މެޗު ޕްރިވިއު: ބެންގަލޫރު އެފްސީ - ޓީސީ ސްޕޯޓްސް ކްލަބު

އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ ފުރަތަމަ ލެގު މެޗުގެ ތެރެއިން ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

އޭއެފްސީ ކަޕުގެ ކޮލިފިކޭޝަން ޕްލޭ އޮފްގެ ދެވަނަ ލެގުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި އިންޑިއާގެ ބެންގަލޫރު އެފްސީ މިއަދު ނުކުންނާނެއެވެ.

ފުރަތަމަ ލެގުގެ ނަތީޖާ: ޓީސީ 2 - 3 ބެންގަލޫރު އެފްސީ

ޓީސީ ސްޕޯޓްސް ކްލަބު

އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރި މެޗަށް ޓީސީ ނެރުނު ފުރަތަމަ 11 ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ޓީސީން މިއަދުގެ މެޗަށް ނުކުންނައިރު އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވުމަށް ބޮޑު މަސައްކަތެއް ކުރަން ޖެހެއެވެ. ހޯމްގައި ކުޅުނު ފުރަތަމަ ލެގުގައި ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވުމުގެ ނަތީޖާއަކަށްވީ 3-2 ގެ ނަތީޖާއަކުން ބަލިވުމެވެ. އިންޑިއާގެ އިތުރުން ސަރަހައްދީ ބޮޑު ކްލަބެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ބެންގަލޫރު އެފްސީއަކީ އޭއެފްސީ ކަޕުގައި ރަނގަޅު ތަޖުރިބާއެއް އޮތް ޓީމަކަށްވާއިރު، މިއީ ޓީސީން އޭއެފްސީ ކަޕު ކުޅޭ ފުރަތަމަ ފަހަރެވެ. ޓީސީން ކޮލިފިކޭޝަންއަށް ދަތުރުކުރީ ޕްރިލިމިނަރީ ބުރުގެ ދެ ލެގުންވެސް ބަންގުލަދޭޝްގެ ސައިފްް ސްޕޯޓިން ކްލަބު ބަލިކޮށްގެންނެވެ.

މިމެޗަށް ޓީސީން ނެރޭނެ ކަމަށް ބެލެވެނީ މާލޭ ގައި ކުޅުނު ފުރަތަމަ ލެގުގައިވެސް ނެރުނު ފުރަތަމަ 11 އެވެ. ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ މުހައްމަދު އައްޒާމްހުރީ އަދިވެސް އަނިޔާގައެވެ. އޭނާ ޓީމާއެކު ދަތުރު ނުކުރެއެވެ. އަދި ޓީސީން އޭއެފްސީ ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި އަނިޔާވި ބިދޭސީ ކީޕަރު ޑިމީޓްރީ އަސްނިން އަދިވެސް ހުރީ އަނިޔާގައެވެ. މިއަދުގެ މެޗުގައިވެސް ޓީސީގެ ގޯލް ބަލަހައްޓާނެ ކަމަށް ބެލެވެނީ ކީޕަރު އިބްރާހީމް ނަދީމެވެ.

ކޯޗު: މުހައްމަދު ނިޒާމް (ނިޒާމްބެ)

މެޗުގެ ކުރިން ކޯޗު ބުނީ ކީކޭ؟

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ނޫސްވެރިންނާ ވާހަކަ ދައްކަނީ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މެޗާ ދޭތެރޭ ދެކޭގޮތް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ވަނީ 'ސަން ސްޕޯޓްސް' އަށް ހިއްސާކޮށްފައެވެ. އެގޮތުން ނިޒާމްބެ ބުނީ ފުރަތަމަ ލެގުގައި ބަލިވެފައި އޮތް ނަމަވެސް ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ. ހާއްސަކޮށް ބެންގަލޫރު އެފްސީ ފަދަ ވަރުގަދަ ޓީމަކާއެކު ކުޅުމަށް ޓީމު އޮތީ ވަރަށް ބޮޑަށް ކޮންފިޑެންސް ރަނގަޅުކޮށް ކަމަށްވެސް ނިޒާމްބެ ބުންޏެވެ. ނިޒާމްބެ އިތުރަށް ބުނީ އިންޑިއާގެ ބެންގަލޫރު އެފްސީއަކީ ވަރުގަދަ ޓީމެއް ނަމަވެސް، އެ ކްލަބުގެ ހޯމްގައި ބަލިކުރެވިދާނެ ކަމަށެވެ.

