މަރުގެ ހުކުމް ތަންފީޒުކުރަން ވީމާ ގޯސް، ކުށްވެރިން ދޫކޮށްލަންވީމާ "އޯކޭ"!

ސްޕްރީމް ކޯޓު --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ގާނޫނު އަސާސީގައި ބުނެފައި ވަނީ ޝަރުއީ މަރުހަލާގައި އެންމެ ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށެވެ. އެއީ ދުސްތޫރީ ނިޒާމުގައި އެންމެ މަތީ ކޯޓެވެ. ހުރިހާ މަރުހަލާތަކެއް ނިމުމަށް ފަހު، އިންސާފާ މެދު ފަހު ބަސް ބުނާނީ އެ މަތީ ކޯޓުންނެވެ.

ޒިންމާތަކާއި ކޯޓަށް ދީފައިވާ އިހްތިސާސްތަކަށް ބަލާ އިރު އެއީ ވަރަށް މަތީ ތަނެކެވެ. އަދުލުވެރި ނިޒާމެއްގައި، އެ ތަނުން ނިންމާ ނިންމުންތަކަށް އިތުބާރު ކުރަން ޖެހެ އެވެ. އެއީ ހަގީގަތުގައި ވެސް ކަން އޮންނަންވާނެ ގޮތެވެ.

ރާއްޖޭގެ ސިޔާސީ ލޯތަކުން މިދެންނެވި ޝަރުއީ ދާއިރާއާ މެދު ދެކޭގޮތް ވަރަށް ތަފާތެވެ. މި މަހުގެ އެއް ވަނަ ދުވަހާ ހަމައަށް ސުޕްރީމް ކޯޓަކީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް، ހާއްސަ ގޮތެއްގައި މިވަގުތު ރާއްޖޭގެ ސިޔާސީ ގޮތުން އެންމެ ބޮޑު އިދިކޮޅު ފިކުރު ނުވަތަ އެމްޑީޕީގެ ފަރާތްތަކަށް އެހާ ކަމުދާ ތަނަކަށް ނުވެ އެވެ.

ކައިރި މާޒީއެއްގެ ތެރެއިން ވިސްނާ ނަމަ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އެމްޑީޕީގެ ވެރިކަން ނިމިގެން ދިޔައީ ވެސް ފަނޑިޔާރެއްގެ ސަބަބުންނޭ ބުނުމުގެ ފުރުޞަތު އެބައޮތެވެ. އަދި އޭރު އެމްޑީޕީން އެންމެ ބުރަކޮށް ކުރަމުން ދިޔަ މަސައްކަތަކީ އިންސާފު ހޯދުމަށް "އިންސާފުގެ ދަތުރެއް" ކުރުމެވެ. ނަމަވެސް ބަނދަރަކަށް ނުދެވި އުޅެނިކޮށް އެ ވެރިކަން ނިމި ޖެހިގެން އައި ވެރިކަމުގައި ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ދައުވާ ކުރިތަން ފެނިގެން ދިޔަ އެވެ.

އޮކްޓޯބަރު 17، 2016: ސުޕްރީމްކޯޓުގެ ބައެއް ފަނޑިޔާރުންނާ އެކު އޭޖީ މުހައްމަދު އަނިލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެން ވެސް އައީ އެމްޑީޕީގެ ފިކުރަށް ތާއިދު ކުރާ މީހުންނަށް އިންސާފާ މެދު ސުވާލު އުފެދޭނެ ފަދަ ދުވަސްތަކެކެވެ. އެ ދުވަސްތަކަށް ބަލާ އިރު ރައީސް ނަޝީދާ މެދު ކްރިމިނަލް ކޯޓުން ކުރި 13 އަހަރުގެ ހުކުމް، މަތީ ދެކޯޓުން ދެމެހެއްޓުން ވެސް ވެގެން ދިޔައީ އިންސާފު ރާއްޖޭގެ ކޯޓުތަކުން ނުލިބޭނެ ކަމަށް އެމީހުން ގަބޫލުކުރި ކަމެއް ކަމަށެވެ. އޭރު ރައީސް ނަޝީދުގެ ޝަރީއަތް "ފަޓާސް" ބަރިއެއްހެން ނިންމާލި ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ. އަދި ދިފާއުވުމަށް އެކަށީގެންވާ ފުރުޞަތެއް އެމަނިކުފާނަށް ނުލިބުނީތީ ޝަރުއީ ދާއިރާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

