ފުލުހުންގެ ހައްޔަރުގައި ތިބި ހަމީހުންގެ ބަންދަށްވެސް ހަތް ދުވަސް!

މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން "ވޯމްއަޕް" ގެ ނަމުގައި މާލޭގައި ކުރިއަށްގެންދާ އެއްވުމުގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސަ

އިދިކޮޅު ފަރާތްތަކުން މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު މާލޭގައި ކުރި މުޒާހަރާތަކާ ގުޅިގެން މިވަގުތު ފުލުހުންގެ ހައްޔަރުގައި ތިބި މީހުންގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން މިރޭ 'ސަން' އަށް ވިދާޅުވީ، މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު މާލޭގައި ކުރި މުޒާހަރާތަކުގައި ޖުމްލަ 13 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށެވެ.

ނަމަވެސް އޭގެ ތެރެއިން ހަތް މީހަކަށް ނަސޭހަތް ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށާއި ފުލުހުންގެ ހައްޔަރުގައި މިވަގުތު ތިބީ ހަ ފިރިހެނުން ކަމަށް ޝިފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މުޒާހަރާގެ ތެރެއިން ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ތިބި އެ ހަ މީހުންގެ ބަންދަށް މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ.

ފުލުހުން މިރޭ ވަނީ، މުޒާހަރާ ކޮށްގެން ފުލުހުންގެ ބެލުމުގެ ދަށުގައި ގިނަ ބަޔަކު ތިބި ކަމަށް ބުނެ ހިއްސާ ކުރަމުންދާ މައުލޫމާތުތައް ވެސް ދޮގުކޮށްފައެވެ.

comment ކޮމެންޓް