ބެންގަލޫރު އެފްސީ

އޭއެފްސީ ކަޕް ޕްލޭ އޯފްގައި ރާއްޖޭގެ ޓީސީއާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރި މެޗަށް ބެންގަލޫރު އެފްސީން ނެރުނު ފުރަތަމަ 11 ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

އިންޑިއާގެ ބެންގަލޫރު އެފްސީއަކީ މި ސަރަހައްދުގައިވެސް އެންމެވަރުގަދަ އެއް ކްލަބެވެ. ކޯޗު އަލްބާޓް ރޯކާއާއެކު 2016 ވަނަ އަހަރު އޭއެފްސީ ކަޕްގެ ރަނަރަޕްކަންވެސް ބެންގަލޫރުން ހޯދާފައިވާއިރު، އެޓީމު މިވަގުތު އޮތީ އިންޑިއަން ސުޕަލީގުގެވެސް އެއްވަނައިގައެވެ. މިދިޔަ ހަފްތާ ތެރޭގައި ލީގުގެ ދެވަނައިގައި އޮތް ޕޫނޭ ސިޓީ އެފްސީއާ ކުޅުނު މެޗުން ބެންގަލޫރު އެެއްވަރުވެފައިވާއިރު، އެޓީމަށްވަނީ ސުޕަ ލީގުގެ ސެމީފައިނަލް ޔަގީންވެފައެވެ.

މާލޭގައި ކުޅުނު ކޮލިފައިން ފުރަތަމަ ލެގުގައި ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި ބެންގަލޫރު އެފްސީން ކުޅުނީ މުހިއްމު ބައެއް ކުޅުންތެރިން ކަމަށްވާ ކެޕްޓަން ސުނިލް ޗެތުރީއާއި ގަރުޕްރީތު ސިންހުގެ އިތުރުން ބިދޭސީ ދެ ކުޅުންތެރިންވެސް ނުލައެވެ. ލީގުގެ އެއްވަނަ ދެމެހެއްޓުމަށް މުހިއްމު މެޗުތަކެއް ކުރިއަށް އޮތްއިރު، މިއަދުގެ މެޗަށްވެސް ބެންގަލޫރު އެފްސީގެ ސްކޮޑުން ބަދަލުތަކެއް ފެނުން ގާތެވެ.

ފުރަތަމަ މެޗުގައި ގޯލް ޖެހި އޮސްޓްރޭލިއާގެ މިޑްފީލްޑަރު ބޮއިތަންގް ހައޮކިޕްގެ އިތުރުން ޑެނިއަލް ލައްލީޕޫއާ އަދި ސެމްބޯއީވެސް މިއަދުގެ މެޗުގައި ފެނުން ގާތެވެ. އަދި މާލޭގައި ކުޅުނު މެޗުގައި ގޯލް ބެލެހެއްޓި ކީޕަރު ލަލްތުއައްމަވިއާ ރަލްޓޭ ބަދަލުގައި ފެނުން ގާތީ އާއްމުކޮށް ފުރަތަމަ 11 ގައި ހިމެނޭ ކީޕަރު ގާޕްރީތު ސިންހް ސަންދޫއެވެ. ސަންދޫއަކީ އިންޑިއާގެ ގައުމީ ޓީމުގެވެސް ގޯލް ކީޕަރެވެ.

ކޯޗު: އަލްބާޓް ރޯކާ

މެޗުގެ ކުރިން ކޯޗު ބުނީ ކީކޭ؟

އިންޑިއާގެ ބެންގަލޫރު އެފްސީ މާލެ އައުމުގެ ތެރެއިން ކޯޗު އަލްބާޓް ރޯކާ --- ފޮޓޯ/ އޭޕީ

މިއަދުގެ މެޗާ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު ރޯކާ ބުނެފައިވަނީ ފުރަތަމަ ލެގުގައި މޮޅުވެފައި އޮތުމުން މެޗު ފަސޭހަކޮށް ނުލާނެ ކަމަށެވެ. އަދި ރާއްޖޭގެ މޫސުމާއި ދަނޑުގެ މައްސަލަތައް ދިމާވި ނަމަވެސް އަމިއްލަ ދަނޑުގައި ކުޅެ މޮޅުވާން ފަސޭހަވާނެ ކަމަށްވެސް ރޯކާ ފާހަގަކުރިއެވެ.

ރޯކާ ބުނީ ފުރަތަމަ ލެގުގައި ޓީމުގެ ޒުވާން ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، މިއަދުގެ މެޗުގައި އެ ކުޅުންތެރިން ބޭނުން ކުރުމާ މެދު ވަކި ގޮތެއް އަދި ނުނިންމާ ކަމަށެވެ. ޓީމާ މެދު އިތުބާރު ބޮޑު ކަމަށާއި، މިއަދުގެ މެޗަށް ނުކުންނާނީ މޮޅުވާން ކަމަށްވެސް ރޯކާ ބުނެފައިވެއެވެ.

މެޗު ގަޑި: ރާއްޖެ ގަޑިން 19:30

ސްޓޭޑިއަމް: ސްރީ ކަންޓީވަރަ ސްޓޭޑިއަމް، ބެންގަލޫރު، އިންޑިއާ

comment ކޮމެންޓް