ނުކުންނާނީ ވަރަށް ބޮޑަށް ވިސްނައިގެން ކަމަށާއި، ބާސާއިން އަބަދު ވެސް ދެކެނީ ޗެލްސީއަކީ އިދިކޮޅަށް ކުޅެން އުނދަގޫ ޓީމެއްގެެ ގޮތުގައި ކަމަށެވެ. ޗެލްސީއާއި ބާސާ ވާދަކުރާ މެޗު އޮންނާނީ ރާއްޖެގަޑިން މިރޭ 12:45 ގަ އެވެ.

comment ކޮމެންޓް