އެކެއް ފެބުރުއަރީގެ އަމުރާއި ހަމައަށް ވެސް އެކަން އޮތީ މިހެންނެވެ. ނަމަވެސް ކުއްލިއަކަށް ސުޕްރީމް ކޯޓުން ނިންމެވި ނިންމުމާ ގުޅިގެން އެ މަންޒަރު ބަދަލުވެއްޖެ އެވެ. ފަހަރެއްގައި އެމްޑީޕީން ގަބޫލުކުރާ ނިންމުން ނުވަތަ އިންސާފު ލިބުނީ އެދުވަހު ކަމަށް ވެދާނެ އެވެ. އިދިކޮޅު ހުރިހާ ލީޑަރުންހެން ކޮންމެ ވެސް ކުށެއްގައި ޖަލުގައި ތިއްބެވި އިރު ބޯމަތިވަމުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް މިއީ އެ ލީޑަރުންނަށް ލިބޭ ފަހު ފުރުޞާތައް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އެ އަމުރު ތަންފީޒު ކުރުމަށް ތަކުރާރުކޮށް ގޮވާލަމުން ދަނިކޮށް ސަރުކާރުން ވަނީ ހުކުމް ތަންފީޒު ކުރުމުގައި ދަތިތަކެއް ހުރި ކަމަށް ބުނެފަ އެވެ. އެގޮތުން ގާނޫނީ ގޮތުން ފުރިހަމަ ނުވާ ކަންތައްތަކެއް ހުކުމުގައި ހުރި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ދައުލަތުގެ ފަރާތުން ބަންޑާރަ ނައިބު ވިދާޅުވީ، އެ އަމުރު ތަންފީޒުކުރުމުގައި ހުރަސްތަކެއް ހުރި ކަމަށާއި އެކަންކަމުގައި ސުޕްރީމް ކޯޓުގެ ލަފައަށް އެދުމުން އޭރު "ޑިއު ޕްރޮސެސް"ގެ ތެރޭން އަމުރު ތަންފީޒުކުރުމަށް އުއްތަމަ ފަނޑިޔާރު ލަފާދެއްވި ކަމަށެވެ.

ސެޕްޓެމްބަރު 30، 2015:އޭޖީ މުހައްމަދު އަނިލް އަދި އުއްތަމަ ފަނޑީޔާރު މުހައްމަދު ސައީދު/ސަން ފޮޓޯ: ފަޔާޒު މޫސާ

އަމުރުގައި ބުނެފައި ހުރި ކަންކަމަށް ބަލާއިރު އެ އަމުރުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅުމާއި ހުކުމް ތަންފީޒު ކުރަމުން ދިޔަ ނުވަ ކުށްވެރިއަކު ދޫކޮށްލުމަށް އަމުރު ކުރުމެވެ.

މަޖިލީހުގެ މެންބަރުން އިންތިހާބުވި އިރު ހުރި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ގޮނޑިގެއްލޭ ގޮތަށް މީގެ ކުރިން ހުކުމް ކުރި ނަމަވެސް މިއަދާ ހަމައަށް ވެސް އެކަމާ ގުޅޭ ގާނޫނު ފާސްކޮށްފައި ނުވާ ކަމަށެވެ.

