ރެއާލް އަތުން ޕީއެސްޖީއަށް ލިބުނީ ހައްގު ބައްޔެއް ނޫން: ޒަވީ

ޗެމްޕިއަންސް ލީގުގައި ރެއާލްއާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 3-1ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އަތުން ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އަށް ލިބުނީ ހައްގު ބައްޔެއް ނޫން ކަމަށް ބާސެލޯނާގެ ކުރީގެ ތަރި ޒަވީ ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު މެޗުގައި ޕީއެސްޖީން ލީޑު ހޯދާފައި ވަނިކޮށް، ރެއާލުން ކުރި ހޯދީ 3-1ގެ ނަތީޖާއަކުންނެވެ.

މިދިޔަ ބުދަ ދުވަހު ކުޅުނު މެޗުގެ 33 ވަނަ މިނެޓުގައި ޕީއެސްޖީއަށް އެޑްރިއެން ރާބިއޮޓް ލީޑު ހޯދައިދީފައި ވަނިކޮށް، ފުރަތަމަ ހާފު ނިމެނިކޮށް ރެއާލަށް ލިބުނު ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ރެއާލަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މެޗުގައި ޕީއެސްޖީން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް، ދެވަނަ ހާފުގައި ރޮނާލްޑޯއާއި މާސެލޯގެ ލަނޑުން ރެއާލަށް ވަނީ މޮޅު ޔަގީންވެފަ އެވެ.

މިހާރު ގަތަރުގެ އަލް ސާދްއަށް ކުޅެމުންދާ ސްޕެއިން މިޑްފީލްޑަރު ޒަވީ ބުނީ ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިފައިނުވާ ކަމަށެވެ.

"ރެއާލްއާ ދެކޮޅަށް ކުޅޭ މެޗެއްގައި ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފިއްޖެ ނަމަ އެމީހުން އިދިކޮޅު ޓީމަށް ލަނޑު ދޭނެ. އެންމެ ހިތްދަތި ކަމަކީ އިދިކޮޅު ޓީމަށް ހިތި ނަތީޖާ ލިބުނީ އެއްވެސް ކަމަކާ ނުލައި. ކައުންޓާ އެޓޭކަކުން ރެއާލުން މެޗުގެ އޮއިވަރު ބަދަލުކޮށްލީ. އަދި އެންމެ ފަހުން 3-1 އިން އެ ނިމުނީ. އެމީހުން އެކަން ކުރީ ކިހިނެއް؟ އެއީ ޕީއެސްޖީއަށް ހައްގު ބައްޔެއް ނޫން،" ޒަވީ ބުންޏެވެ.

ބާސާގައި ކާމިޔާބީ ދުވަސްތަކެއް ހޭދަކުރި ޒަވީ ބުނީ އެހާ ބޮޑު ތަފާތަކުން ބަލިވުން ޕީއެސްޖީއަށް ހައްގު ނޫން ކަމަށާއި އެ މެޗަކީ 1-1، 2-2 އިން އެއްވަރުވެ ނުވަތަ 2-1 އިން ޕީއެސްޖީ މޮޅުވާން ޖެހޭ މެޗެއް ކަމަށެވެ.

އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ޕީއެސްޖީގެ ދަނޑުގައި ކުޅޭ ދެވަނަ ލެގު މެޗަށް ނުކުންނަ އިރު، ކުއާޓާ ފައިނަލުގެ ފުރުސަތު ބޮޑީ ރެއާލްއަށެވެ.

comment ކޮމެންޓް