ޓައިގާ އާ އެކު "ބާޣީ 3" ވެސް އިއުލާނުކޮށްފި

ދެހާސް ސޯޅަ ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު 'ބާޣީ'ގެ ދެވަނަ ބައިގެ މަސައްކަތް ކުރިއަށް ދަނިކޮށް، ފިލްމުގެ ތިން ވަނަ ބައެއް ވެސް އިއުލާނުކޮށްފި އެވެ.

ޓުވިޓާ މެދުވެރިކޮށް 'ބާޣީ 3' އިއުލާނުކޮށްފައި ވާއިރު، ފިލްމުގެ ލީޑު ރޯލުން ފެނިގެން ދާނީ ހަމަ ޓައިގާ އެވެ. އަދި ފިލްމު ޑައިރެކްޓު ކުރާނީ 'ބާޣީ 2'ގެ ވެސް ޑައިރެކްޓަރު، އަހްމަދު ޚާން އެވެ.

'ބާޣީ' އަކީ ސާޖިދު ނާދިއާދްވާލާ ޕްރޮޑިއުސް ކުރާ ސީރީޒް އެކެވެ.

'ބާޣީ 2'ގެ ޝޫޓިން މިހާރު ކުރިއަށް ދާއިރު، އެ ފިލްމު ވެގެންދާނީ ފުރަތަމަ ފިލްމުގެ ސްޕިންއޯފް އަކަށެވެ. ފުރަތަމަ ބައިގައި ޓައިގާ ކުޅެފައި ވަނީ ލޯތްބަށް ޓަކައި ހަނގުރާމަ ކުރަމުން ދާ މީހެއްގެ ރޯލެވެ. 'ބާޣީ 2'ގައި ޓައިގާ ފެނިގެން ދާނީ ސިފައިންގެ މީހެއްގެ ރޯލުންނެވެ.

'ބާޣީ'ގެ ފުރަތަމަ ފިލްމުގައި ޓައިގާ އާއެކު ފެނިގެން ދިޔައީ ޝްރައްދާ ކަޕޫރު އެވެ. ނަމަވެސް 'ބާޣީ 2'ގައި ފެނިގެން ދާނީ ދިޝާ ޕަޓާނީ އެވެ.

މިއީ ދިޝާ އާއި ޓައިގާ އެކުގައި ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. ދެމީހުން ވަނީ މީގެ ކުރިން 'ބޭފިކްރާ' ކިޔާ ވީޑިއޯ ލަވައެއްގައި އެކުގައި ފެނިގެން ގޮސްފަ އެވެ.

'ބާޣީ 2' ރިލީޒް ކުރާނީ އަންނަ މާޗު މަހުގެ 30 ވަނަ ދުވަހު އެވެ.

comment ކޮމެންޓް