މާދަމާގެ ޖަލްސާއަށް ކުއްލި ނުރައްކަލުގެ ގަރާރު އެޖެންޑާކޮށްފި

ރައީސް ޔާމީން، (މ) މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު (ވ) އާއި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކާއެކު-- ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ޤަރާރު، ރައްޔިތުންގެ މަޖިލީހުން، މާދަމާ ބާއްވާ ޚާއްޞަ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ދައުރުން ބޭރުގައި މާދަމާ ބާއްވަން ހަމަޖެހިފައިވާ ޚާއްސަ ޖްލަސާގެ އެޖެންޑާ ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި މިހާރު ވަނީ އާމުކޮށްފައެވެ.

މާދަމާ ހެނދުނު 11:00އަށް ތާވަލްކޮށްފައިވާ އެ ޖަލްސާގެ އެޖެންޑާގައި ވާގޮތުން، މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ޤަރާރު ނަންބަރު 3/2018 (ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު) ހިމެނެއެވެ.

މީގެ އިތުރުން ކުރިން ހުށަހެޅުއްވި ޤަރާރަށް އިޞްލާޙު ގެންނަވައި ނެރުއްވާފައިވާ ޤަރާރު ނަންބަރު 4/2018 (ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 3/2018 އިޞްލާޙުކުރުން) އަދި ޤަރާރު ނަންބަރު 5/2018 (ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 3/2018 އިޞްލާޙުކުރުން) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 257 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި އެ ޤަރާރާ ގުޅިގެން 18 ފެބުރުވަރީ 2018 ގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން ވެސް ހިމެނެއެވެ.

މަޖިލީހުގެ ހާއްސަ ޖަލްސާއެއް މާދަމާ ބާއްވަން ނިންމާފައިވާއިރު، ސަރުކާރުން މި މަހުގެ ފަސްވަނަ ވަނަ ދުވަހު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އަންގާރަ ދުވަހުގެ ރެއަށް ހަމަވާނެއެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ 15 ދުވަހަށެވެ.

ގާނޫނު އަސާސީގައި ބުނާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭގޮތުން ގޮތެއް ނިންމުމަށްޓަކައި، އެ ހާލަތު އިއުލާނުކުރާތާ 48 ގަޑިއިރުތެރޭގައި މަޖިލީހަށް ހުށަހަޅަން ޖެހެއެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ މަޖިލީހުގެ ދައުރުން ބޭރުގައި ނަމަ، 14 ދުވަހުގެ ތެރޭގައި މަޖިލީހުގެ ޖަލްސާއެއް ބާއްވައި، ގޮތެއް ނިންމަން ޖެހެއެވެ.

މަޖިލީހުގެ ޖަލްސާގެ އެޖެންޑާ އާންމުކޮށްފައި ވާއިރު، ސުޕްރީމް ކޯޓުން މިރޭ ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރަށް އަމަލުކުރުން ފަސްކުރުމަށް ނިންމައިފައެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށާއި، އެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިކުރަން ޖެހޭނެ ކަމަށް ބުނެ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނާ ބަޔަށް އަމަލުކުރުން މަޑުޖައްސާލަން އިލެކްޝަން ކޮމިޝަނަށާއި ރައްޔިތުން މަޖިލީހަށް އަމުރު ކުރާ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހަށް އައި ހަލަބޮލިކަމާއެކު، ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ޖަލްސާތައް އަދި ފެށިފައެއް ނުވެއެވެ. މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ޖަލްސާ މިމަހުގެ ފަސްވަނަ ދުވަހު ދަރުބާރުގޭގައި ބާއްވަން ތާވަލުކުރި ނަމަވެސް، ސަލާމަތީ ސަބަބުތަކަށްޓަކައި އެ ޖަލްސާ ވަނީ ފަސްކުރެވިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މާދަމާ ބާއްވާ، ޚާއްސަ ޖަލްސާގެ އެޖެންޑާގައި ވާގޮތުން، ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެއްސެވުން ވެސް މާދަމާ އޮންނާނެވެ.

comment ކޮމެންޓް