ސާފުކުރަން ބޭނުންކުރާ އެއްޗެއްހީގެ ސަބަބުން ނޭވާލާން އުނދަގޫވުން ފަދަ މައްސަލަތައް ދިމާވޭ

ގޭތެރެ ސާފުކުރަން ބޭނުންކުރާ އެކި ކަހަލަ އުފެއްދުންތަކުގައި ކެމިކަލް އެކުލެވޭ މިންވަރު ގިނަ ކަމަށާއި އެފަދަ އެއްޗެއްސަށް ހުށަހެޅުމަކީ ދުންފަތުގެ އިސްތިއުމާލު ކުރުމާ އެއްވަރުގެ ގެއްލުން ލިބޭނެ ކަމެއް ކަމަށް ސައިންޓިސްޓުން ބުނެއެފިއެވެ.

މިފަދަ އުފެއްދުންތަކުގެ ސަބަބުން ނޭވާލާން އުނދަގޫވުން ފަދަ މައްސަލަތައް ދިމާވާ ކަމަށާއި ނޭވާހިއްލުން ކުރިމަތި ވުމުގެ ފުރުސަތު 43 ޕަސެންޓަށް އިތުރުވާ ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ. މިއީ ވިހި އަހަރު ވަންދެން ދުވަލަކު 20 ސިނގިރޭޓު ބުއިމާ އެއްފަދަ ކަމެއް ކަމަށްވެސް އެ ފަރާތްތަކުން ބުނެއެވެ.

މި މައްސަލަ އެންމެ ބޮޑީ ސާފުކުރުމުގެ ވަޒީފާތަކުގައި އުޅޭ މީހުންނަށެވެ. އެގޮތުުން ފާޚާނާ ސާފުކުރަން ގެންގުޅޭ އުފެއްދުންތަކާއި ސިންކު ސާފުކުރާ އެއްޗެހި ބޭނުންކުރާއިރު އޭގައި އެކުލެވޭ ކެމިކަލްގެ އަސަރު އެ ގެންގުޅޭ މީހުންނަށް ކުރެއެވެ. އޭގެ ސަބަބުން އެމީހުންގެ ފުއްޕާމެއަށްވެސް ބޮޑެތި ގެއްލުންތައް ލިބެއެވެ.

ނޯވޭގެ ބާގެން ޔުނިވާސިޓީގެ ޕްރޮފެސަރެއްކަމަށްވާ އޮއިސްޓެން ސްވޭންސް ވިދާޅުވާގޮތުގައި ސާފުކުރަން ބޭނުންކުރާ އުފެއްދުންތަކުގައި އެކުލެވޭ ކެމިކަލް އަކީ ކޮންމެހެން ބޭނުން އެއްޗެއް ނޫނެވެ.

"މައިކްރޯ ފައިބާ ކްލޯތްސް އަދި ފެން ބޭނުންކޮށްގެން ސާފުކުރަންވީ. މިގެންގުޅޭ ކެމިކަލް އެކުލެވޭ އުފެއްދުންތަކަކީ ގިނަ ފަހަރަށް އެހާ މުހިއްމު އެއްޗެއްސެއް ނޫން،"

މިފަދަ އުފެއްދުންތަކުގައި ހުންނަ ކެމިކަލްތައް ވައިގެ ތެރެއަށް ގޮސް، ނޭވާލުމުގެ މައްސަލަތައް ހުންނަ މީހުންނަށް ކުރާ އަސަރު އިތުރުވާކަމަށް ދިރާސާގައި ބުނެފައިވެއެވެ. ސާފުކުރާއިރު، އެތަނަކީ ރަނގަޅަށް ވައި ދައުރުކުރާ ތަނަކަށްވެސް ހަދަންޖެހެއެވެ.

comment ކޮމެންޓް