އެގޮތުގައި ދިގު ދެމިގެން ގޮސް ދެން ސަރުކާރަށް ކުރިމަތިލާން ޖެހުނީ ބޭރުގެ ޕްރެޝަރާ އެވެ. އަވަށްޓެރި ގައުމުތަކުން ފެށިގެން ގޮސް އދ.އާ ހަމައަށް ސަރުކާރުގެ މައްޗަށް ހުކުމް ތަންފީޒުކުރުމަށް ޕްރެޝަރު ކުރިތަން ފެނިގެންދިޔަ އެވެ.

އދ.ގެ ޖެނެރަލް ސެކެރެޓަރީ އެންޓޯނިއޯ ގުޓަރޭސް ވަނީ ސީދާ ގޮތެއްގައި އެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައްވައިފަ އެވެ. އަދި ސިޔާސީ ނުވަ ފަރާތެއް މިނިވަންކޮށް، ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަށް ތަބާވެ އަމަލު ކުރުމަށް އިންޑިއާއިން ވެސް ވަނީ ދިވެހި ސަރުކާރަށް ގޮވާލައިފަ އެވެ. ބައިނަލްއަގުވާމީ މުޖުތަމައުގެ އުންމީދަކީ ދިވެހި ސަރުކާރުން ރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވުން ކަމަށް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑައުރިސްވަނީ އޭރު ވިދާޅުވެފަ އެވެ.

ނަމަވެސް މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމި ނިންމުންތަކާ މެދު ބޭރު ދުނިޔޭގެ ކަނބޮޑުވުން ހުރީ މިހެންނެއް ނޫނެވެ. ހާއްސަ ގޮތެއްގައި ސުޕްރީމް ކޯޓުން މީގެ ކުރިން ކޮށްފައިވާ ބައެއް ހުކުމްތައް ތަންފީޒު ނުކުރުމަށް އެ ގައުމުތަކުން ވަނީ ގޮވާލާފަ އެވެ. އޭގެ ތެރޭގައި ސިޔާސީ ބައެއް ލީޑަރުންނަށް ކުރި ޖަލުގެ ހުކުމްތައް ވެސް ހިމެނެ އެވެ. އެ ހުކުމްތައް އަލުން އަނބުރާ ގެންދިޔުމަށް ބޭރުގެ ބޮޑެތި ބާރުތަކުން ސަރުކާރަށް ވަނީ ޕްރެޝަރުކޮށްފަ އެވެ.

އދ. ގެ ވޯކިންގް ގުރޫޕަށް ހުށައެޅިގެންދިޔަ ސިޔާސީ ލީޑަރުންގެ މައްސަލަތައް މިހާތަނަށް ނިންމާފައި ހުރީ ރާއްޖޭގެ ކޯޓު ތަކުން ނިންމާފައި ހުރި ގޮތާ ހިލާފަށެވެ. އަދި އެ ގުރޫޕްގެ ނިންމުން ތަކުގައި ކޯޓުތަކުން ކޮށްފައި ހުރި ހުކުމްތައް ކަމުނުދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ދެން ބޭރު ދުނިޔެއާ އިދިކޮޅުން ވެސް ކުރަން ބޭނުން ނުވާ އެއް ކަމަކީ މަރުގެ ހުކުމް ދިވެހިރާއްޖޭގައި ތަންފީޒު ކުރުމެވެ. ޝަރުއީ މަރުހަލާގެ ފަހުބަސް ބުނާ ބަޔަކީ ސުޕްރީމް ކޯޓަށް ވާއިރު އެ ހުކުމްތައް އެގޮތަށް ތަންފީޒު ނުކުރުމަށް ބޭރުގެ ފަރާތްތަކުން ވަނީ ގޮވާލާފަ އެވެ. ނަމަވެސް މަރަށް މަރުހިފުމަކީ އިތުރު އެއްވެސް ޝައްކެތް ނެތް މިންވަރަށް އިސްލާމީ ޝަރީއަތުން ސާބިތުވާކަމެކެވެ. އެކަން ކުރުމަށް ބޭރުގެ ފަރާތްތަކާއި އިދިކޮޅުން ނުރުހޭ ސަބަބަކީ ރާއްޖޭގެ ޝަރުއީ ނިޒާމަށް އެމީހުން އިތުބާރު ނުކުރުން ކަމަށް ވެދާނެ އެވެ.

