'އައްޔާރީ' ލީކު ކޮށްލައިފި

ނީރަޖް ޕާންޑޭ ޑައިރެކްޓުކޮށް ސިދާރްތު މަލޯތުރާ ލީޑު ރޯލުން ފެނިގެންދާ ފިލްމު 'އައްޔާރީ' ލީކު ކޮށްލައިފި އެވެ.

ފިލްމުގެ ޕައިރޭޓެޑް ކޮޕީ އެއް ދައްކައިފައި ވަނީ އިންޑިއާގެ މަހާރަޝްތުރަ ސްޓޭޓް އިން ހިންގާ ބަހެއްގެ ތެރޭގަ އެވެ. ފިލްމު ދައްކައިފައި ވަނީ މުމްބާއީ އާއި ޕޫނޭ އާދެމެދު ދަތުރު ކުރާ މަހާރާޝްތުރަ ސްޓޭޓް ރޯޑް ޓްރާންސްޕޯޓް ކޯޕަރޭޝަން ޝިވްނެރީ ބަހުގަ އެވެ.

ފިލްމު ލީކު ކޮށްލައި ބަހެއްގެ ތެރޭގައި ދެއްކި ކަން ހާމަވެފައި ވަނީ، އެވަގުތު ބަހުން ދަތުރު ކުރަމުން ދިޔަ ފަސިންޖަރުން އެކަމާ ހިތްހަމަ ނުޖެހިގެން ސޯޝަލް މީޑިއާގައި އަޑު އުފުލަން ފެށުމުންނެވެ.

ފިލްމުގެ ޕްރޮޑިއުސަރުން ވަނީ ފިލްމު ލީކު ކޮށްލި މީހުންނާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. އެގޮތުން ވަރަށް އަވަހަށް މަހާރާޝްތުރަ ބަސް ސާވިސް ގޮވައިގެން ކޯޓަށް ދާނެ ކަމަށް ވަނީ ބުނެފަ އެވެ.

އަދި ސަރުކާރުން ޕައިރެސީ އަށް ފުރުސަތު ދޭނަމަ، އެކަން ހުއްޓުވޭނެ ގޮތެއް ނޯންނާނެ ކަމަށް ވެސް ފިލްމުގެ ޕްރޮޑިއުސަރުން ވަނީ ބުނެފަ އެވެ.

ސިދާރްތުގެ އިތުރުން، މަނޯޖް ބާޖްޕާއީ އަދި ރާކުލް ޕްރީތު ސިންގ ވެސް ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. އިންޑިއާގައި ފިލްމު ރިލީޒް ކޮށްފައި ވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.

comment ކޮމެންޓް