ޗެލްސީ ދޫކޮށް ދާން އުޅޭ ވާހަކަތަކަށް ހަޒާޑުގެ ޖަވާބު: ދާންވީމަ ދާނަން!

އިނގިރޭސި ޕްރިމިއާ ލީގު މެޗެއްގައި ލަނޑުޖެހުމަށް ފަހު، ހަޒާޑް އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ޗެލްސީގެ ބެލްޖިއަމް ތަރި އެޑެން ހަޒާޑް، އެ ކްލަބު ދޫކޮށް ދާން އުޅޭކަމަށް ދެކެވޭ ވާހަކަތަކަށް އޭނާ ޖަވާބުދާރީވެއްޖެއެވެ.

އުމުރުން 27 އަހަރުގެ ހަޒާޑް، ރެއާލް މެޑްރިޑާ ގުޅެން އުޅޭކަމަށް ހަބަރުތައް ބުނާ އިރު، ބޮޑު ހަރަދުތަކެއް ކުރަމުންދާ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އާ ވެސް އޭނާ ގުޅިދާނެ ކަމަށް ބައެއް ހަބަރުތައް ބުނަމުންދެއެވެ.

ރެއާލް ނުވަތަ ޕީއެސްޖީއާ ގުޅެން އުޅޭ ވާހަކަތަކުގެ އިތުރުން މެންޗެސްޓާ ސިޓީން ހަޒާޑަށް 100 މިލިއަން ޕައުންޑްގެ އަގެއް ހުށަހަޅަން އުޅޭކަމުގެ ވާހަކަތަކެއްވެސް ދާދިފަހުން ވަނީ ފެތުރިފައެވެ.

ޗެލްސީގައި އުފަލުގައި ހުރިކަމަށް ހަޒާޑް ބުނި ނަމަވެސް، ކުރިމަގުގައި އާ ޗެލެންޖަކާ ކުރިމަތިލާނެ ވަގުތެއް އަންނާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

"ފުޓްބޯޅައިގައި ކޮންމެ ކަމެއްވެސް ވެދާނެ. އަދި ފުޓްބޯޅައިގައި އެއް ކަމެއް ނުވެވެސް ހިނގައިދާނެ. ކޮންމެ އަހަރަކުވެސް ރެއާލް ނުވަތަ ޕީއެސްޖީގެ ވާހަކަ ދައްކާ. އަދި އަހަރެން ކްލަބު ބަދަލުކުރަން ބޭނުންނަމަ އެކަން ކުރާނަން. އެކަމަކު މިވަގުތު އަހަރެން މިހުރީ ރަނގަޅު ތަނުގައި،" ފްރާންސްގެ ފުޓްބޯޅަ ޕްރޮގްރާމް ޓެލެފުޓްއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

ހަޒާޑް ބުނީ ޗެލްސީއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓުގައި އަދި ބާކީ ދެ އަހަރު ދުވަސް އެބައޮތް ކަމަށާއި، މިވަގުތު އެ ކްލަބާއެކު ހުރިހާ ކަމެއްވެސް ދަނީ ރަނގަޅަށް ކަމަށެވެ. އަދި އެ ކްލަބުގެ ސަޕޯޓަރުންގެ ފަރާތުން ލިބޭ ތަރުހީބުވެސް ހަޒާޑް ފާހަގަކުރިއެވެ.

comment ކޮމެންޓް