Sun Online
ސްޕެއިންގެ ޗާޓަރު އެއާލައިން އެވެލޮޕް އެއާލައިންސް ---
ސްޕެއިންގެ ޗާޓަރު އެއާލައިން އެވެލޮޕް އެއާލައިންސް ---

ވިލާތުން ރާއްޖެ އަންނަން އޮތް ޗާޓަރު ފްލައިޓެއް ކެންސަލްކޮށްފި

މާހިލް މުހައްމަދު
ލިޔުނީމާހިލް މުހައްމަދު

މި އަހަރުގެ ހޫނު މޫސުން (ސަމާ)އާ ދިމާކޮށް ޔޫރަޕުން ފަތުރުވެރިން ގޮވައިގެން ރާއްޖެއަށް ފެށުމަށް ހަމަޖެހިފައި އޮތް ސްޕެއިންގެ އެވެލޮޕް އެއާލައިންސްގެ ޗާޓަރު ފްލައިޓުތަކެއް، ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމާ ގުޅިގެން، ކެންސަލްކޮށްފިއެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ސިޔާސީ ގޮތުން ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި ފަތުރުވެރިކަމުގެ ވިޔަފާރީގައި އުޅޭ ގިނަ ފަރާތްތަކަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރާއްޖޭގެ ޓުއާ އޮޕަރޭޓަރެއް ކަމުގައިވާ ކެޕިޓަލް ޓްރެވަލް އެންޑް ޓުއާޒްގެ ސީއީއޯ ޔޫސުފް ރިއްފަތު "ސަން"އަށް ވިދާޅުވި ގޮތުގައި، މި އަހަރުގެ މެއި މަހުން ފެށިގެން އޮކްޓޯބަރާ ހަމައަށް ސްޕެއިނުން ރާއްޖެ އަންނަން ހަމަޖެހިފައި އޮތް ޗާޓަރު ފްލައިޓުތަކެއް ވަނީ، ރާއްޖޭގައި މިހާރު އޮތް ހާލަތާ ގުޅިގެން ކެންސަލް ކޮށްފައެވެ.

"ރާއްޖެ ފަދަ ގައުމެއްގައި ސްޓޭޓް އޮފް އެމަޖެންސީ އިއުލާނުކުރުމަކީ، ބޭރު މީހުންގެ ނަޒަރުގައި ވަރަށް ނުރައްކާތެރި ހާލަތެއް. ހަމަ އެއާ އެކު އެގައުމުތަކުގެ ސަރުކާރުތަކުން އެ ގެންދަވަނީ ޓްރެވަލް އެޑްވައިޒަރީތައް ވެސް ނެރެމުން،" ރިއްފަތު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސްޕެއިންއިން ރާއްޖެއަށް މި ޗާޓަރު ފްލައިޓުތައް ފެށުމުގެ ކުރިން، އެގައުމުގެ ބަޔަކު މިދިޔަ ނޮވެމްބަރު މަހު ރާއްޖެ އައިސް އިންތިޒާމުތައް ވެސް ބެލި އެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހު ސްޕެއިންގައި ބޭއްވި ފިތޫރް 2018 އެގްޒިބިޝަންގައި އެ ޗާޓަރު ފްލައިޓު ޕްރޮމޯޓުކުރުމުގެ މަސައްކަތް ވެސް ކޮށްފައިވެއެވެ.

"މިއިން ކޮންމެ ފްލައިޓަކުން 250 ފަތުރުވެރިން ރާއްޖެ އައިސް، ގާތްގަނޑަކަށް ހަތް ދުވަސް މިކޮޅުގައި ހޭދަ ކުރާނެ. އެކަމަކު ފްލައިޓުތައް ކެންސަލް ކުރުމުން މި ކުރިމަތިވީ ވަރަށް ބޮޑު ގެއްލުމަކާ،"

މިހާރު އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ އިރު، ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިސްމާއިލް ހަމީދު ކުރެއްވި އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ މާކެޓަކީ ނާޒުކު މާކެޓެއް ކަމަށާއި މުއްދަތު އިތުރުކޮށްފި ނަމަ ފަތުރުވެރިކަމަށް އެތައް މިލިޔަން ޑޮލަރެއްގެ ގެއްލުން ވެގެންދާނެ ކަމަށެވެ.

infinity loading...
×
DB released 01.