މޯލްޑިވިއަން އައިޑަލް: ތިއޭޓާ ރައުންޑަށް ޓިކެޓް ލިބުނީ 33 ބައިވެރިންނަށް

މޯލްޑިވިއަން އައިޑަލް ރ. އުނގޫފާރު އޮޑިޝަން--- ފޮޓޯ: އައިޑަލް/ޓްވިޓާ

މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަންގެ އޮޑިޝަން ޝޯތައް ރޭ ވަނީ ނިންމާލައިފަ އެވެ. މާލެ، އައްޑޫ ސިޓީ އަދި ރ. އުނގޫފާރު އޮޑިޝަންތައް ހުކުރު ދުވަހުގެ ރެއިން ފެށިގެން ރެއާ ހަމައަށް ދައްކާފައިވާ އިރު ތިން އޮޑިޝަން އިން ޖުމްލަ 33 ބައިވެރިޔަކު ވަނީ ތިއޭޓާ ރައުންޑަށް ހޮވިފަ އެވެ.

ރޭގެ ޝޯ އަށް ބަލާއިރު އުނގޫފާރު އޮޑިޝަންގައި ފެނުނީ އެންމެ އަންހެން ކުއްޖެކެވެ. އުނގޫފާރަށް ނިސްބަތްވާ ހައްވާ އަދުލާ، 16، އަށް ގޯލްޑަން ޓިކެޓު ލިބިފައެއް ނުވެ އެވެ. ނަމަވެސް އަދުލާގެ ހިތްވަރަށާއި ހުނަރަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ.

ރޭގެ ޝޯގެ ހައިލައިޓަކީ ރ. މީދޫ އަށް ނިސްބަތްވާ ޝާން ޝަރީފް، 19، އެވެ. ބޮޑު ބެރު ގުރޫޕަކާ އެކު މިހާރު ވެސް ލަވަ ކިޔާ ޝާންގެ އަޑުގެ ޖާދޫގައި ޖަޖުން ޖައްސާފައިވާ އިރު ރޭގެ ޝޯ ކުރިއަށް ދިޔައިރު ޓުވިޓާގައި ވެސް ޝާން އަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ.

އޮޑިޝަން އިން ތިއޭޓާ ރައުންޑަށް ކޮލިފައިވި 33 ކުދިންނާ އެކު ތިއޭޓާ ރައުންޑުގެ ޝޯތައް މި ހަފްތާ ބަންދުގައި ދައްކާނެ އެވެ. އޮޑިޝަން އިން އެންމެ ފާހަގަވި ކަމަކީ މާލޭ އޮޑިޝަންގައި ވާދަކުރި އާމިނަތު ސައިނާ މުހައްމަދު ރަޝީދަށް ލިބުނު ގޯލްޑަން މައިކެވެ. ސައިނާ އަށް ލިބުނު ގޯލްޑަން މައިކާ އެކު ތިއޭޓާ ބުރުން ގްރޫޕު ލަވައިގައި ބައިވެރި ނުވެ އޭނާ ދެން ވާދަކުރަން ޖެހޭނީ އެ ބުރުގެ ސޯލޯ ޕާފޯމަންސްގަ އެވެ.

ތިއޭޓާ ބުރުން 16 ބައިވެރިޔަކު ޕިޔާނޯ ރައުންޑަށް ކޮލިފައިވާނެ އެވެ. އައިޑަލްގެެ ފޯރި އަދި ވެސް ކުރިއަށް އޮތީ އެވެ. އައިޑަލް ދައްކާ ވަގުތު ޓުވިޓާގައި ނަގާ ފޯރިއާ ނުލާ އައިޑަލް ފުރިހަމައެއް ނުވާނެ އެވެ.

comment ކޮމެންޓް