ކޯޗު ފެނާންޑޯއާއެކު އުންމީދު ބޮޑު، އަލިފުށިން ޖޯޝާ ފޯރީގައި ތަށްޓަށް

އަލިފުށީ ޓީމު ކޯޗު ފެނާންޑޯއާއެކު --- ފޮޓޯ/ އަލިފުށީ ޓީމު ފޭސްބުކް

މިނިވަން ޗެމްޕިއަންޝިޕް 2017 ގައި ބައިވެރިވެ އަތޮޅު ބުރުން ކަޓައިގެން ދިޔަ ނަމަވެސް ރ. އަލިފުށިން މިއަހަރު ނުކުންނާނީ ސީދާ މުބާރާތުގެ ތަށްޓަށެވެ.

ޓީމު ކޯޗެއްގެ ގޮތުގައި ހަމްދުﷲ ފެނާންޑޯ ހަމަޖައްސާ ޓީމުގެ ފަރިތަކުރުންތައް މިހާރު ފަށާފައިވާއިރު، ޓީމާ ދޭތެރޭ އުންމީދު ބޮޑު ކަމަށް އެރަށު ކައުންސިލްގެ ނައިބު ރައީސް އަބްދުލްރަހުމާން ޔޫސުފް ވިދާޅުވިއެވެ.

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕަށް އަލިފުށީގެ ތައްޔާރިތައް "ސަން ސްޕޯޓްސް" އާ ހިއްސާކުރަމުން އަބްދުލްރަހުމާން ޔޫސުފް ވިދާޅުވީ މިދިޔަ އަހަރުގެ ޓީމާ އަޅާ ބަލާއިރު މިއަހަރުގެ ޓީމު ވަރަށް ބޮޑަށް ތަފާތުވާނެ ކަމަށެވެ. މިއަހަރު ނުކުންނަ ޓީމަކީ މުޅިން އާ، ޒުވާން ޓީމެއް ކަމަށާއި، ކޯޗު ފެނާންޑޯގެ އިރުޝާދާއެކު ޓީމުގެ ފަރިތަކުރުންތައް ވަރަށް ޖޯޝާ ފޯރީގައި ކުރިއަށްދާ ކަމަށްވެސް އަބްދުލްރަހުމާން ޔޫސުފް ވިދާޅުވިއެވެ.

"ރަށުން ސްކޮޑު މި އެކުލަވާލަނީ. ރަށުން ބޭރުގެ އެއްވެސް ކުޅުންތެރިއަކު ގެންނަން ނުވިސްނަން. ރަށުގައި އެބަތި ޒުވާން ކުޅުންތެރިންތަކެއް. ޓީމުގެ ކުޅުން މިދިޔަ އަހަރު ދަށް. އެހެން ނަމަވެސް މިއަހަރު މުޅިން ތަފާތު ގޮތަކަށް. ވަރަށް ފޯރީގައި މި ނުކުންނަނީ،" އަބްދުލްރަހުމާން ޔޫސުފް ވިދާޅުވިއެވެ.

އަލިފުށީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން --- ފޮޓޯ/ އަލިފުށީ ޓީމު ފޭސްބުކް

އަބްދުލްރަހުމާން ޔޫސުފް ވިދާޅުވީ މިފަހަރު ފަރިތަކުރުންތައް ފެށީވެސް ތަށްޓަށް އަމާޒުކޮށްގެން ކަމަށާއި، ޓީމުގެ ކުޅުންތެރިންގެ މޯޓިވޭޝަން އެ މިސްރާބަށް ގެންދިއުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"ޓީމު ފަރިތަކުރުންތައް ހެނދުނާ، ހަވީރު ކުރިއަށްދާނެ. ސީދާ ތަށްޓަށް އަމާޒުކޮށް ނުކުތީ. ޓީމުގެ މޯޓިވޭޝަން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަތަކެއް ކުރަމުން މިދަނީ،" އަބްދުލްރަހުމާން ޔޫސުފް ވިދާޅުވިއެވެ.

ރ. އަތޮޅުން ހަތަރު ޓީމު މިފަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ބައިވެރިވެފައިވާއިރު، ކޯޗު ފެނާންޑޯގެ ތަޖުރިބާއާއެކު އަލިފުއްޓަށް އުންމީދު ބޮޑެވެ.

ފެނާންޑޯއަކީ ރާއްޖޭގެ ފުޓުބޯޅައަށް ބޮޑު ހިދުމަތްތަކެއް ކޮށްދިން ކޯޗެކެވެ. ޒުވާން ޖީލުތަކެއް ފުޓުބޯޅައަށް ނެރެދިނުމުގެ އިތުރުން ރާއްޖޭގެ އެންމެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިން ގަލޮޅު ދަނޑާ ހަމައަށް ނެރެދިނުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރި އެއް ކޯޗަކީވެސް ފެނާންޑޯއެވެ.

comment ކޮމެންޓް