ރައީސް ނަޝީދު އިންޑިއާގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވައިފި

ކުރީގެ ރަޢީސް މުހައްމަދު ނަޝީދު އިންޑިޔާގެ ޑިފެންސް މިނިސްޓަރާއި އެކު--ފޮޓޯ/ ޓްވިޓާ

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ޑިފެންސް މިނިސްޓަރު ނިރްމަލާ ސިތާރަމަންއާ ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުވުމުގެ އިތުރު ތަފްސީލެއް ހިމެނުމެއް ނެތި ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ހާލަތާއި ގުޅޭ ގޮތުން އިންޑިއާގެ ޑިފެންސް މިނިސްޓަރަށް މައުލޫމާތު އެރުވުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ.

ރައީސް ނަޝީދު އެކަމަނާއާ ބައްދަލުކުރައްވާފައި މިވަނީ އެމަނިކުފާނު އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ. ރައީސް ނަޝީދުގެ އެ ދަތުރު ރޭ ވަނީ ނިންމަވާލައްވައިފައެވެ.

ރައީސް ނަޝީދުގެ ޓްވީޓަށް ރައްދު ދެއްވަމުން އެމަނިކުފާނާއި އިންޑިއާގެ ޑިފެންސް މިނިސްޓަރު އިންނެވި ފޮޓޯއަކާއެކު ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ހަސަން ތާޖުއްދީންގެ ދެ ދަރިކަލުންނާއި ނުވަވަނަ ހަސަން ރަސްގެފާނުވެސް ގައުމަށް ގައްދާރުވި ކަމަށާއި، އެފަދަ މީހުން މިހާރުވެސް އުޅެމުންދާ ކަމަށެވެ.

ރައީސް ނަޝީދު އިންޑިއާގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވާފައި ވާއިރު، ރާއްޖޭގެ ސަރުކާރުން އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން ސަރުކާރުން އަމަލު ކުރާ ގޮތެއް ބަލަން ތިބި ކަމަށް އިންޑިއާ ސަރުކާރުން ވަނީ ބުނެފައެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން ސަރުކާރުން އަމަލު ކުރާނެ ގޮތެއް ބަލަން މަޑުއްކޮށްލައިގެން މިތިބީ،" ރަވީޝް ކުމާރު ވިދާޅުވި އެވެ.

ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް އދއާއި ބައެއް ގައުމުތަކުންވެސް ގޮވާލާފައިވާ އިރު، ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ކުއްލި ހާލަތު 30 ދުވަހަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.

comment ކޮމެންޓް