އެމްޓީސީސީން އަލްޝާލީ މެރިންއާއެކު ވިޔަފާރި އެއްބަސްވުމެއްގައި ސޮއިކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރަކްޓިން ކޮންޕެނީ (އެމްޓީސީސީ) އާއި ރާއްޖޭގައި ބޯޓް ބިލްޑިންގެ ދާއިރާގައި އެންމެ ފާހަގަ ކޮށްލެވޭ އެއް ކުންފުނި ކަމަށްވާ އަލްޝާލީ މެރިން މޯލްޑިވްސް އާއެކު ވިޔަފާރި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު އެމްޓީސީސީގެ ޓަވަރުގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތުއެވެ. އަލްޝާލީ މެރިންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީއެ ކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއިލް ޝަރީފުއެވެ.

އެ އެއްބަސްވުމަށްފަހުގައި ނޫސްވެރިން މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު އިސްމައިލް އަދުހަމް ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން ދެ ކުންފުނިން ވިޔަފާރީގައި އެހީތެރިކަން ދެމުންގެންދާނެ ކަމަށެވެ.

"މި ޓްރޭޑް ޕާޓްނާޝިޕް ބޮޑަށް އަޅުގަނޑުމެން މި ފޯކަސްކުރަނީ މިހާރު އަލްޝާލީ މެރިން އިން ބަންނަ ދޯނި ފަހަރާއި ލޯންޗް ފަހަރުގައި އަޅުގަނޑުމެންގެ ފަރާތުން މި ގެންގުޅޭ ބްރޭންޑްތައް ޔޫސް ކުރަން. މި އެއްބަސްވުމަކީ ދެފަރާތުގެ ވިޔަފާރި ފުޅާކުރަން ވަރަށް ރަނގަޅު ފުރުސަތެއް،" އަދުހަމް ވިދާޅުވިއެވެ.

މި އެއްބަސް ވުމުގެ ދަށުން އެމްޓީސީސީން ވިއްކަމުން އަންނަ ބޯޓްބިލްޑިން ބްރޭންޑްތައްވެސް އަލްޝާލީމެރިންގެ ބޯޓް އަދި ލޯންޗްތަކުގައި ބޭނުންކުރެވޭނެ ކަމަށްވެސް އަދުހަމް ވިދާޅުވިއެވެ.

އެއްބަސްވުމާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، އަލްޝާލީއަކީ ބޯޓް ބިލްޑިން ކުންފުންޏަކަށް ވެފައި އެމްޓީސީސީ ފަދަ ބޯޓްބިލްޑިންގެ ސާމާނު ސަޕްލައި ކުރާ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކުރުމުން ވިޔަފާރި ކުރުމަށް ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެން ދާނެކަމަށެވެ.

comment ކޮމެންޓް