ދެވަނަ ޑިވިޝަންގެ ރޮޗްޑޭލްއިން ޓޮޓެންހަމްއާ އެއްވަރުކޮށް، ވެމްބްލީއަށް

ހެރީ ކޭންއާއި ރޮޗްޑޭލްގެ ޑިފެންޑަރު ޖިމް މެކްނަލްޓީ --- ފޮޓޯ/ އޭޕީ

އިނގިރޭސި އެފްއޭ ކަޕުގައި ދެވަނަ ޑިވިޝަންގެ ރޮޗްޑޭލްއިން ވަރުގަދަ ކްލަބު ޓޮޓެންހަމްއާ އެއްވަރުކޮށް ދެވަނަ މެޗެއް ވެމްބްލީގައި ކުޅުމަށް ފުރުސަތު ހޯދައިފިއެވެ.

މެޗުގެ ކުރިން ރޮޗްޑޭލްގެ ދަނޑަށް ގިނަ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، އެދަނޑު ރޭގެ މެޗަށް ހާއްސަކޮށް އެއްވަރުކޮށްފައިވެއެވެ. ރޮޗްޑޭލް ދަނޑުގައި ރޭ ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނުއިރު، އެޓީމުން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފަހު ސިކުންތުކޮޅުގައެވެ.

މެޗުގެ ފުރަތަމަ ހާފްގައި ރޮޗްޑޭލްގެ ފަރާތުން ފެނިގެން ދިޔައީ ވަރަށް ބޮޑަށް ކުރިއަށް ޕުޝްކޮށްގެން ކުޅުނު ތަނެވެ. ރޮޗްޑޭލް ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑަށް މަސައްކަތްކުރި ތަން ފެނިގެން ދިޔައިރު، އެޓީމުން ވަނީ ހާފް ނިމެން ދަނިކޮށް ލީޑު ނަގައިފައެވެ. ހަލުވި ކައުންޓާ އެޓޭކެއްގައި ރޮޗްޑޭލަށް ލީޑު ނަގައިދިނީ އިއާން ހެންޑަސަންއެވެ.

ރޮޗްޑޭލްގެ ޑެފެންޑަރު މެގަހީޑީ މެޗަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ދެވަނަ ހާފްގައި ކުޅެން ނުކުމެ ޓޮޓެންހަމްއިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. މެޗުގެ 59 ވަނަ މިނެޓުގައި ޓޮޓެންހަމަށް އަލަށް ގުޅުނު ބްރެޒިލް މިޑްފީލްޑަރު ލޫކަސް މޯރާގެ ގޯލާއެކު އެޓީމުން ނަތީޖާ ހަމަހަމަކުރިއެވެ. މޯރާގެ ގޯލަށްފަހު ޓޮޓެންހަމްގެ ކުޅުން ރަނގަޅުކޮށް ފުލު ފުލުގައި ހަމަލާތައް އުފެއްދިތަން ފެނިގެން ދިޔައެވެ.

މެޗުގެ 88 ވަނަ މިނެޓުގައި ލިބުނު ޕެނެލްޓީ ކާމިޔާބުކޮށް ޓޮޓެންހަމްއިން ނަތީޖާ ހަމަހަމަކުރި ނަމަވެސް މެޗު ނިމެން ސިކުންތުކޮޅަކަށް ވެފައިވަނިކޮށް ސްޓީވް ޑޭވިސް ވަނީ ރޮޗްޑޭލްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ލޫކަސް މޯރާ: އޭނާ ޓޮޓެންހަމްއަށް ގުޅިފައިވަނީ މިދިޔަ ފިނި މޫސުމުގެ ޓްރާންސްފާ ސީޒަންގައި --- ފޮޓޯ/ އޭޕީ

މެޗަށްފަހު ވާހަކަ ދައްކަމުން ރޮޗްޑޭލަށް ފުރަތަމަ ގޯލު ކާމިޔާބުކޮށްދިން ހެންޑަސަން ބުނީ ވެންބްލީއަށް ދާން ކެތް މަދުވެފައިވާ ކަމަށާއި، ވެމްބްލީގައި ކުޅުމަކީ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއް ކަމަށެވެ.

ކޭންގެ ގޯލަށްފަހު އޭނާ އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ޓޮޓެންހަމާއި ރޮޗްޑޭލް ވާދަކުރާ ދެވަނަ މެޗު ކުޅޭނެ ތާރީހެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ. ދެވަނަ މެޗުން މޮޅުވާ ޓީމެއް އެފްއޭ ކަޕް ކުއާޓާއަށް ދަތުރުކުރާނެއެވެ.

comment ކޮމެންޓް