މިއަހަރުވެސް މާލޭ ލީގާއި މިނިވަން ޗެމްޕިއަންޝިޕްގެ ސްޕޮންސަރަކަށް އެސްޓީއޯ

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝަހީރު --- ފޮޓޯ/ އެފްއޭއެމް

މާލޭ ލީގާއި މިނިވަން ޗެމްޕިއަންޝިޕްގެ ސްޕޮންސަރެއްގެ ގޮތުގައި މިއަހަރުވެސް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ހަމަޖައްސައިފިއެވެ.

މާލޭ ލީގާއި މިނިވަން ޗެމްޕިއަންޝިޕްގެ ސްޕޮންސަރުގެ ގޮތުގައި އެސްޓީއޯ ހަމަޖައްސައި އެފްއޭއެމްއާއެކު މިއަދުވަނީ ސޮއިކޮށްފައެވެ. އެފްއޭއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްދެއްވީ އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ.

ދިވެހި ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނި ކަމަށްވާ އެސްޓީއޯއަކީ މިހާތަނަށް މިނިވަން ޗެމްޕިއަންޝިޕް ބޭއްވި ތިން އަހަރުގައިވެސް އެ މުބާރާތުގެ ސްޕޮންސަރެވެ.

އެފްއޭއެމްގެ އޮނިގަނޑަށް ގެނައި ބަދަލާއެކު މިދިޔަ އަހަރު ތައާރަފްކުރި މާލޭ ލީގުގެ، 2017 ވަނަ އަހަރުގެ ސްޕޮންސަރަކީވެސް އެސްޓީއޯއެވެ.

މިނިވަން ޗެމްޕިއަންޝިޕަކީ އަތޮޅު ތެރޭގެ ފުޓުބޯޅަ ކުރިއެރުވުމަށް އެފްއޭއެމްއިން ރާވާ ހިންގަމުންދާ މުބާރާތެކެވެ. އޮނިގަނޑަށް ގެނައި ބަދަލާއެކު މިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަަތަރެއްވަނީ ދިވެހި ޕްރިމިއާ ލީގުގައިވެސް ކުޅެފައެވެ. އަދި މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްވެސް ދިވެހި ޕްރިމިއާ ލީގުގައި ކުޅޭނެއެވެ. އަދި މިއަހަރު މާލޭ ލީގުގެ ގަދަ ހައެއް ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާނެއެވެ.

މިދިޔަ އަހަރު މާލޭ ލީގުގެ ޗެމްޕިއަން ޓީމަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމަކީ ދ. ކުޑަހުވަދުއެވެ.

comment ކޮމެންޓް