ޖެހިޖެހިގެން ތިން ވަނަ މެޗުން ރެއާލް މޮޅުވެއްޖެ

ރެއާލްއިން ވަނީ ޖެހިޖެހިގެން ތިން މެޗުން މޮޅުވެ ފޯމު ރަނގަޅު ކޮށްފައި --- ފޮޓޯ/ އޭޕީ

ޖެހިޖެހިގެން ތިން ވަނަ މެޗުން މޮޅުވެ ރެއާލް މެޑްރިޑުން ރަނގަޅު ފޯމެއް ދަމަހައްޓައިފި އެވެ.

ލަލީގާ ތާވަލުގެ ހަތަރުވަނާގައި މިވަގުތު ރެއާލް އޮތްއިރު މި ސީޒަނަކީ އެ ކްލަބަށް ދަތި ސީޒަނެކެވެ. ރަނގަޅު ފޯމަކަށް ޓީމު ނޭޅިގެން އުޅޭ އިރު، ކޯޗު ޒައިނުއްދީން ޒިދާން ވެސް ކުރިން ބުނެފައި ވަނީ ޖެހިޖެހިގެން ތިން މެޗަކުން މޮޅުވުމަކީ މި ސީޒަންގައި ރެއާލްއަށް އުނދަގޫ ކަމެއް ކަމަށެވެ.

ރޭގެ މެޗަށް ނުކުތުމުގެ ކުރިން ރެއާލްއިން ލީގުގައި ކުޅުނު މެޗު ކާމިޔާބުކުރުމުގެ އިތުރުން މިދިޔަ ހަފްތާ ތެރޭގައި ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގު މެޗު ވެސް ކާމިޔާބުކޮށްފައި އޮތުމަކީ ޓީމަށް ލިބުނު ބޮޑު ހިތްވަރަކެވެ.

ރެއާލްއާއި ބެޓިސް ވާދަކުރި މެޗުގެ ތެރެއިން: މެޗުގައި ބެޓިސްގެ ފަރާތުންވެސް ވަނީ މޮޅު ކުޅުމެއް ފެނިފައި --- ފޮޓޯ/ އޭޕީ

ރަށުން ބޭރުގައި ރެއާލް އިން ރެއާލް ބެޓިސް ބަލިކުރީ 5-3ގެ ނަތީޖައަކުންނެވެ.

ފޯރި ގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ފުރަތަމަ ލީޑު ނެގީ ރެއާލްއިންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި ރެއާލްއަށް ލީޑު ނަގައިދިނީ މާކޯ އެސެންސިއޯ އެވެ. އެސެންސިއޯގެ ގޯލުން ރެއާލް ލީޑު ނެގި ނަމަވެސް 33 ވަނަ މިނެޓުގައި އެއިއްސާ މަންޑީގެ ގޯލުން ބެޓިސްވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

މާކޯ އަސެންސިއޯ: އޭނާ ވަނީ ރޭގެ މެޗުގައި ތިން ގޯލް ޖަހައިފައި --- ފޮޓޯ/ އޭޕީ

ފުރަތަމަ ހާފް ނިމެންދަނިކޮށް، މެޗުގެ 37 ވަނަ މިނެޓުގައި ރެއާލްއަށް މާޔޫސްކަން ގެނުވީ ޑިފެންޑަރު ނަޗޯ ފެނާންޑޭޒް އަތުން ބައިކޮޅަށް ވަން ގޯލާއެކު ބެޓިސްއިން ލީޑު ނެގުމުންނެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނު އިރު ބެޓިސްއިން ލީޑުގައި އޮތް ނަމަވެސް ދެވަނަ ހާފަށް ނުކުމެ ރެއާލްއިން ވަނީ އަނެއްކާ ވެސް ލީޑު ނަގައިފަ އެވެ.

ކެޕްޓަން ސާޖިއޯ ރާމޯސް އަދި އެސެންސިއޯގެ ގޯލްތަކުން ރެއާލްއިން ދެވަނަ ފަހަރު ލީޑު ނަގައި، 65 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލާއެކު ލީޑު ފުޅާކުރި އެވެ. މެޗުގެ 85 ވަނަ މިނެޓުގައި ބެޓިސްގެ ލިއޯން ގޯލެއް ޖަހައި މެޗުގެ ނަތީޖާ 4-3 އަށް ބަދަލުކުރި ނަމަވެސް މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ކަރިމް ބެންޒެމާގެ ގޯލުން ރެއާލް އަނެއްކާ ވެސް ލީޑު ފުޅާކުރި އެވެ.

ރާމޯސްގެ ގޯލަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ރޭގެ މެޗުން މޮޅުވެ ރެއާލް އޮތީ ލަލީގާ ތާވަލުގެ ހަތަރުވަނައިގަ އެވެ. ލަލީގާ ތާވަލުގެ ތިންވަނާގައި އޮތް ވެލެންސިއާ އަށް ވުރެ ޕޮއިންޓެއް ދަށުގައި ރެއާލް އޮތީ އެއް މެޗު މަދުން ކުޅެގެންނެވެ. ދެވަނާގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ރެއާލްއާ ދެމެދު 10 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

comment ކޮމެންޓް