މިދިޔަ އަހަރުގެ ބަޖެޓު އަރަނިވުމުން ސިންގަޕޫރުގެ ރައްޔިތުންނަށް ހާއްސަ އިނާޔަތެއް ދެނީ

ސިންގަޕޫރު. ބަޖެޓު ސާޕްލަސް ވުމުން ސިންގަޕޫރުގެ ރައްޔިތުންނަށް ހާއްސަ އިނާޔަތެއް ދިނުމަށް ވަނީ ނިންމާފައި--ފޮޓޯ: އޭއެފްޕީ

ސިންގަޕޫރުގެ ބަޖެޓް "ސާޕްލަސް" ނުވަތަ އަރަނިވުމުގެ ސަބަބުން އެގައުމުގެ ރައްޔިތުންނަށް ހާއްސަ އިނާޔަތެއް ދިނުމަށް ނިންމައިފިއެވެ.

ސިންގަޕޫރުގެ ފައިނޭންސް މިނިސްޓަރު ހެންގް ސްވީ ކީޓް އިއްޔެ ޕާލެމެންޓުގައި ބަޖެޓާ ބެހޭގޮތުން ވާހަކަދައްކަވަމުން ވަނީ ރައްޔިތުންނަށް ފައިސާގެ އިނާޔަތެއް ދޭނެކަން އިއުލާންކުރައްވައިފައެވެ. މި އިނާޔަތަށް ކިޔަނީ "އެސްޖީ ބޯނަސް"އެވެ.

ހެންގް ވިދާޅުވީ ބޯނަސް ދިނުމުން، ސިންގަޕޫރުން އެގައުމުގެ ތަރައްގީގެ ފޮނި ރަހަ ރައްޔިތުންނާ ހިއްސާކުރުމުށް އަބަދުވެސް މަސައްކަތްކުރާކަން ހާމަވެގެން ދާނެ ކަމަށެވެ.

ސިންގަޕޫރުގެ ބަޖެޓް އަރަނިވުމުގެ ސަބަބުން މިދިޔަ އަހަރު ވަނީ 9.6 ބިލިއަން ސިންގަޕޯ ޑޮލަރު އިތުރުވެފައެވެ. މިއީ ކުރިން ލަފާކުރި މިންވަރަށް ވުރެ 1.9 ބިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

ސިންގަޕޫރުން ނިންމާފައިވަނީ އެގައުމުގައި 21 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ހާއްސަ އިނާޔަތެއްގެ ގޮތުގައި 100 ޑޮލަރާ 300 ޑޮލަރާ ދެމެދުގެ އަދަދެއް ދިނުމަށެވެ. އިނާޔަތް ދޭން ނިންމާފައިވަނީ ލިބޭ އާމްދަނީއަށް ރިއާއަތްކުރުމަށްފަހު، މަދުން އާމްދަނީ ލިބޭ މީހުންނަށް ބޮޑު އިނާޔަތް ލިބޭ ގޮތަށެވެ. މި އިނާޔަތް ދިނުމަށް ގާތްގަނޑަކަށް 700 މިލިޔަން ސިންގަޕޯ ޑޮލަރު ހޭދަކުރުމަށް ސަރުކާރުން ނިންމާފައިވެއެވެ.

މިދިޔަ އަހަރުގެ ބަޖެޓު ސާޕްލަސްއިން، ސިންގަޕޫރުގެ ރެއިލްވޭ އިންފްރާސްޓްރަކްޗާ ފަންޑަށް ފަސް ބިލިއަން ޑޮލަރު ލުމަށް ވަނީ ނިންމާފައެވެ. އަދި މުސްތަގުބަލުގައި ބޭނުންކުރުމަށްޓަކައި، ފައިސާ ފަހަށް ރައްކާކުރުމަށްވެސް ސިންގަޕޫރު ސަރުކާރުން ނިންމާފައިވެއެވެ.

ބަޖެޓް އަރަނިވެފައިވަނީ ސިންގަޕޫރުގެ ސްޓެޗުޓަރީ ބޯޑުންނާއި، ސްޓޭމްޕު ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ.

މަސްދަރު: ސްޓްރެއިޓް ޓައިމްސް

comment ކޮމެންޓް