ޕްރިޔާގެ ލޮލުގެ ޖާދޫގައި ރިޝީ ކަޕޫރު ވެސް ޖެހިއްޖެ

ލޯ މަރައިލި ގޮތަކުން އިންޓަނެޓް ސެންސޭޝަނަކަށް ވެގެން ދިޔަ މަލަޔާލަމް ބަތަލާ ޕްރިޔާ ޕްރަކާޝް ވޭރިއަރުގެ ކަތި ނަޒަރުގައި ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ރިޝީ ކަޕޫރު ވެސް ޖެހިއްޖެ އެވެ.

ލޯބިވެރިންގެ ދުވަހާ ދިމާކޮށް ރިލީޒް ކުރި ލަވައެއްގައި ހިމެނޭ މަންޒަރެއްގެ ސަބަބުން އެއް ދުވަހުގެ ތެރޭގައި ޕްރިޔާ ވަނީ ދުނިޔެއަށް މަޝްހޫރު ވެފަ އެވެ.

އަދި ސަނީ ލިއޯނީ ފަހަތަށް ޖައްސާލުމަށް ފަހު، އެންމެ ގިނައިން މީހުން ގޫގުލް ކުރި އިންޑިއާގެ އަންހެން އެކްޓަރުގެ ލަގަބު ވެސް ޕްރިޔާ އަށް ލިބިގެން ދިޔަ އެވެ.

ޕްރިޔާގެ ކަތި ނަޒަރުން އަސަރު ކުރީ ހަމައެކަނި ޒުވާން ފިރިހެން ކުދިންގެ ހިތްތަކަކަށް ނޫނެވެ. ރިޝީ ކަޕޫރު ވެސް މިވަނީ ޕްރިޔާގެ ޖާދޫގައި ރަނގަޅަށް ޖެހިފަ އެވެ.

ރިޝީ ކުރި ޓުވީޓެއްގައި އޭނާ ވަނީ ޕްރިޔާ އަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. އެގޮތުން ޕްރިޔާއަކީ ސުޕަސްޓާ އަކަށް ވާނެ ކުއްޖެއް ކަމަށް ބުނެފައިވެ އެވެ.

ރިޝީ ބުނީ ޕްރިޔާގެ އެކްޓިން ވަރަށް މޮޅު ކަމަށާއި މޫނުމައްޗަށް ގެންނަ ކުލަވަރުތައް ވަރަށް ސާފު ކަމަށެވެ. އަދި ޕްރިޔާގެ މައުސޫމުކަން ވެސް ރިޝީ ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން ރިޝީ ވަނީ، އޭނާގެ ޒުވާން ދުވަސްވަރު ޕްރިޔާ ފިލްމު ކުޅެން ނޫޅުނީ ކީއްވެތޯ ސުވާލު ކޮށްފަ އެވެ.

ރިޝީގެ ޓުވީޓަށް ޖަވާބު ދެމުން ޕްރިޔާ ބުނެފައި ވަނީ ބޮލީވުޑްގެ "ޕްރިންސް އޮފް ރޮމޭންސް"ގެ ފަރާތުން ހިތްވަރުގެ ބަސްތަކެއް ލިބިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ސޯޝަލް މީޑިއާގައި ވައިރަލް ވެގެން ދިޔަ ކްލިޕް އަކީ މަލަޔާލަމް ފިލްމު 'އޯރޫ އަދާރް ލަވް' ގައި ހިމެނޭ ލަވަ 'މަނިކިޔާ މަލަރާޔާ ޕޫވީ'ގެ މަންޒަރެކެވެ.

comment ކޮމެންޓް