ޖުޑިޝަރީގެ ގާނޫނު އިސްލާހުކުރާ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ސުޕްރީމް ކޯޓު

ސަރުކާރަށް ތާއިދުކުރާ ބައެއް މެމްބަރުން ބުނެފައި ވަނީ އެންމެ ފުރަތަމަ ތަންފީޒު ކުރުމަށް ގޮވާލަންވީ ސުޕްރީމް ކޯޓުން ވެސް ތާއިދުކޮށްފައިވާ މަރުގެ ހުކުމްތައް ކަމެވެ. ނަމަވެސް މަރުގެ ހުކުމްތައް ތަންފީޒު ކުރަންވީމާ ސުޕްރީމް ކޯޓު ގޯސްވެފައި ވަކި ހުކުމެއް ތަންފީޒު ކުރަންވީމާ ސުޕްރީމް ކޯޓު ރަނގަޅުވުމަކީ ބޭރުގެ ފަރާތްތަކާއި އިދިކޮޅުގެ ވެސް އިހުލާސްތެރިކަމާއި މެދު ސުވާލު އުފެދޭ ކަންކަން ކަމަށް ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ވިދާޅުވީ، ސަރުކާރުން މިހާތަނަށް ވެސް ސުޕްރީމް ކޯޓުގެ އަމުރުތަކަށް ތަބާވީ ޝަރުއީ ދާއިރާގެ ކަންކަމަކީ ސަރުކާރުން ބާރު ނުފޯރުވާ ކަންތައްތައް ކަމަށް ވާތީ ކަމަށެވެ. އަދި މިފަހަރުގެ ހުކުމުގައި ކަންބޮޑުވާ މައްސަލަތަކެއް ފާޅުގައި ފެންނަން ހުރުމުން ކަމަށެވެ.

އަދުރޭ ވިދާޅުވީ، އެކެއް ފެބުރުއަރީގައި ނެރުނު ހުކުމް ތަންފީޒު ކުރަން އިދިކޮޅުން ބޭނުން ވަނީ އެއީ އިދިކޮޅުގެ މަސްލަހަތު އޮތް ކަމަކަށްވާތީ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން އަދި އެހެން ކޯޓުތަކުން ވެސް ނިންމާފައިވާ ކަންކަން" ދުވަހަކު ވެސް ބަލައި ނުގަތް ބަޔަކު ކުއްލިއަކަށް ވަކި ހުކުމެއް ތަންފީޒު ކުރަން އުޅުމުން ސުވާލު އުފެދޭ" ކަމަށެވެ.

ސުޕްރީމް ކޯޓުން ފެބުރުއަރީމަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރުގައި ހިމެނޭ ގިނަކަންކަން ބާތިލު ކުރަން ނުވަތަ ފަސް ކުރަން އަންގާފައިވާ އިރު ކުރިން ސަރުކާރަށް އެ ކޯޓުގެ އަމުރުގައި ފެނުނު ފަދަ މައްސަލަތަކެއް މިއަދު އިދިކޮޅު ފަރާތްތަކަށް ވެސް ވަނީ ފެނިފަ އެވެ. ސުޕްރީމް ކޯޓުން މީގެ ކުރިން މުހިންމު ނިންމުންތަކެއް ނިންމާފައިވާ އިރު ސުވާލަކީ ތަބާވާން ޖެހޭނީ އެމީހަކު ހިތް އެދޭ އަމުރަކަށްތޯ ނުވަތަ އެ ކޯޓުގެ އިތުބާރު ދެމެހެއްޓޭނީ އެ ކޯޓުން ގާނޫނުގެ ތެރެއިން ކުރާ ކޮންމެ ހުކުމަކަށް ތަބާވެގެންތޯ އެވެ.

comment ކޮމެންޓް