ސީރިއާ ސަރުކާރުން ދިން ހަމަލާތަކުގައި އެއް ދުވަސް ތެރޭ 77 މީހަކު މަރުވެއްޖެ

އާދިއްތަ ދުވަހު ސީރިއާގެ ސަރުކާރުން ދިން ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި 20 ކުޑަކުދިން ހިމެނޭ -- ފޮޓޯ: އަންދަލޫ

ދިމިޝްގު (ފެބްރުއަރީ 20): ސީރިއާގައި އިދިކޮޅު ފަރާތްތަކުން ހިފާފައިވާ އިރުމަތީ ގޯތާއަށް ސަރުކާރުގެ ފައުޖުތަކުން ދިން ހަމަލާތަކުގައި އެއް ދުވަސް ތެރޭ 77 މީހަކު މަރުވެއްޖެ އެވެ.

ސީރިއާގެ ހަނގުރާމަ މޮނިޓާ ކުރާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނި ގޮތުގައި ދިމިޝްގު ކައިރީ އޮންނަ ގޯތާއަށް އާދިއްތަ ދުވަހު ދިން ވައިގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދުތަކަށެވެ.

އަދި އެހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި 20 ކުޑަކުދިން ހިމެނޭ ކަމަށާއި އަނިޔާވި މީހުންގެ އަދަދު 300 އަށް އަރާ ކަމަށް ސީރިއަން އޮބްޒަވޭޓަރީން ބުންޏެވެ.

މީގެ އިތުރުން އެއޮބްޒަވޭޓަރީން ބުނި ގޮތުގައި އާދިއްތަ ދުވަހު ދިން ވައިގެ ހަމަލާތަކަށް ފަހު ސީރިއާ ސަރުކާރުން ދަނީ ގޯތާއަށް އެއްގަމު މަގުން ވަރުގަދަ ހަމަލާއެއް ދޭން ތައްޔާރުވަމުންނެވެ.

ގޯތާއަކީ އިދިކޮޅު ފަރާތްތަކުން ހިފާފައިވާ ސަރަހައްދެއް ނަމަވެސް 2013 ވަނަ އަހަރުން ފެށިގެން އެ ސަރަހައްދު އޮތީ ސީރިއާ ސަރުކާރުން ހިސާރުކޮށްފަ އެވެ. އަދި އދ. އިން ބުނާ ގޮތުގައި އިރުމަތީ ގޯތާގައި ދިރިއުޅޭ މީހުންގެ އަދަދު 400،000 އަށް އަރާ އިރު އޭގެ ތެރެއިން އެހީއަށް ބޭނުންވެފައިވާ މީހުންގެ އަދަދު 272،500 އަށް އަރައި އެވެ.

ސީރިއާގެ ހަނގުރާމައަށް އަންނަ މަހު ހަތް އަހަރު ފުރޭ އިރު، އެހަނގުރާމައިގެ ސަބަބުން އެތައް ހާސް މީހުން މަރުވެ ފަސް މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ގައުމު ދޫކޮށް ގޮސްފަ އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް